Thursday, April 9, 2020

ކައުންސެލިންގ ދިނުން



ކައުންސެލިންގ ދިނުން
ޢަބުދުލް ޣަފޫރު އިސްމާޢީލް، ދޫރެސް / ރ. މީދޫ

ތަޢާރަފް
                މި އެސައިމަންޓަކީ ވިލާކޮލެޖުގެ ފެކެލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ ފަރާތުން ކުރިއަށްގެންދާ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ ކޯހުގެ ދެވަނަ ސެމިސްޓާރގައި ކިޔަވަމުންދާ ގައިޑަންސް އެންޑް ކައުންސެލިންގ މި މޮޑިއުލްގެ ދަށުން ލިޔެފައިވާ އެސައިމަންޓެކެވެ. މި އެސައިމަންޓްގެ މައިގަނޑު މަޤްޞަދަކީ ކައުންސެލިންގ ދިނުމުގައި ބޭނުންކުރެވޭ ތިއަރީތަކާއި ކައުންސެލިންގައި ބޭނުންކުރެވޭ ހަރުފަތްތަކާއި، ކައުންސެލިންގ އަކީ ކޮބައިކަން އެނގުމާއެކު ކައުންސެލިންގ ދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކާއި، އޭނާގެ ދައުރާއި އަދި އޭނާގެ ކިބައިގައި ހުންނަންޖެހޭ ހުނަރުތައް އެނގުމެވެ. އަދި މީގެ އިތުރުން މައްސަލަތައް ހުންނަ ދަރިވަރުންނާއި ނުވަތަ އެފަދަ ފަރާތްތަކާއި މުޢާމަލާތް ކުރާނެ ގޮތްތައް އެނގުމެވެ.
               މި އެސައިމަންޓް ފުރިހަމަކުރުމަށް ހިމަނާލާފައިވަނީ ކައުންސެލިންގ އަކީ ކޮބައިކަން، ކައުންސެލިންގ ސެޝަންތައް ކުރިއަށް ގެންދިއުމުގައި ބޭނުންކޮށްފައިވާ ތިއަރީތައް، ސެޝަންތައް ކުރިއަށް ދިޔަ ހަރުފަތްތައް، ކައުންސެލިންގ ދިނުމުގައި ބޭނުންކުރި އިންޓަރވެންޝަން، ކައުންސެލިންގ ދިނުމުގައި އިންޓަރ ވެންޝަން ބޭނުންކުރި ސަބަބު، އަދި އިންޓަރވެންޝަން ބޭނުންކުރެވޭނެ ޙާލަތްތަކާއި، އަދި ބޭނުންކުރާނެ ގޮތްތަކެވެ. މިފަދަ ސެޝަނެއް ކާމިޔާބު ކަމާއެކީ ކުރިއަށް ގެންދެވިއްޖެނަމަ ކުލަޔަންޓަށް އަންނާނެ މުހިއްމު ބަދަލުތައް ފާހަގަ ކުރެވިފައިވާނެއެވެ. އަދި މީގެ އިތުރުން ޕާރސަން ތިއަރިގައި ހުންނަންޖެހޭ އަސާސި ބައިތައްކަމުގައިވާ ކޮންގުރުއެންސީ، އެންޕަތި އަދި އަންކޮންޑިޝަނަލް ޕޮޒިޓިވް ރިގާރޑްގެ ބައިތައް ހިމަނާލާފައިވާނެއެވެ.
           ޢާއިޝަތު މުޙައްމަދު ދީދީ (2020) ހާމަކުރައްވާ ގޮތުގައި ކައުންސެލިންގ ފެށިގެންއައީ ނަޞޭޙަތް ދިނުމުގެ ތެރެއިންނެވެ. ނުވަތަ މަޢުލޫމާތު ދިނުމުގެ ތެރެއިންނެވެ. އެއީ އެކަކު އަނެއްކަކަށް ވާހަކަދެއްކުމާއި މުޢާމަލާތް ކުރުމުގެ ތެރެއިން  ހިނގާ ކަމެކެވެ. އެއީ ކައުންސެލިންގ ދިނުމެވެ.
            ކައުންސެލިންގ ބޭނުންވާ ފަރާތްތަކަށް ކައުންސެލިންގ ދިނުމުގެ ހަރުފަތްތަކަކީ ވަކި ނިޒާމެއްގެ ދަށުން، ރާވާ، އިންތިޒާމްކޮށް، އެފަރާތްތަކަށް ބޭނުންވާ ލަނޑުދަނޑި ކަނޑައަޅާ، އެ ލަނޑު ދަނޑި ޙާޞިލް ކުރުމަށް ކުލައެންޓާއި ކައުންސެލަރާއި ދެމެދު ވަކިތަރުތީބަކުން ރާވާލެވިފައިވާ މުޢާމަލާތް ތަކެކެވެ.
މައިގަނޑު
ކައުންސެލިންގ އަކީކޮބާ؟             
          ތަފާތުއެކި ޢުމުރުފުރާގެ މީހުންނަށް ނުވަތަ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމަށް ނުވަތަ އެހީތެރިވެދިނުމަށް ކިޔަނީ ކައުންސެލިނގ އެވެ. އެއީ ވަކި ހަމަތަކކާއި އުޞޫލްތަކެއްގެ މަތިން އަދި ވަކި މާޙައުލެއް ޤާއިމް ކޮށްދީގެން ކުރެވޭ މުހިއްމު ތަރުބިއްޔަތެކެވެ. މިއީ ދެފަރާތެއްގެ ދެމެދުގައި ކުރެވޭ މުޢާމަލާތެކެވެ. އެހީތެރިވެދޭ ފަރާތަކީ ކައުންސެލަރއެވެ. އަދި ޚިދުމަތް ލިބިގަންނަ ފަރާތަކީ ކްލައެންޓާރއެވެ. އެހެންކަމުން ކަންއުންސެލަރ، ކުލައެންޓާރ އަށް ދިމާވާ މައްސަލަތައް ތަޙައްމަލު ކޮށްދީ ، އެހީތެރިވެދިނުމަށް ކިޔަނީ ކައުންސިލިންގ ދިނުމެވެ. މި ދެފަރާތުގެ ގުޅުމަކީ ވަރަށް މުހިއްމު ގުޅުމެކެވެ. އެހެންކަމުން ކައުންސެލަރ މަސައްކަތް ކުރައްވަމުންގެންދަވާނީ ކްލައެޓާރގެ  ހިތުގައި އުފެދޭ އިހުސާސްތަކާއި ޖަޒުބާތުތައް ދުޅަހެޔޮ ގޮތުގައި ޤާއިމްކޮށްދިނުމަށެވެ. އަދި ނަފުސާނީ މައްސަލަތައް ހައްލު ކޮށްދިނުމަށްވެސް ކައުންސެރ މަސައްކަތް ކުރައްވާނެއެވެ.
           ޢާއިޝަތު މުޙައްމަދު ދިދީ (2020) ގައި ހާމަކުރައްވާގޮތުގައި ޕްރޮފެޝަނަލްކޮށް ކައުންސިލިންގގެ މަސައްކަތް ކުރުމަކީ ތިއަރީތަކަށް އަމާޒުކޮށްގެން ކުރުމުއްދަތަކަށް ކަނޑައެޅިގެން ކުރަންވީ ކަންތައްތައް ބުނެނުދީ ކްލައެންޓާރއަށް ދިމާވާ މައްސަލަތައް ހައްލު ކޮށްދިނުމަށް އެހީތެރިވެދިނުމެވެ. އަދި ކައުންސެލަރގެ ކިބާގައި ހުންނަންޖެހޭ ސިފަތައް، ހަމަތަކާއި އުޞޫލަތައް ހިފެހެއްޓުމާއެކު ކްލައެންޓާގެ މަޤްޞަދުތައް ޙާޞިލް ކޮށްދިނުމަށް މަސައްކައްކަތް ކޮށްދިނުމެވެ.
           ކައުންސިލިންގ ދިނުމުގައި ވިސްނަންޖެހޭ މުހިއްމު ބައިތަކެއްވެއެވެ. އެއީ ކައުންސެލިންގެ ތަފާތު ވައްތަރުތައް ދެނެގަތުމެވެ. ކައުންސެލިންގ މުހިއްމު އެއްޗެއްގެ ގޮތުގައި މުޖުތަމަޢު ބަލައިގަތީ، ދުނިޔެ ތަރައްޤީވެ، ތަހުޒީބުވެ، މީހުންގިނަވުމުގެ ސަބަބުންނެވެ. އެއިން އެނގިގެންދިޔައީ ކުރިމަތިވާ މައްސަލަތައް މަސައްކަތުގެ  މާޙައުލުގެ ތެރެއިން، ޢާއިލާގެ ތެރެއިން، ސްކޫލްތެރެއިން، އަދި މުޖުތަމަޢުގެ އެކިއެކި ކަންކަމުގެ ތެރެއިން ކައުންސެލިންގ ބޭނުންވާ މީހުން ގިނަވަމުން ދިޔަކަމެވެ. މީގެ އިތުރުން ނަފްސާނީ މައްސަލަތަކާއި، އިޖްތިމާޢީ މައްސަލަތައް ދިރިއުޅޭ ވެށީގެތެރޭގައި ގިނަވެ، ޢައްމުވަމުން ދިއުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ޢާއްމުފަރުދުންގެ ހާސްކަންއިތުރުވެ، ފިކުރު ބޮޑުވެ، ދިރިއުޅުމަށް ތަފާތު އަސަރު ކުރުމުގެ ސަބަބުންވެސް ކައުންސެލިންގ ބޮޑަށް ބޭނުންވެގެންދިޔައެވެ.
         ޢާއިޝަތު މުޙައްމަދު ދިދީ (2020) ގައި ހާމަކުރައްވާ ގޮތުގައި އިންޑަސްޓްރިއަލް ރިވޮލިއުޝަން 1880 އާއި 1900 ގެ ތެރޭގައި ކައުންސެލިންގ ފެށިގެން އައެވެ. އެދުވަސްވަރު ކައުންސެލިންގ ދިނުމަށް ހިތްވަރު ލިބިގެންދިޔައީ ނެޝަނަލް ވޮކޭޝަނަލް ގައިޑެންސް އެސޯސިއޭޝަން އާއި ދަ ސްމިތް ހިއުސް އެކްޓް 1917 އުފެދުމާއި، ފުރަތަމަ ބޮޑުހަނގުރާމާގައި މީހުން ތަންތަނަށް ފޮނުވަންޖެހުމުގެ ސަބަބުންނެވެ. އަދި އެކިއެކި ސަރަޙައްދުތަކުގައި ތަޢުލީމު ދިނުމާއި، ސެޓްފިކެތް ދިނުންފަދަ ކަންތައްތަކާއި، ކައުންސެލިންގގެ ފުރަތަމަ ތިޔަރީ އުފެދުން ހިމެނެއެވެ. މި ހުރިހާ ކަމެއްގެ ފެށުމަކަށް ވެގެންދިޔައީ ފްރެންކް ޕަރސަން، ޖޭސިބީ ޑޭވިޑް، އަދި ކްރިފަޑް ބިއާރޒް ގެ ޚިދުމަތްތަކުގެ މަސައްކަތް ތަކުންނެވެ.
ކައުންސެލިންގ ސެޝަން ކުރިއަށް ގެންދިއުމުގައި ބޭނުންކޮށްފައިވާ ތިއަރީތައް
          ސޯޝަލް ކޮގްނިޓިވް ލާރނިންގ ތިއަރީގެ ތިއަރިސްޓެއްކަމަށްވާ  ބަންދޫރާ ހާމަކުރައްވާ ގޮތުގައި އުނގެނުމަކީ މާހައުލުން ގެންދެވޭ މަޢުލޫމާތު ބަދަލުކޮށް ސިކުނޑީގައި އެކަމާ ގުޅޭގޮތުން އުފައްދާ އަސަރަކުން ސުލޫކު ވަކިގޮތަކަށް ބަދަލުކުރުމެވެ. މި ތިއަރީގައި މައިގަނޑު  ތިންކަމެއް ހާމަ ކޮށްދެއެވެ. އެއީ މަޙައުލާއި، މީހާގެ ވިސްނުމާއި، އަދި އޭނާގެ ޢަމަލެވެ. ކައުންސެލިން ސެޝަނުގައި މި ތިއަރީ ވަހީދާ ( ކްލައެންޓް ) އާއި ވަރަށް ބޮޑަށް ގުޅުވާލެވިފައިވާނެއެވެ. އެއީ ކްލައެންޓްގެ މައްސަލަ އައިސްފައިވަނީ މުޖުތަމަޢުގެ ތެރެއިންކަމަށްވާތީއެވެ. އަދި ކުލާހުގެ ތެރެއިންނެވެ. އެހެންކަމުން ދަރިވަރުގެ ކިބާގައިވާ ނޭދެވޭ އަސަރުތައް ފިލުވުމަށްޓަކައި ބޭނުންވާނެ ތިއަރީއަކީ ސޯޝަލް ކޮގްނިޓިވް ލާނިންގ ތިއަރީކަމަށް ބަންދޫރާއާ ހަވާލާދީ ޢާއިޝަތު މުޙައްމަދު ދީދީ (2020) ގައި ހާމަކުރައްވާފައިވެއެވެ. އެހެންކަމުން ކައުންސެލިންގ ސެޝަނުގައިއުޅޭ ވަހީދާއަށް ދިމާވަނީ މިފަދަ މައްސަލަ ތަކެކެވެ. ކިޔެވުމުގެ މަސައްކަތްނުކޮށް ގޭމުކުޅުމެވެ. ގޭގަވެސް އަދި ކްލާސްރޫމުގައިވެސް އެއްގޮތަކަށް ޢަމަލުކުރެއެވެ. ވީމާ މި ތިއަރީގެ ޢަލީގައި އެމައްސަލަ ހައްލުވެގެންދިޔައެވެ.
            ވަހީދާއަށް ދެވަނައަށް ގެންދެވުނު ތިއަރިއަކީ އޮޕަރެންޓް ކޮންޑިޝަނިންގއެވެ. ބީ. އެފް. ސްކިނަރ ހާމަކުރައްވާގޮތުގައި އިންސާނާގެ އަމިއްލަ ގަސްދުގައި ކުރާ ކަންތައްތަކުން ދަސްކުރާ ނުވަތަ އުނގެނޭ އުނގެނުމުގެ މަސައްކަތްތަކަކީ އޮޕަރެންޓް ކޮންޑިޝަނިންގއެވެ. އޮޕަރެންޓް ކޮންޑިޝަނިންގ 3 ބަޔަކަށް ބަހާލެވެއެވެ. އެއީ ރީ އިންފޯސްމެންޓް، ޕޮޒިޓިވް ރީއިންފޯސްމަންޓް އަދި ނެގެޓިޥް ރީއިންފޯސްމަންޓެވެ. މީގެތެރެއިން ހިމަނާލާފައިވަނީ ރީއިންފޯސްމަންޓްގެބައެވެ. އެއީ ތަރުހީބުދިނުން ނުވަތަ ބާރުއެޅުމުގެ ބައެވެ. ތަރުޙީބު ދިނުމަކީ ސުލޫކާއި ގުޅުވައިގެން ކުރިމަތިވާ ކަންކަން އިތުރުކޮށް ސުލޫކު ކުރިއެރުމެވެ. މިގޮތުން ކަމަކާއި ގުޅިގެން އަންނަ ސުލޫކު އެކަމަކުން އިތުރުކޮށްދޭ ނުވަތަ ބާރުގަދަ ކޮށްދޭ ކޮންމެ ކަމެއް ވާނީ ތަރުޙީބު ދިނުމަކަށް ނުވަތަ ރީ އިންފޯސްމަންޓަކަށެވެ. މި ތިއަރީގައި ކުލައެންޓާއަށް (ވަހީދާއަށް) ކައުންސެލަރ ވަރަށްގާތުން ބަލައިގެން ކަންކަން އޮޅުންފިލުވައި ހެދިއެވެ. އަދި ކުލައެންޓާއަށް ނަޞޭޙަތްދީ ކުއްޖާގެ އުޅުން ބަދަލުކޮށްލިއެވެ. ކުއްޖާގެ ވިސްނުން، ކުއްޖާގެ ޢަމަލުތައް ގޭތެރެއިންނާއި، ސްކޫލްގެތެރެއިން ގެނެވުނެވެ. އެހެންކަމުން ވަހީދާއަށް މި ތިއަރީ ވަރަށް ރަނގަޅަށް ގުޅުވާލެވިފައިވާކަން ފާހަގަކުރަމެވެ.
ސެޝަން ކުރިއަށްދިޔަގޮތް ( ހަރުފަތްތައް )
                 ކައުންސެލިންގ ސެޝަންގެ ފުރަތަމަ ހަރުފަތަކީ ގުޅުންބަދަހިކުރުމުގެ ބައެވެ. މިބާގައި ގުޅުންބަދަހިކުރުމަށްޓަކައި ޙާލުއަހުވާލުގެ ވާހަކަ އަދި ފަސޭހައިން ޖަވާބުދެވޭފަދަ ވާހަކައާއި ކައުންސެލަރގެ ކިބާގައިހުރި ބައެއް ސިފަތައް ހާމަކުރެއްވިއެވެ. ބޭނުމަކީ ކައުންސެލަރގެ އިތުބާރާއި ޔަޤީންކަން ކްލައެންޓަރއަށް އެންގުމެވެ.   
                 ދެވަނަ ހަރުފަތުގައި ގެންދިޔައީ މައްސަލަ ދެނަގަތުމުގެ ބައެވެ. އެގޮތުން ކްލައެންޓަށް ދިމާވެފައިވާ މައްސަލައިގެ މަޢުލޫމާތު އެއްކުރެވުނެވެ. ކުލައެންޓާރގެ ޑޭޓާ އެއްކުރުމަކީ ރަނގަޅު އެޕްރޯޗެއް ޚިޔާރުކުރުމަށް އަދި މައްސަލް ހައްލުކުރުމަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބޭނެކަމެކެވެ. ކައުންސެލިންގ ދިނުމުގެ ބޭނުން ދެނެގަތުމާއި ކުލައެންޓަރގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ޢާއިލީ ކަންތައްތައް ދެނެގަތުމަކީ މުހިއްމުކަމެކެވެ. އެގޮތުން ޢާއިލާއާއި ރަޙުމަތްތެރިންގެ މަޢުލޫމާތު އެއްކުރެވުނެވެ. މީގެ އިތުރުން ޕާސަނަލް ހިސްޓުރީއާއި ކިޔެވުމުގެ ކަންތައްތައްހުރިގޮތް އެނގުމާއެކު ޞިއްޙީ މައްސަލަތައްވެސް ދެނެގަނެވުނެވެ. މި މަޢުލޫމާތު ތަކުގެ ސަބަބުން ކައުންސެލިންގ ސެޝަން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ފަސޭހަވެގެންދިޔައެވެ.
                ތިންވަނަ ހަރުފަތުގައި ދިޔައީ ގޯލްސެޓިންގ ކަނޑައެޅުމެވެ. ލަނޑުލަނޑި ކަނޑައެޅުމުގެ މައިގަނޑު މަޤްޞަދަކީ މައްސަލަ ހައްލުކުރުމުގައި ކަންޑައަޅާފައިވާ މިންވަރު ޙާޞިލްކުރުމަށް މަގުފަހިކުރުމެވެ. ލަނޑުދަނޑި ކަނޑައެޅުނީ ކުލައެންޓާރއާއި ކައުންސެލަރާއި ދެމެދު މަޝަވަރާ ކުރެވިގެންނެވެ. އަދި ކަންޑައެޅި ލަނޑު ދަންޑިތައްވާނީ މިންކުރެވޭ، ޙާޞިލްކުރެވޭ ވަރުގެ ވަގުތު ކަނޑައެޅިފައިވާ އެއްޗަކަށެވެ.
               ހަތަރުވަނަ ހަރުފަތުގައި ދިޔައީ ކައުންސެލިންގ އިންޓަރވެންޝަންގެބައެވެ. ކައުންސެލިންގ އިންޓަރވެންޝަންއަކީ މައްސަލައަށް ހައްލުގެނައުމަށް ކުރާ މަސައްކަތްތަކެވެ. އެގޮތުން މައްސަލަ އެކިދުވަސްތަކުގައި ރިވިއުކޮށް ގެންނަންބޭނުންވާ ބަދަލުތައް ގެނެވިފައިވާނެއެވެ. އެއީ ގޭތެރެއިންނާއި ސްކޫލްތެރެއިންނެވެ. ކުލައެންޓަރއަށް ފީޑްބެކު ދިނުމުގެ ބޭނުމަކީ އިސްލާޙްކުރަމުންދާ ކަންތައްތައް ދެނެގަނެ އެކަންކަމަށް ހިތްވަރުދީ ރަނގަޅު ކުރަންޖެހޭ ކަންކަން އަންގައިދިނުމެވެ.
               ފަސްވަނަ ހަރުފަތުގައި ދިޔައީ ޓާރމިނޭޝަން ގެބައެވެ. ޓާރމިނޭޓް ކުރުމަކީ ކުލައެންޓާރއި ކައުންސެލަރއާއި ދެމެދު އޮންނަ ގުޅުން ނިންމުމެވެ. އެއީ މައްސަލަ ހައްލުވެ އުޅުމަށް ބަދަލުގެނެވި ކުލައެންޓަރ އަމިއްލަ ނަފުސަށް އިތުބާރުކުރެވި ލިބިފައިވާ ހުނަރުތައް ބޭނުންކުރެވޭނޭކަމުގެ ޔަޤީންކަން ލިބުމެވެ.
ބޭނުންކުރި އިންޓަރވެންޝަން
               ކުލައެންޓަރގެ މައްސަލަ ހައްލުކުރުމަށް ބޭނުންކުރި އިންޓަރވެންޝަން ތިންބަޔަކަށް ބެހިގެންދެއެވެ.  އޭގެތެރޭގައި ހިމެނެނީ އެފެކްޓިވް އިންޓަރވެންޝަން، ކޮގްނިޓިވް އިންޓަރވެންޝަން، އަދި ބިހޭވިއަރަލް އިންޓަރވެންޝަން އެވެ.
              އެފެކްޓިވް އިންޓަރވެންޝަންއަކީ މީހާގެ އިމޯޝަންސްތައް ނުވަތަ ޖަޒުބާތުތައް ދެނެގަތުމެވެ. މި އިންޓަރވެންޝަންގައި ކުލައެންޓަށް އޭނާއަށް ޙާލަތާމެދު ނުވަތަ އަނެކާއާމެދު ކުރެވޭ އިޙްސާސްތަކާއި އިމޯޝަންސް ދެނެގަންނަން އެހީތެރިވެދެއެވެ. މި އިންޓަރވެންޝަން ގުޅިގެންދަނީ ކުލައެންޓަރ ކުލާހުގައި އަދި ގޭތެރޭގައި ކޮށްއުޅުނު ކަންތައްތައް ފަހުން ވިސްނި އެކަނތްއްތައް ހަނދާންވުމުންނެވެ. މީގެ އިތުރުން ކައުސެލަރ ކައުންސިލިންގގެ ތެރެއިން ކަންކަން ހަނދާންކޮށް ދިނުމުންނެވެ. ޢާއިޝަތު މުޙައްމަދު ދީދީ (2020)ގައި ހާމަކުރައްވަގޮތުގައި އެފެކްޓިވް އިންޓަރވެންޝަން ބޭނުންކުރާ ކައުންސެލިންގ ތިއަރީޒްގެ ތެރޭގައި ޕަރލްސް ގެސްޓާލްޓް ތިއަރީ، ފްރޮއިޑްގެ ސައިކޯ އެނަލިސިސް ތިއަރީ، ރޮޖަރސްގެ ޕަރސަން ސެންޓަރޑް ތިއަރީ، އަދި އެޑްލަރގެ އެޑްލީރިއަން ތިއަރީ ފާހަގަ ކޮށްލެވެއެވެ.
             ކޮގްނިޓިވް އިންޓަރވެންޝަންއަކީ އަމިއްލަ ނަފުސާމެދު ވިސްނާ ވިސްނުން ނުވަތަ ޤަބޫލުކުރުމެވެ. އެހެންކަމުން އަނެކާއާމެދު އެހެންގޮތަކުން ވިސްނަން މަގުފަހިވެއެވެ. ކޮގްނިޓިވް އިންޓަރވެންޝަން ބޭނުންކުރާ ތިއަރީ ތެރޭގައި އެލިސްގެ ރެޝަނަލް އިމޯޝަނަލް ބިހޭވިއަރ ތިއަރީ އަދި ބެކްގެ ޓްރާންސެކްޝަން ތިއަރީ ހިމެނެއެވެ. މޫސާ މާހިރު (2013) ގައި ހާމަކުރައްވާގޮތުގައި  މޯޓިވޭޝަންއަކީ އުނގަނައިދިނުމުގައި ވަރަށް ފައިދާބޮޑު ތިއަރީއެއްކަން ފާހަގކުރެވެއެވެ. ހަމައެފަދައިން ޝައުޤުވެރިކަން އުފެއްދުމަށްޓަކައި ސެލްފް ރެގިއުލޭޓް ކުރުމަށް ކޮގްނިޓިވް ލާނިންގ ތިއަރީ ވަރަށް ބޭނުންތެރި ފައިދާހުރި ތިއަރީއެއްކަން އަނގައިދެއެވެ. ސަބަބަކީ ކުލައެންޓަރ އަމިއްލަ ނަފުސަށް ވިސްނަން ފުރުޞަތުދެވުނެވެ. އަދި ކުރެވޭކަންތަކުގެ ސަބަބުން ކުލާހުގެ ކުދިންނާއި އަޅާކިޔާ، ވަޒަންކުރަން ފުރުޞަތުދީ އަމިއްލަ ޙާލަތް ވަޒަންކުރެވިގެންދިޔައީ ކޮގްނިޓިވް  އިންޓަރވެންޝަންގެ ސަބަބުބްނެވެ.
            ބިހޭވިއަރަލް އިންޓަރވެންޝަންއަކީ ކުލައެންޓަރ މިހާރުއުޅޭ އުޅުމުން ދުރުކޮށް އާ ހުނަރާއި ރަނގަޅު އުޅުން ދަސްކޮށްދޭ އިންޓަރވެންޝަނެކެވެ. އެހެންގޮތަކަށް ބުނާނަމަ ކުލައެންޓުގެ އާދަތަކާއި އުޅުންތައް ބަދަލުކޮށް އެހެން އުޅުމަކަށް ބަދަލު ކޮށްލައެވެ. ޢާއިޝަތު މުޙައްމަދު ދީދީ (2020) ގައި ހާމަކުރައްވާ ގޮތުގައި ޢާއްމުކޮށް ބިހޭވިއަރަލް އިންޓަރވެންޝަން ބޭނުންކުރަނީ ސްކިނަރ، ޕެވްލޯ، އަދި ބަންދޫރާގެ ބިހޭވިއަރަލް ތިއަރީއެވެ.
އިންޓަރވެންޝަން ބޭނުންކުރި ސަބަބު 
               ކައުންސެލިންގ ސެޝަނެއްގައި އިންޓަރވެންޝަން ބޭނުންކުރުމަކީ ވަރަށް ބޭނުންތެރި އެހާމެ މުހިއްމު ކަމެކެވެ. އެކިއެކި އިންޓަރވެންޝަން ބޭނުންކުރުމުގެ ސަބަބުން ކުލައެންޓަރގެ އެކިއެކި ކަންތައްތައް ކައުންސެލަރއަށް ހާމަވެ އެންގިގެންދެއެވެ.  
               އެފެކްޓިވް އިންޓަރވެންޝަން ބޭނުންކުރަނީ މީހުންގެ އިޙްސާސްތައް ދެނެގަތުމަށެވެ. އެފެކްޓިވް އިންޓަރވެންޝަން ބޭނުންކުރުމުން ތިމާ އަނެކާއާ ދޭތެރޭގައި ކަންތައްތައް ކުރުމުގައި ރަނަގަޅުގޮތްތައް ވިސްނި އެގޮތްތައް ބޭނުންހިފާނެއެވެ. އެހެންކަމުން އެފެކްޓިވް އިންޓަރވެންޝަން ބޭނުންކުރުމުގެ ސަބަބުން ކުލައެންޓަށް އޭނާގެ ޙާލަތާމެދު ނުވަތަ އަނެކާއާމެދު ކުރެވޭ އިޙްސާސްތަކާއި ޖަޒުބާތުތައް ދެނެގަންނަން ފަސޭހަވެގެންދެއެވެ. މިކަން ހާމަކޮށްދެނީ ކައުންސެލިންގ ސެޝަނުގައި ވަހީދާ ބޭނުންވަނީ ކިޔެވުމުގެ އެއްވެސް މަސައްކަތެއް ނުކޮށް ކުޅުމުގައި ހޭދަކުރާށެވެ. ނަމަވެސް ކައުންސެލަރ މެދުވެރިވެ ތަފާތު ފަރާތްތަކާއި މުޢާމަލާތްކޮށް، ކުލައެންތަށް ކައުންސެލިންގ ދިނުމުގެ ސަބަބުން އެ ޚިޔާލު ބަދަލުވެ، ކުލާހުގައި ރަނގަޅަށް މަސައްކަތްކުރާ ކުދިންގެ ތެރެއިން ހިމެނިގެންދިޔައެވެ. ޕޯލް ވިލްކިންސްއާ ހަވާލާދެއްވާ ޢާއިޝަތު މުޙައްމަދު ދީދީ (2020) ގައި ހާމަކުރައްވާގޮތުގައި ޕަރސަން ސެންޓަރޑް ތިއަރީއަކީ ބާރުގަދަ ތިއަރެޓިކަލް ތިއަރީއެކެވެ.
              ކޮގްނިޓިވް އިންޓަވެންޝަން ބޭނުންކުރަނީ ތިމާގެ ނަފުސާއި އަދި އަނެއްމީހާގެ ނަފުސާމެދު ވިސްނުމަށެވެ. ކޮގްނިޓިވް އިންޓަރވެންޝަނުން ތިމާ ވިސްނާގޮތް ނޫން އެހެންގޮތަކަށް އަނެކާ ވިސްނާފާނެކަން އަންގައިދެއެވެ. އެހެންކަމުން ކޮގްނިޓިވް އިންވެންޝަން ކައުންސެލިންގ ސެޝަނުގައި ބޭނުންކުރީ ވަހީދާ އޭނާ އަމިއްލަ ނަފުސާމެދު ދެކޭގޮތް ވަރަށް ސާފުކޮށް އެނގޭތީއެވެ. އެއީ އޭނާ ކުރާކަމަކީ ކުލާހުގައި ކިޔެވުމުގެ މަސައްކަތްތައް ނުކޮށް، ކުލާހުގައި ކުޅެ ސަކަރާތްޖަހާ، ކުލަހުގައި ރަނގަޅަށް މަސައްކަތް ކުރާ ދަރިވަރުންނަށާއި، މުދައްރިސަށް އުނދަގޫ ކުރުމެވެ. މިކަމުން އެނގެނީ ވަހީދާ އަނެކާއާ ދޭތެރޭގައި ވިސްނާ ވިސްނުން ތަފާތުކަމެވެ. ނުވަތަ އަނެކާއާ ދޭތެރޭގައި ދެކޭގޮތް ތަފާތުކަމެވެ. ޢާއިޝަތު މުޙައްމަދުދީދީ (2020)ގައި ހާމަކުރައްވާ ގޮތުގައި ކޮގްނިޓިވް އިންޓަރވެންޝަން ބޭނުންކުރާ ތިއަރީ ތަކުގެތެރޭގައި އެލިސްގެ ރެޝަނަލް އިމޯޝަނަލް ބިހޭވިއަރ ތިއަރީ އަދި ބެކްގެ ޓްރާންސެކްޝަން ތިއަރީ ހިމެނެއެވެ.

              ބިހޭވިއަރަލް އިންޓަރ ވެންޝާން ބޭނުންކުރަނީ މީހާގެ އުޅުން ބަދަލު ކޮށްލުމަށެވެ. އަދި އޭނާއަށް ލިބޭ ހުނަރުތަކާއި މަޢުލޫމާތުތަކުގެ ސަބަބުން އުޅުމަށް ބޮޑު ބަދަލެއް ގެނުވައެވެ. އެހެންކަމުން ކުލައެންޓްގެ ކިބާގައި އަށަގެންފައިވާ ނޭދެވޭ އަސަރުތައް ނައްތާލެވެއެވެ. ބިހޭވިއަރަލް އިންޓަރވެންޝަން ތިއަރީ ކައުސެލިންގ ސެޝަނުގައި ބޭނުންކުރީ ވަހީދާގެ ކިޔެވުމަށް، އުޅޭ އުޅުމަށް ބަދަލުގެނުވުމަށްޓަކައެވެ. މި ތިއަރީ ބޭނުންކުރުމުގެ ސަބަބުން ވަހީދާގެ އުޅުމަށް ބޮޑު ބަދަލެއް އައިސް ރަނގަޅަށް ކިޔަވަމުންދިޔަކަން ފާހަގަކުރެވުނެވެ. ޢާއިޝަތު މުހައްމަދު ދީދީ (2020)ގައި ލިއްވާ ގޮތުގައި ޢައްމުކޮށް މިވައްތަރުގެ އިންޓަރވެންޝަން ބޭނުންކުރަނީ ސްކިންރ، ޕެވްލޯ އަދި ބަންދޫރާގެ ބިހޭވިއަރަލް ތިއަރީގައެވެ.

އިންޓަރވެންޝަން ބޭނުންކުރެވޭނެ ޙާލަތްތަކާއި އަދި ބޭނުންކުރާނެ ގޮތް
           އިންޓަރވެންޝަންތަކަށް ބަލާއިރު މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވާނީ ތިން އިންޓަރވެންޝަނެވެ. އެއީ އެފެކްޓިވް އިންޓަރވެންޝަން، ކޮގްނިޓިވް އިންޓަރވެންޝަން އަދި ބިހޭވިއަރަލް އިންޓަރވެންޝަނެވެ. މީހުން މާބޮޑަށް ޖަޒުބާތީވެގެން އުޅޭ އުޅުމާއި، ތަފާތު ކަންކަމަށް ތަފާތު އިޙްސާސްތައް ކުރެވޭނަމަ ބޭނުންކުރާނީ އެފެކްޓިވް އިންޓަރވެންޝަނެވެ. ޢާއްމުކޮށް މީހުން އުޅޭއުޅުމަށް ބަދަލުތަކެއް ގެނެސް ތަފާތު ހުނަރު ތަކާއި އާއުކުޅުތައް ބޭނުން ކޮށްގެން އުޅޭއުޅުމަށް ބަދަލުތަކެއް ގެންނަނަމަ ބޭނުންކުރާނީ ބިހޭވިއަރަލް އިންޓަރވެންޝަނެވެ. އަމިއްލަ ނަފުސާއި އަދި އެހެންމީހުންނާމެދު ވިސްނާ ވިސްނުންތަކަށް ބަލައިގެން ބޭނުންކުރާނީ ކޮގްނިޓިވް އިންޓަރވެންޝަނެވެ. މި ހުރިހާ ތިއަރީތަކަކީވެސް ކައުންސެލިންދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ ތިއަރީތަކެކެވެ. އެހެންކަމުން މި ތިން ތިއަރީގައިވެސް ކައުންސެލިންދިނުމުގައި ކައުންސެލަރ ގެ ހުނަރުތަކަށް ތަބާވެ، ކައުންސެލިން އެތިކްސްގައިވާ ގޮތްތައް ބޭނުންކޮށްގެން ކުރިއަށް ގެންދިއުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ދެކެމެވެ.
މުހިއްމު ބައެއް ޕޮއިންޓްތައް
1.      ޕާރސަން ސެންޓަރޑް ކައުންސެލިންގ ނުވަތަ ކުލައެންޓް ސެންޓެރޑް ކައުންސެލިންގ އެޕްރޯޗްތައް ބޭނުންކުރުމަކީ ކައުންސެލިން ދިނުމުގެ މުހިއްމު އެއްބައެވެ. އެމެރިކާގެ މަސްހޫރު ސައިކޮލޮޖިސްތް ކާރލް ރޮޖަރގެ ތިއަރީ އަދި ފަލްސަފާތައް ތަރައްޤީވެ ކައުންސެލިންދިނުމުގައި ބޭނުންހިފަންފެށުނެވެ. އެހާހިސާބުން ކައުންސެލިން ދިނުމުގައި މި ތިއަރީ ގެ ބޭނުންހިފާ އެކަމުގެ ފައިދާ ލިބިގަނެވުނެވެ. 
2.         ކޮންގުރުއެންސީއަކީ އެކިބޭފުޅުންގެ މުޢާމަލާތްތަކުގެ ތެރެއިން ދައްކާވާހަކަތަކާއި މޫނުމަތިން ފެންނަ ޙަރަކާތްތައް ދިމާވުމެވެ. ކާރލް  ރޮޖަރ ހާމަކުރައްވާ ގޮތުގައި ކޮންގުރުއެންސީއަކީ ކައުންސެލިންގ ދިނުމުގައި މުހިއްމު ބައެކެވެ. އަދި ހަމައެފަދައިން އެހެން މީހުންގެ ފަރާތުން ލިބޭ މަޢުލޫމާތު އޭނާގެ އަމިއްލަނަފުސާ ދޭތެރޭ ދެކޭގޮތާއި ތަފާތުވާނަމަ އިންކޮންގުރުއެންސީ ދިމާވާނެއެވެ. އެހެންކަމުން އޭނާގެ ނަފުސާދޭތެރޭ އޭނާ ދެކޭގޮތާއި އެހެންމިހުންގެ ފަރާތުން ލިބޭ މަޢުލޫމާތު އެއްގޮތް ކުރުމަށް މި ތިއަރީގެ މުހިއްމުކަން ވަރަށް ބޮޑެވެ.
3.         އަންކޮންޑިޝަނަލް ޕޮޒިޓިވް ރިގާރޑަކީ މީހުންބަލައިގަތުމުގައި ވަކިކަންތައްތަކެއް ނުވަތަ ޝަރުތުތަކެއް ކަނޑައެޅުމެއްނެތި އެމިހާ، އެމީހާގެ ގޮތުގައި ބަލައިގަތުމެވެ. މިޤަވާޢިދުގެ ސަބަބުން އެމީހާގެ ކަންތައްތައް އިސްލާހްކުރުމަށް ނުވަތަ ބަދަލުގެނައުމަށް މުހިއްމު މާހައުލެއް ލިބިގަނެވެއެވެ. އެހެންކަމުން އަންކޮންޑިޝަނަލް ޕޮޒިޓިވް ރިގާރޑްގެ އެހީގައި މީހުންނަށް އިތުބާރު އުފައްދައިދި، އެމީހުންގެ ނަފްސު އިސްލާޙްކޮށް، ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވ.
4.         އެމްޕަތީއަކީ ކުލައެންޓްކުރާ އިޙްސާސްތައް ތިމާ އަމިއްލައަށް ކުރިމަތިވެފައިވާ ކަމެއްގެ ގޮތުގައި ދެނެގަނެ އިޙްސާސްކުރުމެވެ. މި އިޙްސާސް އެނގުމަށްޓަކައި ކައުންސެލިންގެ ދައުރު ވަރަށްމުހިއްމެވެ. ސަބަބަކީ ކައުންސެލަރ ކުލައެންޓަރ ދޭތެރޭ ވަރަށް ގާތްގުޅުމެއް އުފައްދާ، ދިމާވެފައިވާ ކަންތައްތައް ތިމާވެސް ތަހައްމަލު ކުރާފަދައިން ރަނގަޅަށް ވާހަކަ ދެކެވެންޖެހެއެވެ.
ނިންމުން 
            ކައުންސެލިންގ ދިނުމަކީ ވަރަށް މުހިއްމު ބޭނުންތެރި އެއްޗެއްކަން އެނގިގެންދިޔައީ މި މާއްދާ ކިޔެވުމުގެ ސަބަބުންނެވެ. ކުދިންނަށް ދިމާވާ ތަފާތު ކަންތައްތަކުން ތަފާތު މައްސަލަތައް ދިމާވާކަން އެނގިގެން ހިގައްޖެއެވެ. މި އެސައިމަންޓްގައި ކައުންސެލިންގ ސެޝަނެއް ކުރިއަށް ގެންދިއުމުގައި ހިމަނަންޖެހުނު ހުރިހާ ހަރުފަތްތަކެއް ހިމަނާގެން ކުރިއަށް ގެންދެވުމުން ކައުންސެލިންގ ކުރިއަށް ގެންދާނެގޮތް ދަސްވެއްޖެއެވެ. އަދި ކައުންސިލިންގއަކީ ކޮބައިކަމާއި، ކައުންސެލިންގައި ހިމެނޭ ތިއަރީތަކާއި ކައުންސެލަރއެއްގައި ހުންނަންވާ ހުނަރުތަކާއި ސިފަތައް އެނގިގެންހިގައްޖެއެވެ. މީގެ އިތުރުން ކައުންސެލިންގ ދިނުމުގައި ބޭނުންކުރި އިންޓަރވެންޝަންތަކުގެ ސަބަބުން ތަފާތު ގޮތްގޮތަށް ކުދިން ދެނެގަންނާނެ ގޮތްތައް އެނގި އެކަމުގެ ބޭނުންތައް ދަސްވެއްޖެއެވެ. އެހެންކަމުން ކައުންސެލިންގ ދިނުމަށް، ކުރިއަށްއޮތް ދުވަސްތަކުގައި މަސައްކަތްކުރުމަށް އަޒުމުކަނޑައެޅިއްޖެއެވެ. އިރާދަ ކުރެއްވިއްޔާ ލިބުނު މަޢުލޫމާތުގެ ބޭނުން އެންމެ އެދެވޭގޮތުގައި ބޭނުންކުރުމުގައި ދެމިހުންނާނަމެވެ.
ރެފަރެންސް
ޢާއިޝަތު މުޙައްމަދު ދީދީ. (2020). ކައުންސެލިންގއަށް ތަޢާރަފެއް، ] ލެކްޗަރ ނޯޓްސް [، މާލެ: ވިލާކޮލެޖް.
ޢާއިޝަތު މުޙައްމަދު ދީދީ. (2020). ކައުންސެލިންގޕްރޮސެސް، ] ލެކްޗަރ ނޯޓްސް [، މާލެ: ވިލާކޮލެޖް.
ޢާއިޝަތު މުޙައްމަދު ދީދީ. (2020). ކައުންސެލިންގ އިންޓަރވެންޝަން، ] ލެކްޗަރ ނޯޓްސް [، މާލެ: ވިލާކޮލެޖް.
ޢާއިޝަތު މުޙައްމަދު ދީދީ. (2020). ކައުންސެލިންގ ހުނަރު، ] ލެކްޗަރ ނޯޓްސް [، މާލެ: ވިލާކޮލެޖް.
ޢާއިޝަތު މުޙައްމަދު ދީދީ. (2020). ކައުންސެލިންގ އެތިކްސް، ] ލެކްޗަރ ނޯޓްސް [، މާލެ: ވިލާކޮލެޖް.
ޢާއިޝަތު މުޙައްމަދު ދީދީ. (2020). ސްކޫލް ކައުންސެލިން، ] ލެކްޗަރ ނޯޓްސް [، މާލެ: ވިލާކޮލެޖް.
ޢާއިޝަތު މުޙައްމަދު ދީދީ. (2020). ގްރޫޕް ކައުންސެލިން، ] ލެކްޗަރ ނޯޓްސް [، މާލެ: ވިލާކޮލެޖް.


No comments:

Post a Comment