ދިވެހިރާއްޖެއަށް
މުނާސަބު، ފެންވަރު ރަނގަޅު ކަރިކިއުލަމެއްގެ ސިފަތައް
ޢަބުދުލް ޣަފޫރު އިސްމާޢީލް، ދޫރެސް / ރ. މީދޫ
ތަޢާރަފް
މިއީ 2019 ވަނައަހަރު ސެޕްޓެމްބަރުމަހު ވިލާޖޮލެޖުގެ
ފެކަލްޓީއޮފް އެޑިޔުކޭޝަން ސްޓާޑީޒުން ކުރިއަށްގެންދާ ޕޯސްޓް ގްރެޖްއޭޓް
ޑިޕްލޮމާއިން ޓީޗިންގ ކޯހުގައި ކިޔަވަމުންދާ ކަރިކިއުލަމް ސްޓަޑީޒް މޮޑިއުލްގެ
ދަށުން ލިޔެފައިވާ މަޒުމޫނެކެވެ. މި މަޒުމޫނުގެ މައިގަނޑު މަޤްޞަދަކީ ލިބިފައިވާ
ތަޖުރިބާއާއި، މި މާއްދާއިން އުނގެނިފައިވާ މަޢުލޫމާތު ބޭނުންކޮށްގެން
ދިވެހިރާއްޖޭގައި މިހާރު ބޭނުންކުރާ އާ ކަރިކިއުލަމަށް ދަރިވަރުން
އަހުލުވެރިވުމަށް ހިތްވަރުދީ ހޭލުންތެރި ކުރުވުމެވެ. އެހެންކަމުން މި މަޒުމޫނުގައި
ބަލާލާފައިވާނީ ދިވެހިރާއްޖޭގައި މިހާރު ބޭނުންކުރާ އާ ކަރިކިއުމަގެ ފައިދާތަކާއި،
އޭގެ މުހިއްމުކަމުގެ މައްޗަށެވެ. އަދި މިކަރިކިއުލަމް ތަންފީޒު ކުރުމުގައި
ހޯދަންޖެހޭ ބައެއް ހައްލުތަކުގެ މައްޗަށެވެ.
ނެޝަނަލް އިނިސްޓިޓިއުޓް އޮފް
އެޑިޔުކޭޝަން (2014) ގައި ލިޔުއްވާފައިވާގޮތުގައި ދިވެހިރާއްޖޭގެ ސްކޫލްތަކުގައި
ކިޔަވަމުންދާ ޤައުމީ މަންހަޖަކީ އުނގެނުމާއި، އުނގަނައިދިނުމާއި ގުޅޭ އެންމެހާ
ކަންތައްތަކެވެ. ނުވަތަ އުނގެނުމާއި، އުނގަނައިދިނުމުގެ ތަޢުލީމީ ސިޔާސަތެވެ.
ދިވެހިރާއްޖޭގެ ޤައުމީ މަންހަޖުގައި ހިމަނާފައިވަނީ ދިވެހިރާއްޖޭގެ ސްކޫލް މަދުރަސާތަކުގެ
ހުރިހާ ގްރޭޑްތަކެއްގައިވެސް އުނގަނައިދިނުމުގެ އަމާޒަކީ އިސްލާމީ ހަރުދަނާ
ޢަޤީދާއެއްގެ މަތީގައި، އުނގެނުމަށް ޝައުގުވެރިކަން ހުންނަ، ކަންކަންހޯދާބަލައި،
ތަޖުރިބާކުރުމަށް ލޯބިކުރާ، އަދި އަމިއްލަ ނަފުސަށް އިތިބާރުކޮށް، ޤާބިލްކަމާއި
ޒިންމާދާރުވެ، އުފެއްދުންތެރި ފަރުދުންތަކެއް ދިވެހި މުޖުތަމަޢުގައި ބިނާ
ކުރުމެވެ.
ސްކޫލް މަދުރަސާތަކުގެ ތެރެއިން
އެކިއެކި ފަންތީގެ ދަރިވަރުންނަށް އުނގަނައިދިނުމަށް ބޭނުންވާ ސުލޫކީ ސިފަތަކާއި،
އަގުތަކާއި، ހުނަރުތަކާއި، މަޢުލޫމާތުތައް ދިވެހިރާއްޖޭގެ ޤައުމީ މަންހަޖުގައި
ހިމަނާފައިވެއެވެ. އަދި މީގެއިތުރުން މަންހަޖުގެ ތަޞައްވަރުގައި
ބަޔާންކުރައްވާފައިވާ ރަނގަޅު ޖީލެއް ބިނާ ކުރުމަށްޓަކައި ސްކޫލް ކުދިންގެ
ކިބައިގައި ރަނގަޅު ސިފަތަކާއި، ޤާބިލިއްޔަތުތައް އެކުލެވިފައިވާކަން
ފާހަގަކުރަމެވެ. ހަމަމިފަދައިން ކުދިން ޝައުޤުވެރިވާފަދަ އުގެނުންތަކާއި، ކަންކަން
ތަޖުރިބާކުރުމުގެ ފުރުޞަތުތައް ލިއްބައިދޭ އެކުވެރި މާޙައިލެއް އެކުވެލި، ޝާމިލްވާ
ހުރިހާ ފަރާތްތަކެއްގެ ދައުރު މި މަންހަޖުގައި ހިމެނިފައިވާކަން އުފަލާއެކު
ފާހަގަކުރަމެވެ.
ވަށާޖެހޭ ތަޢުލީމުގެ ސިޔާސަތަކީ
ދަރިވަރުންނަށް އެންމެ ފައިދާކުރަނިވި ގޮތަށް ބައްޓަންކުރެވިފައިވާ ސިޔާސަތެކެވެ.
އެއީ ތަފާތު ހުނަރުތަކާއި ތަފާތު ޤާބިލިއްޔަތުތައް ލިއްބައިދޭ ސިޔާސަތެވެ.
އެހެންކަމުން މި ސިޔާސަތު ފޯރުކޮށްދިނުމަށްޓަކައި ސްކޫލް ކުދިންގެ މެދުގައި
ހަމަހަމަ އުޞޫލްތަކާއި، ގޮތްތައް އެކުލެވިފައިވެއެވެ. މީގެ އިތުރުން އެކިއެކި
ސިފަތަކާއި، އަގުތަކާއި، ހުނަރުތަކާއި، ތަފާތު މަޢުލޫމާތު ލިއްބައިދިނުމަށް ވަރަށް
ބޮޑަށް ސަމާލުކަން ދެވިފައިވާކަން ޝުކުރު ވެރިކަމާއެކު ފާހަގަކުރަމެވެ.
މައިގަނޑު
މަންހަޖުގެ ފަލްސަފާ
އާދަމްޝަރީފް ޢުމަރު (2015) ގައި
ހާމަކުރައްވާގޮތުގައި ދިވެހިރާއްޖޭގެ މަދުރަސީ ތަޢުލީމުގެ ފުރިހަމަކުރާ ކުއްޖަކަށް
އިސްލާމީ ދިވެހި މުޖުތަމަޢުގެ ބައިގެރިއެއްގެ ގޮތުންނާއި، އަމިއްލަ ފަރުދެއްގެ
ހައިސިއްޔަތުން އެކުއްޖެއްގެ އަމިއްލަ ނަފުސަށާއި ޢާއިލާއަށާއި ރަށާއި ދިވެހި
ޤައުމަށް ފައިދާ ކޮށްދޭނެ ހަރުދަނާ މީހަކަށްވުމުގެ ޤާބިލިއްޔަތު ލިބިދިނުމަށާއި
އިސްލާމީ އަޤީދާ އާއި ދިވެހިވަންތަކަން ޙިމާޔަތްކޮށް އެކަންކަން ދެމެހެއްޓުމުގެ
ކުޅަދާނަކަން ލިބިދިނުމަށްޓަކައި ކުއްޖާގެ ވިސްނުމާއި ހަށިގަނޑާއި ރޫޙީބައި
ތަރައްޤީކޮށް ހާނައި ތަރުބިއްޔަތުކޮށްދިނުމާއި އެކަންކަމަށް ބޭނުންވާ ހުނަރުތައް
ލިބިދިނުމެވެ.
މުޙައްމަދު އިބްރާހިމް (2015)
ގައި ހާމަކުރައްވާގޮތުގައި ތަޢުލީމީ ފަލްސަފާއެއްގައި އުނގަނައިދިނުން
ބިނާވާންޖެހޭނީ ހަރަކާތްތެރި ތަޖުރިބާ ތަކެއްގެ ތެރެއިން ލިބިދޭ އާމަޢުލޫމާތުތައް
ބޭނުންހިފޭ ގޮތަށެވެ. އެހެންކަމުން ޓަނަރ އަދި ޓަނަރ (1980) ގައި
ހާމަކުރައްވާފައިވަނީ މަންހަޖުގެ ފަލްސަފާއަކީ މުދައްރިސުންނާއި، ކިޔަވައިދިނުމާއި
ގުޅުންހުރި ބޭފުޅުން އެބޭފުޅުންނަށް އެނގިހުރި އެއްޗެއް އެހެންބަޔަކަށް
ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ ވަޞިލަތްތަކެވެ. އަދި ތަޢުލިމީ ނިޒާމުގައި
ނަގަންޖެހޭ ޑިޒިޝަން ނެގުމަށް އެހީތެރިވެދިނުމެވެ.
ތަޢުލީމީ މަންހަޖުގެ ފަލްސަފާ
ބިނާވެފައިވަނީ މައިގަނޑު 2 ތިއަރީގެ މައްޗަށެވެ. އެއީ ޕެރީ ނިއަލިޒަމާއި
ޕްރޮގްރެސިވިޒަމެވެ. މި ބައިތަކުން ހާމަކޮށްދެނީ ތަޢުލިމު ލިބިފައިވާ ކޮންމެ
ކުއްޖަކީވެސް ވިސްނުން އެންމެ ފުރިހަމައަށް ތަރައްޤީކުރެވިފައިވާ މުޖުތަމަޢުއަށް
ފައިދާހުރި ކުއްޖަކަށްހެދުމެވެ. އަދި ޖޯންތޫމާ އޭނާގެ ކަރުކިއުލަމް ފިލޯސަފީ
ބިނާކުރާނީ ޕެރީނިއަރލިސްޓް ނަޒަރިއްޔާތުގެ މައްޗަށެވެ. ސަބަބަކީ ދިނިޔޭގައިވާ
ހުރިހާ ޙަޤީޤަތްތަކަކީ ބަދަލުނުވާ އެއްޗިއްސެވެ. އެއީ ހުރިހާ ދިރުމެއް އުފެއްދެވީ
ކަލާނގެ ކަމެވެ. މި ޙަޤީޤަތް ބިނާކުރެވިފައިވާ ބައެއް މާއްދާތަކަކީ ނޭޗަރއޮފް
ނޮލެޖް، ތަޢުލީމުގެ މަޤުޞަދު، އުގެނުން، ކިޔަވާދިނުން، މުޖުތަމަޢު އަދި ޢާއިލާގެ
މައްޗަށެވެ. މަންހަޖު އެކުލަވާލަންފެށުން
ދިވެހިރައްޖޭގެ ސްކޫލް
މަދުރަސާތަކުގައި މަންހަޖަކީ އުނގެނުމާއި، އުނގައިދިނުމާއި ގުޅޭ އެންމެ މުހިއްމު
ތަޢުލީމީ އެއްސިޔާސަތެވެ. މަންހަޖު އެކުލަވާލާފައިވަނީ ދިވެހިރާއްޖޭގެ
ސްކޫލްތަކުގައި އުނގެނުމުގެ ތަފާތު މަރުހަލާތަކުގައި ކުދިން ތަރުބިއްޔަތު ކުރުމުގެ
އެންމެހާ ކަންތައްތައް ތަރުތީބު ކުރެވިފައިވާ ގޮތެވެ. އަދި ދިވެހި ދަރިވަރުންގެ
ކިބާގައި ހުރުމަށް ބޭނުންވާ ސިފަތަކާއި ހުނަރުތަކާއި ޤާބިލިއްޔަތުތަކެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ
"ކޮންމެ ދިވެހި ރައްޔިތެއްގެ މައްޗަށް ޤުރްއާން ކިޔެވުމާއި ޢަރަބި އަކުރާއި
ތާނަ އަކުރު ލިޔާން ކިޔާން ދަސްކުރުމަކީ ލާޒިމް ކަމެއް" ކަމުގައެވެ.
އާދަމްޝަރީފް
ޢުމަރު (2015) ގައި ހާމަކުރައްވާގޮތުގައި 1940 ވަނަ އަހަރުގައި
ދިވެހިރާއްޖޭގައި ޖަމާޢަތުގެ ތަޢުލީމުގެ މަންހަޖެއް ތަޢާރަފު ކޮށްފައިވެއެވެ. މި
މަންހަޖުގެ ދަށުން ރާއްޖޭގައި ކިޔަވައިދީފައިވަނީ އިލްޒާމީ ތަޢުލީމާއި، އިބްތިދާއީ
ތަޢުލީމާއި، އިބްތިދާއި ތަޢުލީމުގެ ދެވަނަބައި އަދި ޘާނަވީ ތަޢުލީމުގެ ބައިތަކެވެ.
މި ބައިތަކުގެ ތެރޭގައި ހިމެނޭ މާއްދާތަކަކީ ތާނަ އަކުރު، ޢަރަނި އަކުރު،
ޤުރުއާން، ހިސާބު، ދިވެހި، ދީނިއްޔާތު، ތަޖުވީދު، އަޚްލާޤު، ލިޔުން ، ޢަރަބިބަސް،
ޢާއްމު މަޢުލޫމާތު، ތަކުބީރުލް މަންޒިލީ، އިސްލާމީ ތާރީޚް، ފިޤުޙް، އިގިރޭސިބަސް
އަދި ކުރެހުމެވެ. މި މާއްދާތައް ކިޔަވައިދިނުމުގައި ކަނޑައެޅިގެން ވަކި މިންވަރެއް
ކަނޑައެޅިފައި ނެތްކަން އާދަމްޝަރީފް ޢުމަރު (2015) ގައި ބަޔާން
ކުރައްވާފައިވެއެވެ.
ރާއްޖޭގައި މިހާރު ތަންފީޒުކުރަމުންދާ
އާ މަންހަޖު ފުރަތަމަ އެކުލަވާލެވުނީ 2010 ވަނައަހަރުއެވެ. މި މަންހަޖުގައި ތަފާތު
މަރުހަލާތަކަށް ކުދިންތައް ބަހާލާފައިވެއެވެ. އެއީ ޢުމުރުން 4 އަހަރާއި 18
އަހާރާއި ދެމެދުގެ ދަރިވަރުންނެވެ. ދަރިވަރުންތައް ބަހާލާފައިވާ ބައިތަކަކީ
ފައުންޑޭޝަން ސްޓޭޖް، ކީސްޓޭޖް1، ކީސްޓޭޖް2، ކީސްޓޭޖް3، ކީސްޓޭޖް4، އަދި ކީސްޓޭޖް5
ކެވެ. ނެޝަނަލް އިނިސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (2014) ހާމަކުރައްވާ
ގޮތުގައި މި މަންހަޖު ތަޖުރިބާ
ކޮށްލުމަށްޓަކަތަކައި ރާއްޖޭގެ 6 ސްކޫލެއްގައި ޕައިލެޓް ޕްރޮގަރާމް ކުރިއަށް
ގެންގެންގޮސްފައިވެއެވެ. މަންހަޖު ތަންފީޒު ކުރަންފެށުނީ 2014 ވަނަ އަހަރުއެވެ. މި
މަންހަޖު ކާމިޔާބު ޕްރޮޖެކްޓެއްކަމަށްބަލާ މުޅި ރާއްޖޭގެ ހުރިހާ ސްކޫލް
މަދުރަސާތަކުގައި ކިޔަވައިދެމުން މިހާރުދަނީ މި އާމަންހަޖެވެ.
މަންހަޖުގެ ލަނޑުދަނޑިތައް
ނެޝަނަލް އިނިސްޓިޓިއުޓް އޮފް
އެޑިޔުކޭޝަން (2014) ގައި ލިޔުއްވާފައިވާގޮތުގައި މަންހަޖު ރާވާލާފައިވަނީ
އުނގެނުމާއި އުނގަނައިދިނުމުގެ ވަރަށް ފުޅާ ދާއިރާގެ ބައިތަކެއް
ހިމަނައިލައިގެންނެވެ. އެއީ މަޢުލޫމާތާއި އަގުތަކާއި ސިފަތައް ހިމެނޭ ގޮތަށެވެ. މި
ބައިތައް ޙާޞިލް ކުރުމަށްޓަކައި ތަޞައްވަރެއް އެކުލަވާލައި، އެތަޞައްވަރުގެ
މައްޗަށް އަސާސްތަކެއް ކަޑައަޅާ، އެ އަސާސްތައް ބޭނުންކުރުމަށްޓަކައި ޙިއްޞަކުރާ
އަގުތަކެއް ކަނޑައޅާއިފައިވެއެވެ. އަދި އެ ޙިއްޞާކުރާ އަގުތައް
ތަންފީޒުކުރުމަށްޓަކައި އުނގައިދިނުމުގެ އަމާޒުތައް ހިމަނާފައިވާކަން
ފާހަގަކުރަމެވެ.
ރާއްޖޭގައި އަލަށް ތަޢާރަފް ކުރެއްވި
މަންހަޖުގައި މައިގަނޑު ޤާބިލިއްޔަތު ތަކެއް ހިމަނާއި އުނގެނުން ބަހާލެވޭ މައިގަނޑު
ދާއިރާތައް ކަނޑައެޅުފައިވެއެވެ. މި ކަންތައްތައް ޙާޞިލް ކުރުމަށްޓަކައި ވަކިވަކި
މާއްދާތައް ކަނޑައަޅާ، އުގެނުމާއި އުގަނައިދިނުން ތަފާތު ލެވެލްތަކަށް
އަމާޒުކުރުވާގެން ހިމެނިފައިވެއެވެ. އަދި ދަރިވަރުންގެ ފެންވަރު
ވަޒަންކުރުމަށްޓަކައި ބަލާނެ ކަންތައްތަކެއް ކަނޑައެޅި ނުވަތަ މިންގަނޑުތަކެއް
ކަނޑައެޅިފައި ހުރިންކަންވެސް ފާހަގަކުރަމެވެ.
މަންހަޖުގެ ސިފަތައް
ދިވެހިރާއްޖެއަށް މުނާސަބު، ފެންވަރު
ރަނގަޅު ކަރިކިއުލަމެއްގެ ސިފަތަކަށް ބަލާލާއިރު މައިގަނޑު ގޮތެއްގައި މަންހަޖުގެ
ސިފަތައް ތިންބަޔަކަށް ބަހާލެވެ. އެއްސިފައަކީ އަސާސްތަކުގެ މައްޗަށް މަންހަޖު
އެކުލަވާލާފައި ވުމެވެ. ދަރިވަރުންނަށް އުނގަނައިދޭން ކަނޑައެޅިފައިވާ ހުރިހާ
ބައިތަކެއް، ޙާޞިލްކުރަން ބޭނުންވާ ހުރިހާ ކަންތައްތަކެއް ކަނޑައެޅި، ފުރިހަމަ
ތަޞައްވަރެއްގެ މަތީގައި މި މަންހަޖުގައި ހިމެނިފައިވުމެވެ. ދަރިވަރުންނަށް
އުނގެނުން ރާވާލެވިފައިވާގޮތްތަކާއި، ހިންގާ ޙަރަކާތްތަކުގެ ތަފްޞީލްތަކާއި،
ދަރިވަރުން ޙާޞިލް ކުރަންބޭނުންވާ ނަތީޖާތައް، އަދި އުނގެނުމުގެ ޙަރަކާތްތައް
ކުރިއަށްގެންދާއިރު މިންކުރާނޭ ގޮތްތައް، ނުވަތަ ވަޒަންކުރާނޭ ގޮތްތައްވެސް
ހިމެނިފައިވާކަން ފާހަގަކުރަމެވެ. މީގެ އިތުރުން ދަރިވަރުން ޙާޞިލްކުރަމުންދާ
މަރުޙަލާތައް ތަރުތީބު ކުރެވިފައިވާ ގޮތްތައްވެސް ވަރަށް ރަނގަޅުވެފައި ޢުމުރާ
ގުޅޭކަންވެސް ފާހަގަކުރަމެވެ. ފާހަގަކޮށްލެވޭ މުހިއްމު އަނެއްކަމަކީ ކުދިންގެ
ޒިންމާތައްވެސް ކަނޑައެޅި، އެޒިންމާތައް ދަރިވަރުންނާއި ޙަވާލުކޮށް ޒިންމާދާރު
ދަރިވަރުންތަކެއް މި މަންހަޖުގެ ތެރެއިން އުފެދިގެންދާކަމެވެ.
ނެޝަނަލް އިނިސްޓިޓިއުޓް އޮފް
އެޑިޔުކޭޝަން (2014) ގައި ލިޔުއްވާފައިވާގޮތުގައި މަންހަޖުގެ ދެވަނަ ސިފައަކީ
ތަޢުލީމް ޙާޞިލް ކުރަމުންދާ ދަރިވަރުން ޙާޞިލް ކުރަންޖެހޭ 8 ޤާބިލިއްޔަތު
ކަނޑައެޅިފައިވުމެވެ. ދަރިވަރުންނަށް ކަނޑައެޅިފައިވާ ޤާބިލިއްޔަތު ތަކަކީ
ހަރުދަނާ ދިރިއުޅުމަކަށް ބޭނުންވާނެ މަޢުލޫމާތުތަކާއި ހުނަރުތައް އަދި އެކިއެކި
ޙަރަކާތްތަކުން ލިބެންޖެހޭ ސިފަތައް މި ތަރުބަވީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް
ލިބޭނޭ އިންތިޒާމު ހަމަޖެހިފައިވުމެވެ. ކަންނޑައެޅިފައިވާ ޤާބިލިއްޔަތުތަކަށް
ވާޞިލްވުމަށްޓަކައި ފައުންޑޭޝަންގެ ތަޢުލީމުން ފެށިގެންވެސް އުނގެނައިދިނުން
ފަރުމާކޮށްފައިވަނީ އުނގަނައިދިނުމުގެ ދާއިރާތައް ގުޅުވައިލާގެން އިންޓަރގްރޭޓް
ކޮށްގެންނެވެ.
މަންހަޖުގެ ނާރެހަކީ އުނގެނުމަށް
މަސައްކަތްކުރާ ދަރިވަރުންނެވެ. އެހެންކަމުން މަންހަޖުގައި ފާހަގަވާ ތިންވަނަ
ސިފައަކީ ކުދިންގެ ޢުމުރުން 4 އަހަރުންފެށިގެން އެކިއެކި ޢުމުރު ފުރާތަކަށް
ބަލައިގެން ދަރިވަރުންނަށް ފުރުޞަތު ދިނުމާއި، ދަރިވަރުންގެ ކިބައިގައިހުރި
ނަފުސުގެ ޤާބިލްކަން އެނގި، ދަރިވަރުންގެ ހުނަރުތައް ތަރައްޤީވަމުން
އަންނަގޮތްތަކަށް ބަލައިގެން މަންހަޖު އެކުލަވާލާފައިވާކަމެވެ. މީގެ އިތުރުން
އުނގެނުމާއި އުނގަނައިދިނުން ރާވާލެވިފައިވަނީ ވަކިއުޞޫލްތަކަކަށް
ބަލައިގެންކަންވެސް ފާހަގަކުރަމެވެ. މިކަންތައްތައް ކުރަމުންދަނީ ދަރިވަރުން ހޯދާ
ކާމިޔާބުތަކުގެ މައްޗަށް ބަލައިގެންނެވެ. މި ކަންތަކުގެ ސަބަބުން ތަފާތު
މަރުޙަލާތަކަށް، އެއްހަރުފަތުން
އަނެއްހަރުފަތަށް ބަދަވުމަށް ދަރިވަރުންނަށް ވަރަށް ފަސޭހަވެގެންދެއެވެ.
މަންހަޖުގައި ކަނޑައަޅާފައިވާ
ކަންތައްތައް ތަންފީޒު ކުރުމަށްޓަކައި މުދައްރިސުން، ލީޑިނގް ޓީޗަރުން ،
ޕްރިންސިޕަލުން ފަދަ ބޭފުޅުން ވަނީ ކަނޑައަޅުއްވާފައެވެ. މީގެ އިތުރުން ޓީއާރުސީ
ކޯރޑިނޭޓަރުންނާއި، އެމްބެސަޑަރުން ފަދަ ބޭފުޅުން ވަނީ ޓްރޭނިންގ ހައްދަވާ
އަތޮޅުތަކުގެ ޓީޗަރުންނަށް ތަމްރީނުތައް ދެއްވާފައެވެ. މިކަމުގެ ސަބަބުން
ބެލެނިވެރިންނާއި، މުޅި މުޖުތަމަޢު ހޭލުންތެރިވެ މަންހަޖުގެ ސިފަތައް އަންނަނީ
ޢާއްމުވަމުންނެވެ. ތަޢުލީމީ ފަލްސަފާތަކަށް ބަލާލާއިރު ޑރ މުސްތަފާ ލިތުފީއާ
ޙަވާލާދެއްވާ ޢަބުދުﷲ މުފީދު (2015) ގައި ވިދާޅުވެފައިވަނީ ޑރ މުސްތަފާ ސިފަކުރައްވާގޮތުގައި
ތަޢުލީމީ މަންހަޖަކީ "މުޖުތަމަޢުން، އެމުޖުތަމަޢުގެ ހުރިހާ ފަރުދުން ކިބާގައި
އަށަގެނައުމަށް ކަނޑައަޅާފައިވާ ޢިލްމާއި، ހުނަރާއި، އުޞޫލްތަކާއި، އަޚުލާޤާއި،
ޘާޤާފީ ގޮތްތަކާއި، އަދި ޢަޤީދާ ހިމެނޭ ތަޢުލީމީ ޕްރޮގްރާމެކެވެ".
ޤައުމީ މަންހަޖުގެ
ތަޞައްވަރާއި ޝަރަޙަ
ޤައުމީ މަންހަޖުގެ ތަޞައްވަރުގައި
ބުނެފައިވަނީ "ކުދިން ދިރިއުޅުމަށް ތައްޔާރުކުރުން" މި ޢިބާރާތެވެ.
އެހެންކަމުން ކުދިން ދިރިއުޅުމަށް ތައްޔާރު ކުރާއިރު ތަޞައްވަރުގައި ބުނެފައިވާ
ކަންތައްތަކާއި ދޭތެރޭގައި ވިސްނަންޖެހެއެވެ. އެގޮތުން ބަލާއިރު ނެޝަނަލް އިނިސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (2014) ގައި
ލިޔުއްވާފައިވާގޮތުގައި ތަޞައްވަރުގެ ޝަރަޙާގައި ބުނަނީ އިސްލާމީ ޢަޤީދާ
ވަރުގަދަ، އަމިއްލަވަންތަކަމާއި ދިވެހި ޤައުމިއްޔަތު ދަމަހައްޓާ، ޤާބިލް އަދި
އަމިއްލަނަފުސަށް އިތުބާރުކުރާ ފަރުދަކަށް ހެދުމެވެ. އަދި އުނގެނުމާއި
ހޯދާބެލުމަށް ޝައުޤުވެރިވާ، ޢިލްމު އުފައްދާ، ކާމިޔާބު ފަރުދަކަށް ހެދުމެވެ. މީގެ
އިތުރުން ތިމާގެ ޢާއިލާއާއި މުޖުތަމަޢާއި ބަވަނަވަމުންދާ ދުނިޔޭގައި
ޙިއްޞާއަދާކުރާ، އުފެއްދުންތެރި އަދި ޒިންމާދާރު ފަރުދަކަށް ހެދުމެވެ.
މަންހަޖުގެ މައިގަނޑު އަސާސްތައް
ދުނިޔެ ތަރައްޤީ ވަމުންދާވަރަކަށް
ދިވެހިރާއްޖޭގެ މަޝްރަޙަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދެއެވެ. އޭގެތެރެއިން
ފާހަގަ ކޮށްލެވޭ އެއްދާއިރާއަކީ ތަޢުލީމީ ދާއިރާއެވެ. ނެޝަނަލް އިނިސްޓިޓިއުޓް
އޮފް އެޑިޔުކޭޝަން (2014) ގައި ލިޔުއްވާފައިވާގޮތުގައި ކިޔަވާކުދިންގެ ކިބާގައި
ހަރުލައްވާންޖެހޭ ހުނަރުތަކަށް ބަލާއިރު މައިގަނޑު 8 ދާއިރާއެއްގެ މައްޗަށް
މަންހަޖުގައި ކަނޑައަޅާފައިވެއެވެ. އެއީ ދަރިވަރުންގެ ކިބާގައި އިސްލާމްދީނާއި ރޫޙާނިއްޔަތާއި
އެއްގޮތަށް ޢަމަލުކުރުމަށް ހިންގޭ ޕްރޮގްރާމްތަކެވެ. ކުއްޖާގެ ބަސްކުރިއެރުމާއި،
މުޢާޞަލާތު ކުރުމަށް ގެންދެވޭ ޙަރަކާތްތަކެވެ. ދަރިވަރުންނަށް އަމާޒު ކޮށްގެން ހިސާބު
ޢިލްމު އަދި އުފެއްދުންތެރި ގޮތެއްގައި ވިސްނުމުގެ ހުނަރު އަންގައިދިނުމަށް
މަސައްކަތްކުރުމެވެ. ދަރިވަރުންނަކީ ތިމާވެއްޓާއި ސައިންސާއި ޓެކްނޮލޮޖީއަށް
އަހުލުވެރިވެގެން އުޅެން އެނގޭ ބަޔަކަށް
ހެދުމެވެ. ޞިއްޙަތާއި ދުޅަހެޔޮކަން ލިބިގެންވާ ބަޔަކަށް ހެދުމެވެ. މުޖުތަމަޢުގެ
ތެރޭގައި އިޖުތިމާޢީ ދިރިއުޅުމެއް އުޅެން އެނގި ކަންތައްތައް ދަސްކުރުމެވެ.
ޒަމާނަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ ދެމެހެއްޓެނިވި ތަރައްޤީއަށް
ޢަމަލުކުރަން ދަސްވުމެވެ. ކުރިއަރަމުން އަންނަ އުފެއްދުންތެރި ގޮތްތައް އެނގި
އެބައިތަކަށް އަހުލުވެރިވުމެވެ. މިއީ ދަރިވަރުން އަމިއްލަ ނަފުސަށް އިތުބާރު
ކުރުމާއެކު، ޤާބިލު، ޒިންމާދާރު، އުފެއްދުންތެރި، ބަޔަކަށް ހެދުމެވެ.
މަންހަޖުގައި ޙިއްސާކުރާ އަގުތައް
ކަރިކިއުލަމަށް ކުދިން އަހުލުވެރި
ކުރުވުމަށް ތަފާތު ކަންތައްތައް ރާވާ ޙަރަކާތްތައް ހިންގަންޖެހެއެވެ. މިގޮތަށް
ކުރާ ކަންތައްތައް އަދި އެކަންތައްތަކުގެ ބޭނުންތައް ކުދިންނާއި ޙިއްސާކުރުމަކީ
ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި ދެކެމެވެ. އެއީ ދިވެހިންގެ މެދުގައި
ޒަމާނުއްސުރެ އޮންނަ ޤަބޫލުކުރުންތައް، ފިކުރުތައް، ކަންތައްތަކާއި މެދު
ދެކޭގޮތްތައް، އަދި މުޢާމަލާތް ކުރުންފަދަ ކަންތައްތަކަކީ މުޅި މުޖުތަމަޢު
އެއްއުޞޫލަކުން ކަންތައްތައްކޮށް ކުދިން އެކަންތައްތަކަށް ހޭނުވުމަށްޓަކައި
މަސައްކަތް ކުރާ ކަންތައްތަކެކެވެ. އެހެން ކަމުން އެކަންތައްތައް
ދަސްކޮށްދެއްވުމަށް ކަރިކިއުލަމްގެ ދައުރާކީ ވަރަށް މުހިއްމު ދައިރެއްކަމުގައި
ދެކެމެވެ. ކުދިންނަށް މިފަދަ ކަންތައްތައް ޙިއްސާކުރުމުން ހެޔޮނުބައި ދެނެގަތުމާއި
ޞުލްޙަވެރި، އަމާން އޮމާން ދިރިއުޅުމެއް އުޅެން މަގުފަހި ކޮށްދެއެވެ. މުޙައްމަދު
ޢުމަރު (2007) ގައި ހާމަކުރައްވާ ގޮތުގައި ތަރައްޤީވަމުން އަންނަ ދިވެހިރާއްޖެއަށް
ނުވަތަ ދިވެހިރާއްޖޭގައި ތަޢުލީމް ޙާޞިލްކުރާ ދަރިވަރުންނަށް ޞުލްޙަވެރިކަމާއެކު
ދިރިއުޅުން ބައްޓަން ކުރުމަށް
ދަރިވަރުންނަށް ޙިއްޞާކުރާ އަގުތަކުން ވަރަށްބޮޑަށް ބާރުއަޅުއްވާފައިވާކަން
ހާމަވެ، އެނގިގެންދެއެވެ.
ހިއްޞާކުރާ އަގުތައް ދަރިވަރުންގެ
ކިބާގައި އަށަގަންނުވަންޖެހެނީ އެދަރިވަރުންގެ މާޙައުލުން ފެންނަ ކަންތައްތަކާއި،
އިވޭ އަޑުތަކާއި، ކުރެވޭ ތަޖުރިބާތަކަށް ވިސްނާގެންނެވެ. ނުވަތަ އެ ދަރިވަރަކު
އުޅޭ މަޙައުލުން ފެންނަ ރަނގަޅު ކަންތައްތައް ކޮޕީކުރުވުމަށެވެ. މި ކަންތައްތައް
ކުރެވޭނީ މުޖުތަމަޢުގެ އަފްރާދުންގެ އެހީތެރިކަން، އެއްބާލުން ލިބިގެންނެވެ.
އެފަރާތްތަކުގެ ރިވެތި ނަމޫނާ ލިބިގެންނެވެ. ނެޝަނަލް އިނިސްޓިޓިއުޓް އޮފް
އެޑިޔުކޭޝަން (2014) ގައި ހާމަކުރައްވާ ގޮތުގައި ދަރިވަރުންނަށް ލިބިގެންދާނީ
އަމިއްލަ ނަފްސާގުޅޭ އަގުތައް، ޢާއިލާއާއި ފަރުދުންނާއި ގުޅޭ އަގުތައް،
މުޖުތަމާޢުއާއި ބަވަނަވެފައިވާ ދުނިޔެއާގުޅޭ އަގުތައް އަދި ދިރިއުޅޭ ވެއްޓާގުޅޭ
އަގުތަކެވެ.
މަންހަޖުގެ އުގެނުމުގެ އަމާޒު
ނެޝަނަލް އިނިސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
(2014) ގައި ލިޔުއްވާފައިވާގޮތުގައި ދަރިވަރުންނަށް އުނގަނައިދިނުމުގައި
ރާއްޖެއަށް އެންމެ ކަމުދާ އުނގަނުމުގެ އަމާޒަކީ ވަށާޖެހޭ ތަޢުލީމުގެ
އުނގަނައިދިނުމެވެ. އެހެންކަމުން ދަރިވަރުންނަށް ތަފާތު ސިފަތައް
ލިއްބައިދިނުމާއި، ތަފާތު ހުނަރުތައް އަށަގެންނެވުމާއި، ތަފާތު މަޢުލޫމަތުތައް
ފޯރުކޮށްދިނުމަކީ ޤައުމީ މަންހަޖުން ވަރަށް ބާރުއަޅުއްވާ ކަންތައްތަކެއްކަމުގައި
ދެކެމެވެ. ދަރިވަރުންނަށް ބޭނުންވާ އެންމެ އަސާސީ ބައިތައް ފޯރު ކޮށްދިނުމުން
ތަޢުލީމުގެ ބިންގާ ރަނގަޅުވެ، ކުއްޖާގެ މުޅި ދިރިއުޅުން އުޖާލާވެގެންދާނެއެވެ.
ނުވަތަ ޤައުމީ މަންހަޖުގައި ބަޔާންކޮށްފައިވާ ތަޞައްވަރު ފުރިހަމަވެ، ކުދިން ދިރިއުޅުމަށް ތައްޔާރު ކުރެވުނީއެވެ.
މުޤައްރަރުގައި އަމާޒު ކުރެވިފައިވާ
ބައިތައް ކިޔަވަމުންދާ ދަރިވަރުންނަށް ވާޞިލް ކޮށްދެވޭނީ މުޤައްރަރުގައި
ބަޔާންކުރައްވާފައިވާ ބައިތައް ރަނގަޅަށް އެނގި ދަސްވެގެންނެވެ. އެހެންކަމުން
އުނގެނުން ބަހާލެވިފައިވާ މައިގަނޑު ދާއިރާތައް ކިޔަވައިދިނުމުގައި ބޭނުންކުރުމަކީ
ދަރިވަރަށް އެންމެ ފައިދާކުރާނެ ކަންތައްތައް ކަމުގައި ދެކެމެވެ. އެކަންތައްތަކަކީ
އަގުތަކާއި ސިފަތައް އަދި މަޢުލޫމާތު ދެނަގަތުމެވެ. މި ކަންތައްތައް
ދަރިވަރުންނަށް އަންގައި ދިނުމަށްޓަކައި ކިޔަވައިދިނުމުގެ ތެރެއިން ތަފާތު
ކަންތައްތައް ރާވާ، ޙަރަކާތްތައް ހިންގުމަކީ އުނގަންނައިދޭ ފަރާތްތަކުގެ
ޒިންމާއެކެވެ.
ކިޔަވައިދިނުމުގައި އެންމެބޮޑު
އަމާޒަކަށް ހަދަންޖެހޭނީ ދަރިވަރުންގެ ކިބާގައި ރަނގަޅު ސިފަތަކެއް
އަށަގެންނެވުމެވެ. ރަނގަޅު ހުނަރުތަކެއް ތަރައްޤީކުރުމެވެ. އަދި ރަނގަޅު
މަޢުލޫމާތުތަކެއް އަންގައިދިނުމެވެ. މި ކަންތައްތައް ދަރިވަރުންގެ ކިބާގައި
އަށަގެންނެވުމަށްޓަކައި އުނގަންނަވާ ދެއްވާ
ފަރާތްތަކުން ސަމާލުކަން ދޭންޖެހެއެވެ. އެއީ އިސްލާމީ ރިވެތި އުޞޫލްތަކާއި
ދިވެހި މުޖުތަމަޢު ޤަބޫލްކުރާ އާދަތައް ދަރިވަރުންގެ ކިބައިން ފެނުމަށްޓަކައެވެ.
ރަނގަޅު އަގުތަކާއި ސިފަތައް ދެއްކުމަށްޓަކައެވެ. ދަރިވަރުންގެ ޖިސްމު ތަރައްޤީވެ،
ހުނަރުވެރިކަން ދެއްކުމަށްޓަކައެވެ. އަދި މަޢުލޫމަތުގެ ޚަޒާނާ މުއްސަނދި
ކުރުމަށްޓަކައެވެ. ޢައިޝަތު ޒަޢީމާ (2010) ގައި ހާމަކުރައްވާގޮތުގައި، ކުލާހުގައި
ބަދަހި ގުޅުމެއް އުފެދުމުގައި މުދައްރިސް ގެންގުޅުއްވާ ތަފާތު އުކުޅުތައް ވަރަށް ބޮޑު ދައުރެއް
އަދާކުރެއެވެ.
މަންހަޖުގެ މައިގަނޑު ޤާބިލިއްޔަތުތައް
ދިވެހިރާއްޖެއިން ތަޢުލީމް ޙާޞިލްކުރާ
ދަރިވަރުންނަކީ ރާއްޖެއާއި ރާއްޖޭންބޭރުގައި އުފެއްދުންތެރި، ޙަރަކާތްތެރި
މީހެއްގެ ގޮތުގައި، ދިރިއުޅެން ދަސްކުރުމަށްޓަކައި ކޮންމެހެން ދަސްކުރަންޖެހޭ
ނުވަތަ ދަރިވަރުންނަށް ކޮންމެހެން ބޭނުންވާ 8 ޤާބިލިއްޔަތެއް ހިމަނާފައިވާކަން
އުފަލާއެކު ފާހަގަކުރަމެވެ. މިއިން ކޮންމެ ޤާބިލިއްޔަތެއްގައި ހިމަނާފައިވަނީ މަޢުލޫމާތާއި، ޢަމަލީ
ހުނަރުތަކާއި، އަގުތަކާއި، ސިފަތަކާއި އަދި އިޖުތިމާޢީ އެކިއެކި ޞުލޫކު ތަކުގެ
މައްޗަށެވެ.
ދަރިވަރުންނަށް އަމާޒުކުރެވިފައިވާ
ޤާބިލިއްޔަތުތަކަކީ އެއްޤާބިލިއްޔަތާއި އަނެއްޤާބިލިއްޔަތު ގުޅި ލާމެހިފައިވާ
ޤާބިލިއްޔަތު ތަކެކެވެ. އެހެންކަމުން އުނގެނުމުގައި ޤާބިލިއްޔަތުތައް
ބިނާވެފައިވަނީ އެއްބިންގަލެއްގެ މައްޗަށެވެ. ނެޝަނަލް އިނިސްޓިޓިއުޓް އޮފް
އެޑިޔުކޭޝަން (2014) ގައި ހާމަކުރައްވާ ގޮތުގައި މަންހަޖުގައި ބަޔާން
ކުރައްވާފައިވާ ޤާބިލިއްޔަތު ތަކަކީ އިސްލާމް ދީނާއި އެއްގޮތަށް
ޢަމަލުކުރުން،ނަފުސު ދެނެގަތުމާއި ތަންޒީމު ކުރުން، ބިނާކުރަނިވި އަދި
އުފެއްދުންތެރި ގޮތެއްގައި ވިސްނުމާއި، އެހެންމީހުންނާއި ގުޅިގެން އުޅުމާއި،
ދޭހަވުމާއި ދޭހަކޮށްދިނުމާއި، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމާއި، ދެމެހެއްޓެނިވި
ތަރައްޤީއަށް ޢަމަލުކުރުމާއި، ޓެކްނިލިޖީއާއި މީޑިއާ ބޭނުންކުރުމެވެ. މި
ކަންތައްތައް ދަރިވަރުންނަށް ޙާޞިލްވަނީ ލިބޭ ފުރުޞަތުތަކާއި، ޢަމަލީގޮތުން ކުރެވޭ
ކަންތައްތަކުންނެވެ.
މަންހަޖުގައި އެކުލެވިގެންވާ
ބައިތައް
ތަރުބަވީމައިދާނުގައި ކިޔަވަނުންދާ
ދަރިވަރުންނަށް މަންހަޖު ކަނޑައެޅުމުގައި ސަމާލުކަންދޭންޖެހޭ ވަރަށް ގިނަ
ކަނތައްތައް ހުރެއެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ މުހިއްމު ކަންތައްތަކަކީ
އިންކްލޫސިވް ވިއުއެއް ހިމެނުމުގެ މުހިއްމުކަމެވެ. އަދި މަންހަޖު ފުރިހަމަކުރާއިރު
ކަނޑައެޅިފައިވާ ވަގުތު، އެކިއެކި ކަންކަމަށް ކަނޑައެޅިފައިވާ މެޓީރިއަލްސް،
އެކިއެކި މެތަޑްތަކުގެ މުހިއްމުކަން،ކިޔަވައި ދިނުމުގެ ހުނަރުތައް، ކްލާސްރޫމް
ކްލައިމެޓް، އަދި ތަފާތު ހުނަރުތަކާއި އަހުކުރުންތައް ތަރައްޤީކުރުން
ހިމެނިގެންދެއެވެ.
މަންހަޖު ކާމިޔާބު ކުރެވޭނީ ކޮންޓެންޓްގެ
ބައިތައް ރަނގަޅަށް ފުރިހަމަ ކުރެވިގެންނެވެ. އެއީ ކަރިކިއުލަމްގައި ހިމަނާފައިވާ
ގޯސްލްތައް އަދި އޮބްޖެކްޓިވް ރަނގަޅަށް ކަވަރކުރުމެވެ. ނުވަތަ ޙާޞިލްކުރުމެވެ. މި
ކަންތައްތައް ފުރިހަމަވެގެންދާނީ ދަރިވަރުންގެ ބޭނުންތަކަށް ޖަވާބުދާރީވެ،
ކޮގްނިޓިވް އަދި އެފެކްޓިވް އެލެމެންޓްތައް ހިމެނިފައި ހުރުމުންނެވެ. މީގެ
އިތުރުން ވިސްނަންޖެހޭ މުހިއްމު ކަންތައްތަކަކީ ސެލްފް ސަފިއެންސި،
ސިގްނިފިކަންސް،ދިރިއުޅުމާއި ހުރި ގުޅުންތައް،ވެރައިޓީ، ދަރިވަރުންނާއި ހުރި
ގުޅުންތައް، ވެލިޑިޓީ، ޔުޓިލިޓީ، ފީސިބިލިޓީ ފަދަ ކަންތައްތަކެވެ. އަދި މަންހަޖުގެ
ބައިތައް ތަރުތީބު ކުރުމުގައި ސީކުއެންސިންގް، ކޮންޓިނިއުޓީ، އަދި
އިންޓެގްރޭޝަންގެ ދައުރު ވަރަށް މުހިއްމެވެ.
ކަރިކިއުލަމް އެންރިޗްމަންޓް
އައިމިނަތު ޝާފިޔާ އާދަމް (2011)
ގައި ލިޔުއްވާފައިވާ ގޮތުގައި ރަނގަޅު ސްލޫކެއް ނުވަތަ ޤަވާޢިދެއްގެ ތެރޭގައި
ޙަރަކާތްތެރިވެވޭ ފަދަ ބަޔަކަށް ދަރިވަރުން ހެދުމެވެ. ދަރިވަރުންނަށް
އަމާޒުކޮށްގެން ހިންގޭ ޙަރަކާތްތައް ފުރިހަމަކުރުމަށްޓަކައި މަންހަޖުގައި
ބަޔާންކޮށްފައިވާ ވަރަށްވުރެ އިތުރަށް ކިޔަވައިދިނުން ޕްލޭން ކުރަންޖެހެއެވެ.
ކޮންމެކުއްޖަކީވެސް ތަފާތު ކުއްޖެއްކަން
ދެނެގަނެ ކިޔަވައިދިނުން ބައްޓަންކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ
ކަމެއްކަމުގައިދެކެމެވެ. އެހެންކަމުން ކަރިކިއުލަމް އެންރިޗްމަންޓްގެ ވައްތަރުތައް
ބަލާ، ވިސްނާ ކުދިންނަށް އެންމެ ގޮތްތައް ހޯދައި ދިނުމަކީ މަންހަޖު ތަންފީޒު
ކުރުމަށްޓަކައި ކުރެވޭނެ އެންމެ މުހިއްމު އެއްކަމެއްކަމުގައި ދެކެމެވެ.
އޭގެތެރޭގައި ޢާއްމު ކަރިކިއުލަމް ފުޅާކުރުން، އިތުރު ތަޖުރިބާ ލިބޭކަހަލަ
ޙަރަކާތްތައް ރާވާ ހިންގުން، ވަކިވަކި ދަރިވަރުންނަށް އަމާޒު ކޮށްގެން ތަފާތު
ހުނަރުތައް ތަރައްޤީކުރުން، އަދި މީގެއިތުރުން ގިފްޓެޑް އަދި ޓެލެންޓެޑް ދަރިވަރުންނަށް އަމާޒު ކޮށްގެން ދަރިވަރުންގެ
ތަރުބިއްޔަތުގެ މަރުހަލާ ތަރައްޤީކުރުމަކީ ބުއްދިވެރި، އަދި ރަނގަޅު ގޮތެއްކަމުގައި
ދެކެމެވެ.
ވޮކޭޝަނަލް ޢިލްމް
މުޙައްމަދު ޢުމަރު (2007) ގައި
ހާމަކުރައްވާ ގޮތުގައި، ވޮކޭޝަނަލް ޓްރޭނިންގ އަކީ ދިރިއުޅުމަށް ބޭނުންވާނެ
ހުނަރުތައް ކުދީންނަށް މިހާރަށްވުރެ އެދެވޭ ގޮތަށް ލިބިދިނުމާއި، ވަޒީފާގެބާޒާރަށް
ކުދިންތައްޔާރު ކުރުމުގައި ފުދޭވަރެއްގެ އައުރެއް އަދާކުރެވިދާނެ ކަމެއްކަމަށް
ފެނެއެވެ. ދަރިވަރުންނަށް އެންމެ ފައިދާ ކުރަނިވި ގޮތައް، ކަންތައްތައް ދަސްކޮށް
ދިނުމަށްޓަކައި ދަރިވަރުންނަށް ތަފާތު ދާއިރާތަކުން ފުރުޞަތު ހޯދައިދޭން ޖެހެއެވެ.
އަދި ދަރިވަރުންގެ ކުޅަދާނަކަމާއި، ހުނަރުވެރިކަން، އަދި ޖަމާޢާތަށާއި
އިޤްތިޞާދަށް ފައިދާކުރިވި ގޮތްތައްކަށް ދަރިވަރުން ބައްޓަންކުރަންޖެހެއެވެ.
އެހެންކަމުން މި ނަޒަރިއްޔާތުގެ އަޙުލުވެރިން ދެކޭގޮތުގައި ތަޢުލީމުގެ ބޭނުމަކީ
މަސައްކަތުގެ ދާއިރާއަށް މީހުން ބިނާކުރުމެވެ. ވޮކޭޝަނަލް ޢިލްމަށް ބަލާއިރު
ޖަމާޢަތުގެ މަންހަޖާއި ތަޢުލީމުގެ ސިޔާސަތަކީ މައިގަނޑު ގޮތެއްގައި ޖަމާޢާތުގެ
އިޤުތިޞާދީ ސިޔާސަތުގެ ބައެކެވެ.
ކިޔަވައިދިނުމުގައި ވިސްނުމުގެ
ހުނަރުގެ ދައުރު
ދަރިވަރުންގެ ކިބާގައި
އަށަގަންނުވަންޖެހޭ އެންމެ މުހިއްމު އެއްހުނަރަކީ ވިސްނުމުގެ ހުނަރެވެ.
ދަރިވަރުންނަށް އަމާޒުކުރާ ފިލާވަޅުތައް ކާމިޔާބުކަމާއެކީ ޙާޞިލްކުރިމަށްޓަކައި
ވިސްނުމުގެ ކަންކަން ފިލާވަޅުގެ ތެރެއިން ރާވާ އިންތިޒާމުކުރުމުން މުދައްރިސުންނަށް
ފިލާވަޅުތައް ކާމިޔާބުކަމާއެކީ ނިންމާލެވެއެވެ. މިކަންތައްތައް ކުރުމުން
ދަރިވަރުންގެ ބައިވެރިވުން އިތުރުވެ، ފިލާވަޅުން ޙާޞިލް ކުރަންބޭނުންވާ ބައިތައް
އިތުރުވެގެންދެއެވެ. މިފަދަ ހަރަކާތްތައް އެންމެރަނގަޅަށް ޙާޞިލް ކުރައްވާފައިވަނީ
އެޑްވަޑް ޑިބޯނޯ ތަޢާރަފް ކުރައްވާފައިވާ ތަފާތު 6 ކުލައިގެ ތޮފިތަކުންނެވެ.
އެއިން ކޮންމެ ކުލައެއް ރަމްޒު ކޮށްދެނީ ވަކި ރޮނގަކުން ވިސްނުމަށެވެ.
އެހެންކަމުން މުޢާމަލާތުކުރުމާއި، މަޝްވަރާކުރުމުގެ ހުނަރު އިތުރުވެ، ކްރިޓިކަލް
ތިންކިންގ ވަރުގަދަވެ ވިސްނުމާއި، ޚިޔާލު ފާޅުކުރުމުގެ ހުނަރުވެރިކަން
ކުރިއރާދެއެވެ.
ނިންމުން
ދިވެހިރާއްޖޭގެ ޤައުމީ މަންހަޖުގައި ހިމަނާފައިވަނީ
މުޖުތަމަޢުގެ ފަރުދުންގެ ކިބާގައި ޢިލްމު ހޯދުމާއި، ހުނަރުތައް ލިބިގަތުމެވެ. ކަނޑައަޅާފައިވާ
އުޞޫލްތަކަށް ތަބާޢުވެ، އަޚްލާޤީ ސިފަތަކުން ޒީނަތްތެރިވުމެވެ. ޘަޤާފީ
ކަންތައްތަކަށް އަހުލުވެރިވުމާއި، އިޖުތިމާޢީ ގޮތްތަކާއި އާދަކާދައަށް
އަހުލުވެރިވުމެވެ. އިސްލާމީ ޢަޤީދާގެ ބައިތަކަށް އަހުލުވެރިވުމެވެ. މިކަންތައްތަކަކީ
ދަރިވަރުންނަށް ތަޢުލީމީ ފަލްސަފާއެއް ލިއްބައިދޭ ކަންތައްތަކެކެވެ. އަދި ޢިލްމީ،
ތަރުބަވީ، ފަންނީ ހުނަރުވެރި، އުފެއްދުންތެރި، އަދި މާއްދީގޮތުންނާއި ރޫޙީގޮތުން
ގިނަގުނަ މާޢުލޫމާތު ތަކެއް ފޯރުކޮށްދިނުމާއެކު ހަރުދަނާ ޖީލެއް ބިނާކުރުމެވެ.
ޤައުމީ މަންހަޖު އުނގެނުމާއި
އުނގަނައިދިނުމުގައި ދަރިވަރުން ޝާމިލްވުމާއި ޝައުޤުވެރިކަން ދެމެހެއްޓޭފަދަ
ގޮތްތަކެއް ގެނެސްގެން އުނގެނުމަކީ މުހިއްމުކަމެއްކަމުގައި ދެކެމެވެ. ކުރާ
ކަންތަކާއި އުނގެނޭ އުނގެނުންތައް ބިނާވާންޖެހޭނީ ހުނަރުވެރި، އަޚުލާޤީގޮތުން
ޒީނަތްތެރިވެފައިވާ، އުފެއްދުންތެރި، ޘަޤާފަތާއި އާދަކާދައަށް އަހުލުވެރި ބަޔަކު އުފެއްދުމަށެވެ.
ޤައުމީ މަންހަޖަކީ ދަރިވަރުންނަށް އެންމެ
ފައިދާކުރަނިވި ގޮތަށް ބައްޓަންކުރެވިފައިވާ ސިޔާސަތެކެވެ. އެއިން ތަފާތު
ހުނަރުތައް، ޤާބިލިއްޔަތުތައް ލިއްބައިދެއެވެ. ޤައުމީ މަންހަޖު
ފޯރުކޮށްދިނުމަށްޓަކައި ސްކޫލް ކުދިންގެ މެދުގައި ހަމަހަމަ އުޞޫލްތަކާއި، ގޮތްތައް
އެކުލެވިފައިވެއެވެ. މީގެ އިތުރުން އެކިއެކި ސިފަތައް، އަގުތައް، ހުނަރުތައް،
އަދި ތަފާތު މަޢުލޫމާތު ލިއްބައިދިނުމަށް
ވަރަށް ބޮޑަށް ސަމާލުކަން ދެވިފައިވެއެވެ. އެހެންކަމުން މި މަންހަޖީ ތަޢުލީމް
ޙާޞިލްކުރާ ދަރިވަރުން ދިރިއުޅުމަށް ތައްޔާރުވެފައިވާ މަންހަޖެއްކަން ޔަޤީންވެގެންދެއެވެ.
ރިފަރެންސް
ޢައިޝަތު ޒަޢީމާ. (2011). ސްޓަޑީގައިޑް ކަރިކިއުލަމް ސްޓަޑީޒް.
(7ވަނަޗާރޕް). ޔޫ އެސް އޭ: ޕިއާރސަން އެޑިކުކޭޝަން.
އާމިނަތު ޝާފިޔާ އާދަމް. (2011). އިންސްޓްރަކްޝަނަލް ސައިކޮލޮޖީ، ސްޓަޑީ
ގައިޑް. ސެންޓަރ ފޮރ އޯޕަން ލާރނިންގ. މާލެ: ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީ.
No comments:
Post a Comment