Thursday, April 9, 2020

ކޯޕަރޭޓިވް ލާނިންގ ތިއަރީ



ކޯޕަރޭޓިވް ލާނިންގ ތިއަރީ
ޢަބުދުލް ޣަފޫރު އިސްމާޢީލް، ދޫރެސް / ރ. މީދޫ
ފެށުން
                މިއެސައިމަންޓަކީ 2019 ސެޕްޓެމްބަރގައި ވިލާކޮލެޖުން ކުރިއަށްގެންދާ ޕޯސްޓް ގްރެޖްއޭޓް އެންޑް ޑިޕްލޮމާ އިން ޓީޗިންގ ކޯހުގެ ފުރަތަމަ ސެމިސްޓާރގައި ކިޔަވަމުންދާ ތިޔަރީޒް އެންޑް ޕްރެކްޓިސަސް އޮފް ޓީޗިންގ އެންޑް ލާނިންގ މޮޑިއުލްގެ އެސައިމަންޓެކެވެ.
              މި އެސައިމަންޓްގެ މަޤްޞަދަކީ ކުދިންނަށް ކިޔަވައިދޭ އެދުރުން، ކުދިންނަށް ފިލާވަޅު އޮޅުންފިލުވައި ދިނުމަށް ބޭނުންކުރާ އުނގަނައިދިނުމުގެ ތަފާތު ވައްތަރުތަކުގެ ތެރެއިން ނުވަތަ ތަފާތު މޮޑިއުލްތަކުގެ ތެރެއިން ކޯޕަރޭޓިވް ލާރނިންގ ނުވަތަ ޕިކްޗަރ ވާރޑް އިންޑަކްޓިވް މޮޑެލްގެ ތެރެއިން މޮޑިއުލްއަކަށް ދަރިވަރުންނަށް ފިލާވަޅެން އޮޅުންފިލުވައި ދިނުމަށް، އެމޮޑިއުލް ބޭނުންކުރެވިދާނެ ގޮތްތަކަކީ ކޮބައިކަން ހާމަކޮށްދިނުމެވެ. އެގޮތުން މި މަޒުމޫނުގައި ބަލައިލާފައިވާނީ ކޯޕަރޭޓިވް ލާނިނގ ތިއަރީގެ މައްޗަށެވެ.
             ޢަލީ ޔޫސުފު (2015) ހާމަކުރައްވާގޮތުގައި، ކޯޕަރޭޓިވް ލާރނިންގ އަކީ ގުޅިގެން އެއްބާރުލައިގެން ކިޔަވައިދިނުމެވެ. ގުޅިގެން ތަޢުލީމު ޙާޞިލްކުރުމުގައި ކާމިޔާބު ހޯދަން ދަރިވަރުން އިތުރަށް މަސައްކަތްކުރާނެއެވެ. އަދި މިއީ ކުދި ގްރޫޕެއްގައި، އެހީތެރިކަން ފޯރުކޮށްދީގެން އުނގެނުން ކުރިއަށްގެންދިއުމުގެ އުޞޫލެވެ. ދަރިވަރުން ތަރުބިއްޔަތު ކުރުމުގެ މަރުޙަލާ ފެށިގެންއަންނަނީ އުނގެނުމަށްޓަކައި ކަނޑައަޅާ ލަނޑުދަނޑިތަކުގެ މައްޗަށެވެ. އެގޮތުން އެ ލަނޑުދަނޑިތައް ބިނާވެފައި ހުންނަނީ ގުޅިގެން، ވާދަވެރިގޮތެއްގައި ނުވަތަ އަމިއްލަމަސައްކަތްކޮށް، ދަރިވަރުންގެ ހުނަރުތައް ދައްކައިދީގެން ކަންކަން ޙާޞިލް ކުރެވޭފަދަ ގޮތަކަށެވެ. އުނގަންނައިދެއްވާ އެދުރުން ތައްޔާރުކުރައްވާ ލެޝަންޕްލޭނާ އެއްގޮތަށް ފިލާވަޅުތައް ކުރިއަށް ގެންދިއުމަށް  މިފަދަ ގޮތްތަކުން ދަރިވަރުންނަށް ކަންކަން މަގުފަހި ކޮށްދެއެވެ.
             އުނގަނައިދިނުމުގައި ކޯޕަރޭޓިވް ލާރނިންގެ ސިފަތަކަކީ ވަރަށް މުހިއްމު ސިފަތަކެއް އެކުލެވޭ ތިއަރީއެކެވެ. އަދި އެއީ ތަޢުލިމު އުނގެނުމުގެ އިތުރުން އިޖުތިމާޢީ ހުނަރުތައް ސީދާގޮތުންނާއި ނުސީދާގޮތުން ކުދިންގެ ކިބާގައި އަށަގެންނުވޭ ތިއަރީއެކެވެ. އެއީ ތަރުބިއްޔަތުގެ ތެރެއިން ގުޅިގެން މަސައްކަތް ކުރަމުންދާއިރު ކުދިންގެ ޚިޔާލުތަކާއި، ޝުޢޫރުތަކުގެތެރެއިންނެވެ. ކުރެވޭ މަސައްކަތްތަކާއި، ލިބިގަނެވޭ ތަޖުރިބާތަކުގެ ތެރެއިންނެވެ. ކަންކަމަށްއިސްވުމާއި، ޒިންމާ އަދާކުރުމުގެތެރެއިންނެވެ. މިފަދަ ކަންތައްތަކުން އެނގިގެންދަނީ ކޯޕަރޭޓިވް ލާރނިންގ ތިއަރީ އަކީ ކިޔަވާދިނުމުގައި ބޭނުންކުރަން ވަރަށް ރަނގަޅު މުހިއްމު ކަންތައްތަކެއް ހިމެނޭ ތިއަރީއެއްކަމުގައެވެ.
                    މުޙައްމަދު ފަޔާޒު (2015)ގައި ހާމަކުރައްވާގޮތުގައި، ކޯޕަރޭޓިވް ލާރނިންގ ނުވަތަ ގުޅިގެން އެއްބާރުލައިގެން ތަޢުލީމް ޙާޞިލްކުރުމަކީ ކްލާސްރޫމެއްގެ ތެރެއިން ތަފާތު ފެންވަރުގެ ދަރިވަރުން އެއްބަޔަކު އަނެއްބަޔަކު ގުޅިގެން ތަފާތު މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާ ތިއަރީއެކެވެ. އަދި ޢިލްމީ ގޮތުން ދަރިވަރުންގެ ވިސްނުން އިތުރަށް ފުޅާކޮށްދިނުމާއެކު ދަރިވަރުން ކުރިއަރާ ދިއުމަށް ބާރުއަޅައިދެއެވެ. މިއީ އުނގަނައިދިނުމުގައި ވަރަށް މުހިއްމު ވައްތަރެކެވެ. އެގޮތުން ކޯޕަރޭޓިވް ލާރނިންގ ތިއަރީގެ ތެރެއިން އަޅުގަނޑު ކިޔަވައިދޭން ބޭނުންވަނީ ގްރޭޑް 6 ގެ އިސްލާމް ގަޑިއެއް ކިޔަވައިދޭގޮތް އޮޅުންފިލުވައިދިނުމެވެ. އެގޮތުން އަޅުގަނޑު އޮޅުންފިލުވައިދޭނީ އިސްލާމީ އަޚްލާޤުގެ ތެރެއިން ކެއިން ބުއިމުގެ އަދަބުތައް ހިމެނޭ ފިލާވަޅެކެވެ. މި ފިލާވަޅު ކުރިއަށް ގެންދާނެގޮތް ތިރީގައިވާ ބައިތަކުން އެނގިގެންދާނެއެވެ.
މައިގަނޑު  
                       އިސްލާމީ އަޚްލާޤުގެތެރެއިން ކެއިންބުއިމުގެ އަދަބަކީ ކޮންމެހެން އެނގެންޖެހޭ އަދަބުތަކުގެ ތެރޭގައި ހިމެނޭ އަދަބުތަކެކެވެ. އަޅުގަނޑު ކިޔަވައިދިނުމަށް ތައްޔާރުކުރި ލެސަން ޕްލޭންގައި މައިގަޑު ގޮތެއްގައި ވިސްނުން ބެހެއްޓީ ދަރިވަރުންނަށް ލިބެންޖެހޭ ތަފާތު ހުނަރުތައް، ތަފާތު ސިފަތައް ލިއްބައި ދިނުމަށެވެ. އެގޮތުން އަޑުއެހުމާއި، ލިޔުމާއި، ކިޔުމާއި، ވާހަކަދެއްކުން ހިމެނެއެވެ. މީގެ އިތުރުން ޑިސްކަސިންގ، ގްރޫޕް މަޝްވަރާކުރުން، އިންޑިވިޖުއަލް މަސައްކަތްކުރުން، އަދި ގްރޫޕް މަޝްވަރާކޮށް އެކަކު އަނެކަކާއި އެއްބާރުން ލައިގެން ގުޅިގެން މަސައްކަތްކުރުމުގެ މަރުހަލާ ހިމެނިފައިވާނެއެވެ.
                     މުޙައްމަދު ޢުމަރު (2017)ގައި ހާމަކުރައްވާ ގޮތުގައި، އެއްކުއްޖަކު އަނެއްކުއްޖަކަށް އެހީތެރިވެ ވާގިވެރިވާންޖެހެއެވެ. އަދި އެހީވާ ކުއްޖާއަށާއި، އެހީތެރިވެވޭ ކުދިންނަށްވެސް ކުރާފައިދާތައް ވަރަށް ގިނައެވެ. މި ފިލާވަޅުގައި ދަރިވަރުން އެދަރިވަރުން ގެ އަމިއްލަ ކުރިއެރުމަށްޓަކައި ކުރާކަންތައްތަކާއި، ގްރޫޕް މަސައްކަތްކުރާއިރު ގްރޫޕް ދަރިވަރުންގެ އެހީތެރިކަމާއެކު ޙާޞިލްކުރަންޖެހޭ ކަންތައްތައް ހިމެނިފައިވާނެއެވެ. އެގޮތުން އެގޮތުން އަމިއްލައަށް ކުރިމަސައްކަތުން ނިކުތް ނަތީޖާއިން ގްރޫޕްމަސައްކަތުގައި ހިއްޞާކޮށް ގްރޫޕް ކުދިންގެ ތެރެއިން އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އެމަޢުލޫމާތު ހިއްޞާކުރެވޭނެގޮތް ރޭވިފައިވާނެއެވެ. މިހެން ކަންތައްތައް ކުރުމުން ގުޅިގެން އެއްބާރުންލުންދެވިގެން މަސައްކަތް ކުރެވިގެން ދާނެއެވެ. ހަމައެފަދައިން ދަރިވަރުންގެ މެދުގައި އިޖުތިމާޢީ ގުޅުން ބަދަހިވެގެންދާނެއެވެ. މީގެ އިތުރުން އަމިއްލައަށް ކުރާ މަސައްކަތާއި ގްރޫޕް މަޝްވަރާގެ ނިންމުންތައް ހުށައެޅުމުން އެކަކު އަނެކަކުގެ ޚިޔާލަށް އިޙްތިރާމް ކުރުމާއެކު، ދިމާވާ މައްސަލަތައް އަމިއްލައަށް ހައްލުކުރެވިގެންދާނެއެވެ.
ލެސަންޕްލޭން
                     ކުދިން ތަރުބިއްޔަތު ކުރުމުގެ މަސައްކަތްކުރައްވާ ބޭފުޅުންގެ ވިދާޅުވާ ގޮތުގައި ލެސަންޕްލޭން ހެއްދެވުމަކި މުދައްރިސުން ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާ މުހިއްމު މަސައްކަތެކެވެ. ސަބަބަކީ ލެސަން ޕްލޭން ހެއްދެވުމުން ކުލާސްގަޑި ކުރިއަށް ގެންދެވުމަށް އެހީތެރިވެދޭތީއެވެ. ލެސަންޕްލޭނެއްނެތި ފިލާވަޅު ކުރިއަށް ގެންދެވުމަކީ ހަރުދަނާކަމެއްނެތި ކަމެއްކުރާ އުޞޫލުން ކަންތައްތައް ކުރާމީހުން ކުރާގޮތެކެވެ. ގިނަ މުދައްރުސުން ވިދާޅުވާ ގޮތުގައި ލެސަންޕްލޭން ހެއްދެވުމަކީ ކުރައްވަން ޖެހިވަޑައިގެންފައިވާ ވާޖިބެކެވެ. އެއީ އެހީތެރިވުމަށާއި، މަގުދައްކައިދިނުމަށާއި، ސިކުނޑީގެ ރޭވުންތައް ދައްކުވައިދޭ ލިޔެފައިވާ އެއްޗެއް އޮތުމުން އުނގަންނައިދިނުމަށް ފަސޭހަވެގެން ދާނެތީއެވެ.
                  އައިޝަތު އަޒީމާ (2011) ގައި ހާމަކުރައްވާ ގޮތުގައި، ލެސަންޕްލޭން ތައްޔާރު ކުރުމުގައި ވިސްނަންޖެހޭ މައިގަނޑު 4 ކަމެއް އޮވެއެވެ. އެއީ މަންހަޖުގައި ކިޔަވައިދެނީ ކޯއްޗެއްކަން ބެލުމާއި، ނަންގަވާދެއްވާ ފިލާވަޅުން ކިޔަވާކުދިން ޙާޞިލް ކުރަންވީ ކޮންބައިތަކެއްކަން ބެލުމާއި، ނަންގަވާދެއްވާ ފިލާވަޅު ފެށުމުގެ ކުރިން އެފިލާވަޅަކާއި ގުޅޭގޮތުން ކުދިންނަށް އެނގޢ މިންވަރު ބެލުމާއި އާ މަޢުލޫމާތު ދަރިވަރުންނަށް ބުނެދިނުމަށް ބޭނުންކުރާނެ މަދުވެގެން އެއްގޮތެއް ހޯދައި ބެލުމާއި އަދި ފިލާވަޅު ނިންމާލުމަށް ފަހު ފިލާވަޅު ޙާޞިލްވިތޯ ބަލާނެ މިންގަނޑެއް ކަނޑައެޅުމެވެ. ލެސަން ޕްލޭން އެންމެ ރަނގަޅަށް ހެދިއްޖެނަމަ ކިޔަވައިދޭ ތަކެއްޗާއި، ޢާއްމު ދިރިއުޅުމުގެ ކަންތައްތައް ގުޅުވާލުމަކީ ދަރިވަރުންނަށް ވަރަށް ފަސޭހަ ކަމަކަށް ވެގެންދާނެއެވެ.
               މި ފިލާވަޅު ރޭވުމުގައި އަޅުގަނޑު ވިސްނި މުހިއްމު ކަންތަކުގެތެރޭގައި ފިލާވަޅުގެ މަޤުޞަދު ކަނޑައެޅުމުގަޔާއި، ލެސަންޕްލޭން ތައްޔާރުކުރުމުގައި ދަރިވަރުންގެ ކިޔެވުމުގެ ގޮތްތަކަށްބަލާ ސަމާލުކަންދޭންޖެހޭ ކަންތައްތައް ވިސްނަންޖެހުނެވެ. އޭގެތެރޭގައި އަވަހަށް ފިލާވަޅު ނަގައިގަންނަ ކުދިންނާއި، ފިލާވަޅު ނަގައިގަތުމުގައި ލަސްކުދިން ހިމެނެއެވެ. އަދި ކިޔަވާހިތްވާކުދިންނާއި ކިޔަވަން ފޫހިވާކުދިން ފާހަގަ ކުރަންޖެހުނެވެ. ހަމައެފަދައިން ގްރޫޕްގައި މަސައްކަތް ކުރެވޭ ކުދިންނާއި ގްރޫޕްގައި މަސައްކަތްކުރުމަށް ފޫހިވާ ދަރިވަރުން ފާހަގަކުރަންޖެހުނެވެ. މީގެ އިތުރުން މަސައްކަތަށް ޝައުޤު ހުންނަކުދިންނާއި މަސައްކަތައް ފަރުވާކުޑަކުރާ ނުވަތަ ކުލާހުގެ އެވްރެޖް ކުދިންނަށްވުރެ ދަށް ކުދިންނަށްވެސް ވިސްނަންޖެހުނެވެ. ވާހަކަދެއްކުމާއި ހުށައެޅުންތަކަށްވެސް ވިސްނާ ފިލާވަޅު ރޭވުމުގައި އިސްކަމެއްދިނީމެވެ.
                  ފިލާވަޅެއް ރާވާއިރު ސަމާލުކަން ދޭންޖެހޭ ވަރަށް މުހިއްމު ކަންތައްތައް ހުރެއެއެވެ. އޭގެތެރޭގައި މާއްދާ، ގްރޭޑް، ވަގުތު، ތާރީޚް، ސްޓްރޭންޑް/ސަބްސްޓްރޭންޑް، އައުޓްކަމް، އިންޑިކޭޓާރސް، މައިގަނޑު ގާބިލިއްޔަތުތައް، ލާނިންގ އިންޓެންޝަން، ސަކްސަސް ކްރައިޓީރިއާ، އުގެނުމުގެ އެހީ، އެފިލާވަޅާއިބެހޭގޮތުން ކުރިންލިބިފައިވާ މަޢުލޫމާތު ބެލުން، ފިލާވަޅުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާނެ ސުވާލުތައް، ފިލާވަޅު އަމާޒުކުރެވޭ ޓެކްނޮމީގެ ލެވެލްތައް، ފިލާވަޅުގައި ހިމެނޭ އާބަސްތައް، ޤާބިލިއްޔަތުތަކާއި ގުޅުވާލާނެ ގޮތްތައް ހިމެނެއެވެ. މީގެ އިތުރުން މުދައްރިސް ފިލާވަޅު ކުރިއަށްގެންދާނެ ގޮތްތައް ވަގުތުތަކަށް ބަހާލައިގެން ރޭވުމަކީ މުހިއްމުކަމެކެވެ. އެއީ ފިލާވަޅު ފެށުން، ފިލާވަޅުގެ މައިގަނޑު ޙަރަކާތްތައް، ފިލާވަޅު ނިންމުމެވެ. އަދި ހިއްސާކުރާ އަގުތަކާއި ، ކުދިން އުނގެނިފައިވާ މިންވަރު ބަލާނެގޮތްތައް ހިމެނުން ވަރަށް މުހިއްމުވާނެއެވެ. ހަމައެއާއެކު ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ބޭނުންކުރާނެ އާލާތްތައްކަނޑައަޅާ ތައްޔާރުވުމަކީ މުދައްރިސުން ކުރައްވަންޖެހޭ މުހިއްމު ކަމެއްކަމުގައި ދެކެމެވެ. މި ފިލާވަޅު ރޭވުމުގައި މިދެންނެވި ހުރިހާ ކަމަކަށް ސަމާލުކަން ދެވިފައިވާނެކަން އުފަލާއެކު ފާހަގަކުރަމެވެ. މިކަންތައްތައް ހިމެނިފައިވުމުން ކޯޕަރޭޓިވް ލާރނިންގ ގެ މުހިއްމު ސިފަތައް ޙާޞިލްވެގެންދާނެއެވެ.  
 އޮޅުންފިލުވައިދިނުން
                 ދަރިވަރުންނަށް ކިޔަވައިދެއްވާއިރު ސަމާލުކަން ދޭންޖެހޭ ކަންތަކުގެތެރޭގައި އެންމެ މުހިއްމު އެއްކަމަކީ ކުދިންނަށް އެއްޗެތި އޮޅުންފިލުވައިދިނުމުގައި ވިސްނަންޖެހޭ މުހިއްމު ބައިތަކެވެ. ރަޝީދު މުޞްޠަފާ (2015) ގައި ހާމަކުރައްވާ ގޮތުގައި، ދަރިވަރުންނަށް ނަންގަވައިދެއްވާ ފިލާވަޅު އޮޅުން ފިލުވައިދިނުން ތަފާތު ބައިތަކަކަށް ބަހާލެވެއެވެ. މައިގަނޑު ގޮތެއްގައި ބަހާލެވެނީ 3 ބަޔަކަށެވެ. އެއީ ފިލާވަޅުން އަންގައިދެނީ ކޮން އެއްޗެއްކަން އޮޅުންފިލުވައިދިނުމެވެ. އަދި ފިލާވަޅު އޮޅުންފިލުވައިދެނީ ކިހިނެތްކަން އަންގައިދިނުމެވެ. އަދި ފިލާވަޅު އޮޅުންފިލުވައިދޭން ޖެހެނީ ކީއްވެގެންކަން އަންގައިދިނުމެވެ. މި ބައިތަކަށް ވިސްނާގެން ފިލާވަޅު އޮޅުންފިލުވައި ދެއްވާނަމަ އެފިލާވަޅު ދަރިވަރުންނަށް ފައިދާހުރި، ބޭނުންތެރި ފިލާވަޅަކަށް ވެގެންދާނެއެވެ. އެގޮތުން މި ފިލާވަޅު އޮޅުން ފިލުވައިދިނުމުގައި ކެއުމުގެ އަދަބުތަކާއި ބެހޭގޮތުން ޕްރެޒެންޓޭޝަން ތައްޔާރުކޮށް މަތީގައިވާ ޕްއިންޓްތަކަށް ބަލާލާފައިވާނެއެވެ.
                މިފިލާވަޅު ރަނގަޅަށް އޮޅުން ފިލުވައިދިނުމަށް ސަމާލުކަންދޭންޖެހޭ 8 ކަމަކަށް ބަލާލެވިފައިވާނެއެވެ. އަދި ރަޝީދު މުޞްޠަފާ (2015) ލިޔުއްވާ ކޯލް އެން ޗޭން (1999) ގެ ލިޔުމާއި ހަވާލާދެއްވާ ފާހަގަކޮށްފައިވާ 8 ކަންތައްތަކަކީ، ފީލާވަޅުގެ ބައިތައް ވީހާ ކުރުކޮށް އޮޅުންފިލިވައިދިނުމެވެ. ދަރިވަރުންނަށް ފިލާވަޅު އޮޅުންފިލުވައިދޭއިރު އަޑުއަހާ ހިތްޖެއްސުމެވެ. ކުދިންނަށް އޮޅުންފިލުވައިދޭ އެއްޗެތީގެ ތެރޭގައި ފިލާވަޅުގެ މުހިއްމު ނުކުތާތައް ހިމެނުން މުހިއްމެވެ. ކުދިންނަށް އޮޅުންފިލުވައިދޭ އެއްޗެތީގެ މެދުގައިވާ ގުޅުން އަންގައިދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކުދިންނަށް އޮޅުންފިލުވައިދޭން ބޭނުންކުރާ ބަސްތައް ނުވަތަ ޖުމުލަތައް ފުރިހަމަކުރަން ޖެހެއެވެ. ކުލާހުގައިތިބި ދަރިވަރުންގެ ފެންވަރާއި އެކަށޭނަ ބަސްކޮށާރެއް ބޭނުންކުރުމެވެ.  ބޭނުންކުރާ ލަފުޒުތަކާއި ޢިބާރާތްތަކުގެ މާނަ ސާފުވާންޖެހެއެވެ. އަދި އޮޅުންފިލުވައިދޭ މުހިއްމު ޕޮއިންތްތަކަށް ބާރުއެޅުމުގެ ގޮތުން ބަސްތައް ތަކުރާރުކުރުން ވަރަށް މުހިއްމެވެ. މި ކަންތައްތަކުގެ ސަބަބުން ކޯޕަރޭޓިވް ލާރނިންގ ގެ މުހިއްމު އެލިމަންޓްސްތައް ނުވަތަ އުންސުރުތައް ފުރިހަމަވެގެންދެއެވެ.
އުނގެނުން
                    މުޙައްމަދު ފަޔާޒު (2015) ގައި ހާމަކުރައްވާ ގޮތުގައި، ގުޅިގެން އެއްބާރުލައިގެން ތަޢުލީމް ޙާޞިލްކުރާ ދަރިވަރުންނަށް އިޖުތިމާޢީ ގޮތުން އަދި ތަޢުލިމުގެ ގޮތުން ވަރަށް ގިނަ ފައިދާތަކެއް ޙާޞިލުކުރެވޭކަމަށް ވިދާޅުވެއެވެ. އުނގެނުމުގެ މަސައްކަތް ދަރިވަރުން ތަފާތު ގޮތްގޮތަށް ކްލާސްރޫމްގައި ކުރަމުންދާނެއެވެ. މިސާލަކަށް މިފިލާވަޅުގައި ކުދިން ކުރާނެ މަސައްކަތްތަކަށް ބަލާއިރު އެންމެފުރަތަމަ ހުރިހާކުދިން ގުޅިގެން އެކުއެކީގައި ޕްރެޒެންޓޭޝަން ބެލުމަށްފަހު މަޝްވަރާކުރެވުނެވެ. މާނަނޭނގޭބަސްތަކުގެ މާނަ ލިބިގަތެވެ. އެއަށްފަހު މުދައްރިސް ދެއްކެވި ކުރު ވީޑިއޯއެއް ކުދިންބެލިއެވެ. އަދި ލިބުނު މަޢުލޫމާތުގެ އަލީގައި ކުދި ގްރޫޕްމެދުގައި މަޝްވަރާކޮށް ސުވާލުތަކަށް އަންގަބަހުން ކޮންމެ ކުއްޖަކުވެސް ޖަވާބުދާރީވިއެވެ. މިކަމުގެ ސަބަބުން ކޯޕަރޭޓިވް ލާރނިންގ ސްޓްރެޓެޖީތަކުގެ ތެރެއިން ދަރިވަރުންގެ ގުޅުމުގެ ފައިދާތައް ފެނިގެންދިޔައެވެ.
                  ކްލާސްރޫމްގައި ދަރިވަރުން އުނގެނޭ އުނގެނުމުގެ މަސައްކަތަކީ ވަރަށް ފައިދާކުރަނިވި ބޭނުންތެރި މަސައްކަތެކެވެ. އެ މަސައްކަތްތަކުގެ ސަބަބުން ދަރިވަރުންނަށް ފިލާވަޅު ޙާޞިލްވާ މިންވަރު އިތުރުވެ، ދަރިވަރުން ވަގުތައް ކަމޭހިތާ، ވަގުތުގެ ބޭނުންހިފަ މިންވަރު ބޮޑުވެ، ދަރިވަރުންގެ މެދުގައި އިޖުތިމާޢީ ރޫޚް އާލާވެ، ކުދިންމެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިވެ، އުނގެނުމުގެ މަސައްކަތުގެތެރެއިން އަމިއްލަނަފުސަށް ކުރެވޭ އިތުބާރު ބޮޑުވެގެންދެއެވެ. މީގެ އިތުރުން ކުދިންގެ ދިރިއުޅުމުގެ ތަފާތު ތަޖުތިބާތައް ހިއްސާ ކުރުމުން މުޢާޞަލާތު ކުރުމުގެ ހުނަރުތައް ތަރައްޤީވެ، ކުދިންގެ ބަހުރުވަ ރަނގަޅުވެ، ވާހަކަދެއްކުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަން ޔަޤީނެވެ. މިފަދަ ކަންތައްތަކުން ކޯޕަރޭޓިވް ލާރނިންގގައި ކުދިން ފިލާވަޅު ދަސްވި މިންވަރު ބެލުމަށް ނުވަތަ ފިލާވަޅު އެސެސްކުމަށްވެސް މަގުފަހިވެގެން ދާނެއެވެ.
                ކްލާސްރޫމްގައި ހިންގޭ ތަފާތު ޙަރަކާތްތަކުގެ ސަބަބުން ކުދިންގެ މެދުގައި ގުޅުންއުފެދި ކަނޑައެޅޭ ވަކި ނަތީޖާއެއް ނެރުމަށް ދަރިވަރުން ބޮޑަށް މަސައްކަތްކުރާނެއެވެ. މިފަދަ ކަންތައްތަކުން ދަރިވަރުންގެ ކުރިއެރުމަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަކުރެވެއެވެ. އެއީ އެކިކަންކަމުގައި ދަރިވަރުން ދެކޭގޮތް ބަދަލުވުމާއި، ދަރިވަރުންގެ މެދުގައި އުފެދިފައިވާ ޒާތީ ކަންތައްތައް މަދުވެ، ކުދިންގެ މެދުގައި ގުޅުން ބަދަހިވެ، އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުގެ ގޮތްތައް އަށަގަނެވިގެން ދާތީއެވެ. މިކަންތަކުގެ ސަބަބުން ކޯޕަރޭޓިވް ލާރނިންގއަކީ ވަރަށް ބޭނުންތެރި ތިއަރީ އެއްކަމަށް ގިނަ މުދައްރިސުން އެއްބަސްވެ ލައްވައެވެ.
ގްރޫޕް މަޝްވަރާކުރުން
                  ކޯޕަރޭޓިވް ލާރނިންގ ގައި ކުދި ގްރޫޕް މަސައްކަތްތަކަކީ ވަރަށް ބޭނުންތެރި ބައެއްކަމަށް ފާހަގަ ކުރެވެއެވެ. މިފަދަ ގްރޫޕްތަކުން ގްރޫޕް ބައިވެރިންގެ އެކެއްގެ މަސައްކަތަށް އަނެއްކަކު އެހީތެރިވެ، ވާގިވެރިވުމުން ބައިވެރިން ކުރިއަރާދިއުމަށް ހިތްވަރު ލިބެއެވެ. ގްރޫޕް ބައިވެރިންނަށް ނޭނގޭތަކެތި ބުނެދިނުމުން ނުވަތަ ހިއްސާކުރުމުން ފިލާވަޅުގެ މަޤުބަދު ރަނގަޅާށް ޙާޞިލްވެއެވެ. މީގެ އިތުރުން އަމިއްލަ ނަފުސަށްކުރެވޭ އިތުބާރު ބޮޑުވެ ގްރޫޕް ކުދިންނާއި ކުރިމަތިލާ އެކުއްޖަކު ދައްކަންބޭނުންވާ ވާހަކައެއް ދެއްކޭފަދަ ބަޔަކަށް ހެދުމަށް މަގުފަހިކޮށްދެއެވެ. މި ފިލާވަޅުގައިވެސް ކެއުމުގެ އަދަބުތައްވެސް ހިމެނޭގޮތަށް ލިޔެފައިވާ ޖުމުލަތަކެއް ކުދިގްރޫޕްތަކަށްދީ ގްރޫޕް މަސައްކަތް ކުރުވީމެވެ. މިގްރޫޕް ތަކުން އެނގިގެންދިޔައީ ކުދިންގެ ބައިވެރިވުމާއި، ކެރުންތެރިކަން އިތުރުވި މިންވަރެވެ. އަދި އަމިއްލަ ޒިންމާނެގުމާއެކު ވާހަކަދެއްކުން ތެރިކަން އިތުރުވެ ބަސްކޮށާރު މުއްސަނދިވެގެން ދިޔަތަނެވެ. އެހެންކަމުން ކޯޕަރޭޓިވް ލާރނިންގއަކީ ގްރޫޕް ޕްރޮސެސްތައް އެސެސްކުރުމުގައިވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއްކަން ހާމަވެގެން ދިޔައެވެ.
                   އާދަމް ޒާހިރު (2017) ގައި ލިޔުއްވާފައިވާގޮތުގައި، ކޯޕަރޭޓިވް ލާރނިންގ ގެ ތިއަރީގައި ހިމެނެނީ ކަންތައްތައް ރޭވުމާއި އިންތިޒާމު ކޮށްގެން ކުލާސް ރޫމްތެރޭގައި ގެންދެވޭ ތަރުބަވީ ޙަރަކާތްތަކެކެވެ. މިފަދަ ޙަރަކާތެއްގައި ކުދިން މަސައްކަތްކުރާނީ ތަޖުރިބާ ކުރުމުގައި ގްރޫޕެއްގެ ތެރޭގައެވެ. އެހެންކަމުން ކުލާހުގައި ގެންދެވޭ ގްރޫޕް މަސައްކަތްތައް ވާންވާނީ ރޭވިގެން އިންތިޒާމް ކުރެވިފައިވާ މަސައްކަތްތަކަކަށެވެ. މިފަދަ ކުދި ގްރޫޕްގެ މަސައްކަތްތައް ރާވާފައި ހުންނަނީ ހަރުފަތަކަށްފަހު ހަރުފަތެއް ކަންކަން ނިންމަމުންގޮސް ފިލާވަޅުގެ މަޤުޞަދު ޙާޞިލް ކުރެވޭގޮތަށެވެ. މި ގޮތަށް މަސައްކަތްކުރުމުން ގްރޫޕް މަސައްކަތުގެ ސްޓްރެޓެޖީތައް ޙާޞިލް ވެގެންދެއެވެ.
                އާދަމް ޒާހިރު (2017) ގައި ލިޔުއްވާ ޖޯންސަން ހޮލޫބެކް (2008) ގެ ލިޔުމާ ހަވާލާދެއްވާ ބަޔާންކޮށްފައިވަނީ ކޯޕަރޭޓިވް ލާރނިނގގައި އުނގެނުމުގައި ވިސްނަންވީ ދިގުލައި ދިއުމަށެވެ. މާނައަކީ ދަރިވަރުން އުނގެނޭ އެއްޗެއް ރަނގަޅަށް އެގުމަށް ދިގުމުއްދަތު ބޭނުންވާކަމެވެ. ވަގުތުން ދަސްވުމާއި ތަފާތު ހުންނަކެމެވެ. މިބާވަތުގެ ތިއަރީގެ ތެރޭގައި ބައިވެރިންގެ މެމްބަރޝިޕެއް އުފެދޭނެއެވެ. އަދި އަބަދު މަޝްވަރާކުރުމަށް ބޭނުންވާނެއެވެ. އެއީ އެކުދިން ދަސްކުރުމަށް ބޮޑަށް ބޭނުންވެފައިވާތީއެވެ. އެހެންކަމުން ކޯޕަރޭޓިވް ލާރނިންގގައި ގްރޫޕް މަސައްކަތްތައް ޕްލޭން ކުރުން މުހިއްމެވެ. އެއީ އެކަމުގެ ފައިދާ ބޮޑުކަމުންނެވެ. އޭގެތެރޭގައި އޯފް-ޓާސްކް ބިހޭވިއަރ މަދުކުރެވެއެވެ. ގްރޫޕް މެމްބަރުން މުޢާމަލާތް ކުރުމުގެ ހުނަރު ތަރއްޤީ ކުރެވެއެވެ. ޓީމް ބިލްޑިންގގެ ޙަރަކާތްތައް ވަރުގަދަކުރެވެއެވެ. މީގެ އިތުރުން ގްރޫޕް މަސައްކަތުގެ ވައްތަރުތައް ފާހަގަކޮށްލެވެއެވެ. އެއީ ތިންކް-ޕެއަރ-ޝެއަރ މާނައަކީ ކުދިންނާއި މުދައްރިސް މަޝްވަރާކޮށް މަޝްވަރާގެ ބައިތައް އެއްބަޔަކު އަނެއްބަޔަކާއި ޝެއަރ ކުރުމެވެ. އަދި ޕެއާޒް-ޗެކް، ކޮންބައިނިންގ ޕެއާރސް، އަދި މީގެ އިތުރުން ޓީމް މޭޓް ކޮންސަލްޓަންޓްހިމެނެއެވެ.
                 ކުލާހުގައި މަޝްވަރާކުރުމަކީ ވަރަށް ބޭނުންތެރި އެހާމެ މުހިއްމު ކަމެކެވެ. ފިއްލަދޫ ނަސީމް (2015) ގައި ހާމަކުރައްވާފައިވާގޮތުގައި، ކުލާސްރޫމްގައި ޑިސްކަންކުރުމުގައި ބެލެވޭ މުހިއްމު އެއްކަމަކީ، ކުލާހަށް ހުށައަޅާ ކަމަކާއި ބެހޭގޮތުން ދަރިވަރުންގެ ޚިޔާލު ހުށައެޅުމެވެ. ކުލާހުގެ އެހެންކުދިން ދައްކާ ވާހަކަ ކަނުލާ އަޑުއެހުމެވެ. އަދި ދަރިވަރުންގެ އިޙްތިރާމް ނުގެއްލޭގޮތަށް ރީތިބަހުން ރައްދު ދިނުމާއި، ޖަވާބުދާރީވުމެވެ. ދަރިވަރުން ހުށައަޅާ ކޮންމެ ކަހަލަ ޚިޔާލަކަށްވިއަސް އެ ޚިޔާލެއް ބަލައިގަތުމެވެ. ފަދަ ކަންކަން ހިމެނޭގޮތަށް ކުލާސް ރޭވުމަކީ ވަރަށްބޭނުންތެރި އެހާމެ މުހިއްމު ކަމެއްކަމުގައި ދެކެމެވެ. މިހެން ކަންތައްތައް ރާއްވަވައިގެން މުދައްރިސް ކަންތައްކޮށްފިނަމަ ދަރިވަރުންގެ ވިސްނުމުގެ ޤާބިލްކަންއިތުވުމާއެކު، ވަހަކަ ދެއްކުމުގެ ހުނަރު ލިބިގެންދާނެއެވެ. އަދި އަޑުއެހުމާއި، ކަންކަމަށް ޒިންމާނެގުމާއި ޒިންމާ ދާރުވުމަށް އަހުލުވެރިވެގެން ދާނެއެވެ. މީގެ އިތުރުން ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ކުޅަދާނަކަން ލިބި މައްސަލަ ހައްލުކުމަށް ފަސޭހަވެންދާނެއެވެ.
ފަރުދީގޮތުން މަސައްކަތްކުރުން  
             ކޮންމެ ދަރިވަރަކުވެސް  ކިޔެވުމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ފަރުވާތެރިވާންޖެހޭ މުހިއްމު ކަންތައްތަކެއް ހުންނާނެއެވެ. އޭގެތެރެއިން އެއްކަމަކީ އެކުއްޖެއްގެ އަމިއްލަ ފަރުދީ ޒިންމާ އަމިއްލައަށް ނެގުމެވެ. ނުވަތަ އަމިއްލަ ޒިންމާ އަދާކުރުމެވެ. މިފަދަ ކަންތައްތައް ކުދިންނަށް އަންގައިދީ ދަސްކޮށްދޭންޖެހެއެވެ. މިއީ ކޯޕަރޭޓިވް ލާރނިންގގައި ވަރަށް މުހިއްމު ކަމެކެވެ. މިކަންތައްތައް ފުރިހަމަ ކުރަންޖެހެނީ ހެދޭ ކުދި ގްރޫޕްތަކުގެތެރެއިން ކުރެވޭ މަޝްވަރާތަކާއި ހުށައަޅާ ހުށައެޅުމުގެ ތެރއިންނެވެ. ކުލާހުގައި ކުރިމަތިވާ ސުވާލުތަކަށް ޖަވާބު ދިނުމުގެ ތެރެއިންނެވެ. އަދި ފަރުދީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތަކުގެތެރެއިންނެވެ.
            ރަޝީދު މުޞްޠަފާ (2015) ހާމަކުރައްވާގޮތުގައި ކުލާހުގައި ދަރިވަރުން ނާގާ ޒިންމާތަކާއި، ކުރާ ކަންތައްތަކަކީ ދަރިވަރުންގެ އުނގެނުމަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަންތައްތަކެކެވެ. ކުދިންގެ ދިރިއުޅުން ބާއްޖަވެރިކުރުމަށް ކުރެވޭ މަސައްކަތަކަށް ވެގެންދާނެއެވެ. އެހެންކަމުން ކުދިންނަށް ކަންތައްތައް ޙަވާލުކޮށް ޒިންމާދާރުކުރުވުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ދެކެމެވެ. މި ފިލާވަޅުގައި ކުދިންގެ ޒިންމާތައް ވަރަށްގިނަވާނެއެވެ. އޭގެތެރޭގައި ކުދިން އަމިއްލައަށް ކަންތައްތައް ކުރުން ހިމެނެއެވެ. ދަރިވަރުންގެ ފޮތްކިޔުމެވެ. ވީޑިއީ ބެލުމެވެ. އަދި ވީޑިއޯ ބަލައިގެން ހިނގާކަންތައްތައް ނޯޓްކުރުމެވެ. ގްރޫޕް މަޝްވަރާގެމަތީން ކަންތައްތަކަށް ޑިސްކަސްކުރުމެވެ. ލިބުނު ނަތީޖާ ވަކިވަކި ކުދިންނަށް ބަހާލައިގެން ހުށައެޅުމެވެ. މި ފަދަ ކަންތައްތަކުން ކުދިންގެ ފަރުދީ ޒިންމާ އަދާކުރަން މަގުފަހިވެގެންދެއެވެ. ޒިންމާ އުފުލުމާއި ޒިންމާދާރުވާން ދަސްވެގެންދެއެވެ. އަދި މީގެ އިތުރުން ފިލާވަޅު ނިންމުގެ ގޮތުން ކުދިންނާއި ސުވާލުކޮށް ކުދިންގެ ޖަވާބު ހޯދުމާއި، މުޅި ފިލާވަޅައި ބެހޭގޮތުން ސުވާލު ކުރުމުން ވަކިވަކި ކުދިންގެ ފަރާތުން ލިބޭ ޖަވާބުތަކުން ކޯޕަރޭޓިވް ލާރރނިންގެ މުހިއްމުކަން ހާމަވެގެންދެއެވެ.
އެސެސްކުރުން
              މުޙައްމަދު ފަޔާޒު (2015) ގައި ލިޔުއްވާފައިވާ ގޮތުގައި، ގުޅިގެން އެއްބާލުލާގެން ދަރިވަރުންގެ އުނގަނައިދިނުން ކާމިޔާބީއާއި ހަމައަށް ގެންދިއުމުގައި ދަރިވަރުން އެސެސްކުރާ ގޮތްތައް މުހިއްމު ދައުރެއް އަދާކުރެއެވެ. އެގޮތުން ދަރިވަރުން އެސެސްކުރުމުގައި ސަމާލުކަން ދޭންޖެހޭ މުހިއްމު ކަންތައްތަކެއްވާކަން ފާހަގަކުރަމެވެ. މިގޮތުން ދަރިވަރުންގެ މަސައްކަތްތަކަށްބަލައި އެސެސްކުރުމާއި ރިޕޯޓްކުރާނެ އުޞޫލްތަކެއް ރާވައި ކަނޑައެޅުމަކީ މުހިއްމު ގައެއްކަމުގައި ދެކެމެވެ. އަދި ކުދިންކުރާ މަސައްކަތްތައް ވަޒަންކުރުމާއި، ރިޕޯޓްކުރުމުގައި ކުލާސްރޫމުގައި ބޭނުންކުރާ ގްރޫޕްތަކުގެ އެހީތެރިކަން ހޯދުމުން ލިބޭފައިދާތަކަކީ ކޮބައިކަން ދެނެގަނެ އެކަން ބަލައިގަތުމަކީ ވަރަށް މުހިއްމުކަމެކެވެ. އެސެއްކުރުމުގައި ޒާތީގޮތުންނާއި އެހެނިހެން ގޮތްގޮތުން ފާހަގަކުރެވޭ ދަރިވަރުން ނުބެލުމަކީ މުހިއްމު ކަމެކެވެ. ދަރިވަރުންނާއި ހަވާލުކުރެވޭ މަސައްކަތްތައް ނިންމުމުގައި ގްރޫޕްގެ ހުރިހާ މެމްބަރުންގެ މަސައްކަތްތައް ނުވަތަ ބައިވެރިވުން ރަނގަޅަށްބަލާ ޔަޤީންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ދަރިވަރުންނާއި ހަވާލުކުރެވޭ ކަންތައްތައް ދޭ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަކީ އެސެސްކުރުމުގައި ވަރަށް މުހިއްމު ކަމެކެވެ. ކޯޕަރޭޓިވް ލާރނިންގ ތިއަރީގައި ދަރިވަރުންގެ އެސެސްކުރުމުގެ ނަތީޖާ ދެއްކުމާއި ރިޕޯޓްކުރުމުގައި ކުލާހުގެ އެހެނިހެން ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިކުރުމަކީ ބޭނުންތެރިކަމެއްކަމުގައި ދަންނަވަމެވެ. އަދި މީގެ އިތުރުން ކުލާސްކުދިންގެ އެހީގައި އުނގެނުމުގެ ލަނޑުދަނޑިތަކާއި އެސެސްކުރި ގޮތްތަކާއި ޙާއްޞަ ސަމާލުކަންދޭންޖެހޭ ކުދިންގެ ފެންވަރު ވަޒަންކުރުމުގައި ބޭނުންކުރާ އުޞޫލްތަކާއި ގޮތްތައް ހަމަހަމަ ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ދެކެމެވެ.    
ކޯޕަރޭޓިވް ލާރނިންގގެ ފައިދާތައް
             ފިލާވަޅުގެ މަޤުޞަދު ޙާޞިލް ކުރުމަށްޓަކައި ދަރިވަރުންގެ ބައިވެރިވުމާއި އެހީތެރިކަން ލިބެޖެހެއެވެ. އަދި މުދައްރިސްގެ ދައުރަކީ ވަރަށް މުހިއްމު ބައެއްކަމުގައި ކޯޕަރޭޓިވް ލާނިންގ ތިއަރީ ދެކެމެވެ. އާދަމް ޒާހިރު (2017) ލިޔުއްވާފައިވާ ގޮތުގައި، ދަރިވަރުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޮޑަށް އެހީތެރިވެދެނީ ކޯޕަރޭޓިވް ލާރނިންގގެ ތިއަރީއިންނެވެ. ކުދިންގެ މެދުގައި ބޮޑު ގުޅުމެއް އުފައްދާ، އެކުވެރިކަމާއެކު އެއްބައިވަންތަކަން ޤާއިމްކޮށްދެނީ މި ތިއަރީއިންނެވެ. ކުދިންނަށް ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތުލިބި ހުނަރުވެރިކަމާއި، ކެރުންތެރިކަން، ހަރުދަނާ ރިވެތި ސިފަތައް އަށަގަންނަވަނީ ކޯޕަރޭޓިވް ލާރނިންގ ތިއަރީގެ ތެރެއިންނެވެ. ހަމައެފަދައިން މުޢާމަލާތްކުރުމާއި، ކަންކަމަށްއިސްވެ، ޒިންމާދާރުކަމާއެކު ކަންކަންކުރަން ކުރިމަތިލަނީވެސް މިތިއަރީގެ ސަބަބުންލިބޭ ސިފަތަކުންކަން ހާމަވެއެވެ. މި ކަންތައްތަކަށްބަލައި މި ފިލާވަޅުގެ ކަންކަން ރާވާލެވިފައިވާނެކަން އުފަލާއެކު ފާހަގަކުރަމެވެ.    
ކޯޕަރޭޓިވް ލާރނިންގގައި ހިމެނޭ މުހިއްމު ކަންތައްތައް
         ޝަހީ (2015) ގައި ހާމަކުރައްވާ ގޮތުގައި، ދަރިވަރުންނަށްދެވޭ މަސައްކަތްތަކަކީ ވަރަށް މުހިއްމު ބައެކެވެ. އެގޮތުން ދެވޭ ކުދި ގްރޫޕްތަކަށްދެވޭ މަސައްކަތްތައް ވަރަށް ގިނައެވެ. އެކަމުގެ ސަބަބުން ދަރިވަރުންގެ ވާހަކަދެއްކުމުގެ ހުނަރުތަކާއި، ދަރިވަރުން އެކުއެކީގައި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ތަރައްޤީވެ، ކުރިއަރާދެއެވެ. އަދި ދަރިވަރުން އަމިއްލައަށް އުނގެނުމުގެ ފުރުޞަތު ދެވެއެވެ. އެހެންކަމުން އެހެންމީހުންނާއި ދުވާލުކޮށް އަމިއްލައަށް ޖަވާބުތައް ހޯދާ، ދިމާވާ މައްސަލަތައް އަމިއްލައަށް ހއްލުކުރެވިގެންދެއެވެ. ހަމައެފަދައިން ދަރިވަރުން ފިލާވަޅުތަކަށް ދޭ ސަމާލުކަން އިތުރުވެގެންދެއެވެ. މީގެ އިތުރުން ދަރިވަރުންނަކީ ކެރުންތެރި ، ހުނަރުވެރި، ޤާބިލް ބަޔަކަށްވުމަށްޓަކައި ގިނަ ޙަރަކާތްތަކުގައި ބައިވެރިވެ، ގިނަ ފުރުޞަތުތައް ހޯދުމަށް މަސައްކަތްކުރާ ބަޔަކަށްވެގެންދެއެވެ. މި ނަގައިދޭ ފިލާވަޅުގައި މިފަދަ ކަންކަމަށް ބަލާލެވިފައިވާނެއެވެ. އަދި މިފަދަ ފުރުޞަތުތަކުން ކުދިންނަށް ކުރިއެރުން ލިފައިވެއެވެ.
ކޯޕަރޭޓިވް ލާރނިންގގައި ހުރި ކަންބޮޑުވުންތައް
            މުޙައްމަދު ފަޔާޒު (2015) ގައި ލިޔުއްވާފައިވާގޮތުގައި، ކިޔަވައިދިނުމުގައި މުދައްރިސުންގެ ދައުރަކީ ވަރަށް މުހިއްމު ބައެކެވެ. އެބޭފުޅުންގެ ތޫނުފިލި ވިސްނުމުގެ ސަބަބުން ކުދިންނަށްކުރާ ފައިދާތައް، ކުދިންނަށްކުރާ އަސަރުތައް ވަރަށް ބޮޑުވެގެންދެއެވެ. އެހެންކަމުން ކުދިންނަށް އުނގަންނައިދުމުގައި މުދައްރިސުން ތަފާތު ކަންކަމަށް ވިސްނަންޖެހެއެވެ. ތަފާތު ގޮތްގޮތަށް ފިލާވަޅު ރާވާ ބައްޓަންކުރަންޖެހެއެވެ. މި ހުރިހާ ކަމަކަށް ވިސްނާއިރުވެސް މުދައްރިސުން ކަންބޮޑުވާފަދަ ކަންކަން ކުލާސްރޫމުން ފެނިގެންދެއެވެ. އޭގެތެރެއިން އެއްކަމަކީ ކުލާސް އަޑުގަދަވުމެވެ. ކުދިންގެ މިޒާޖު ހުންނަގޮތުން ތަފާތު ޙަރަކާތްތަކުގައި ކުދިން އަޑުގަދަވެ، ބައެއްފަހަރު ކޮންޓްރޯލުން ނައްޓައެވެ. އަދި ކުދިންނަށާއި މުދައްރިސުންނަށް މަސައްކަތް ބުރަވެ، މަސައްކަތްތައް ގިނަވެގެންދެއެވެ. މީގެ އިތުރުން ބައެއް މުދައްރިސުންނަށް ރަނގަޅަށް ފިލާވަޅު އޮޅުންފިލުވައި ނުދެވުމުގެ ސަބަބުން ފިލާވަޅުގެ މުހިއްމު ބައިތައް ދަރިވަރުންނަށް ނޭނގޭ ކަން ފާހަގަ ކުރެވެއެވެ. އަދި ބައެއްދަރިވަރުންނަކީ އެކަނި މަސައްކަތް ކުރަން ބޭނުންވާ ދަރިވަރުންނެވެ. މިފަދަ ކުދިންނަށް ދިމާވާ މަސައްލައަކީ ކުދި ގްރޫޕް މަސައްކަތްތައް ދިނުމުން ބައެއްކަހަލަ މައްސަލަތައް ފެންމަތިވެ އެންމެ އެކަށީގެންވާގޮތުގައި މަސައްކަތްތައް ފުރިހަމަ ނުވެދެއެވެ. މި ފިލާވަޅުގައި މިފަދަ ބައެއްކަންކަން ހިނގާފައިވާކަން ފާހަގަކުރަމެވެ. މިސާލަކަށް ގްރޫޕް މަސައްކަތުގައި ބައެއްކުދިން ބައިވެރިނުވުން ފާހަގަކުރެވުނެވެ. އަދި ބައެއް ޙަރަކާތްތައް ގެއްދިއުމުގައި ކުދިންގެ ވާހަކަދެއްކުމަށް ނުވަތަ ހުށައެޅުމަށް ޖެހިލުންވިކަން ފާހަގަކުރަމެވެ. މިފަދަ ކަންތައްތައް ކުރިއަށްއޮތް ތަނުގައި ދިމާނުވާނޭހެން ލެޝަންޕްލޭން ރޭވުމުގައި ބެލުމަކީ ބޭނުންތެރި ކަމެއްކަމުގައި ދެކެމެވެ.
ކޯޕަރޭޓިވް ލާރނިންގގެ މުހިއްމު ބައިތައް 
       ކޯޕަރޭޓިވް ލާރނިންގ ތިއަރީއަކީ އުނގެނުމުގެ މާޙައުލުގައި ދަރިވަރުންނަށް ވަރަށްބޮޑަށް ފައިދާކުރާ ތިއަރީއެކެވެ. އެގޮތުން ޝަހީ (2015) ގައި ހާމަކުރައްވާފައިވާ ގޮތުގައި، އެކުއްޖަކު އަނެއްކުއްޖަކާއި ގުޅިގެން މަސައްކަތް ކުރުމުން އެކިއެކި ކުދިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހިވެގެންދެއެވެ. އަދި އެއްކުއްޖަކު އަނެއްކުއްޖަކާ ކުރިމަތިލާ ވާހަކަދައްކާ ހެދުމުން ވާހަދެއްކުން ކުރިއަރާދެއެވެ. އަމިއްލަނަފުސަށް ކުރެވޭ އިތުބާރު ބޮޑުވެގެންދެއެވެ. މީގެ އިތުރުން މި ތިއަރީގެ އެންމެ މުހިއްމު އެއްކަމަކީ ވަކިވަކި ދަރިވަރުންގެ ޒިންމާތައް އަދާކުރުމުގެ ފަސްނުޖެހޭކަމެވެ. އެކުއްޖެއްގެ ޒިންމާ އެކުއްޖަކު އަދާކުރުމަށް އާދަވަމުން އަންނަކަމެވެ. ހަމައެއާއެކު އިޖުތިމާޢީ ހުނަރުވެރިކަން އިތުރުވެ، މީހުންގެތެރޭގައި މަޤުބޫލް މީހަކަށްވެގެން ދާކަމެވެ. އަދި ކުދިންގެ ކުރިއެރުން އެއްދުވަހުން އަނެއްދުވަހަށް، ކުރިއަރަމުން އަންނަކަން ފާހަގަވަނީވެސް ކޯޕަރޭޓިވް ލާރނިންގ ގެ ތިއަރީގެ ތެރެއިންނެވެ. މި ނަގާދެވޭ ފިލާވަޅުގައި މިފަދަ ކަންކަމަށް ވަރަށް ރަނގަޅަށް ސަމާލުކަން ދެވިފައިވާނެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ނިންމުން           
                   ކޯޕަރޭޓިވް ލާރނިންގ ގެ ތިއަރީއަކީ އުނގަނައިދިނުމުގައި ބޭނުންކުރަން ވަރަށް ބޭނުންތެރި މުހިއްމު ތިއަރީއެއްކަމަށް ފާހަގަ ކުރަމެވެ. ދަރިވަރުންގެ ކިބާގައި ތަޢުލީމު ހޯދުމުގެ ރޫޙް އާލާކޮށް އިތުރުކުރުމަށްޓަކައި އުގަންނައިދިނުމުގައި  ތަފާތު ހުނަރުތަކާއި އުކުޅުތައް ބޭނުންކުރުމަކީ ކޮންމެހެންވެސް ކުރައްވަންޖެހޭ މުހިއްމުބައެކެވެ. އަދި ކިޔަވައިދިނުމުގެ ފިލާވަޅުތައް ކަނޑައަޅާ އަމަޒަށް ވާޞިލް ވުމަށްޓަކައި ކަރިކިއުލަމާއި ގުޅުވައިގެން ފިލާވަޅުތައް ރާވާ އިންތިޒާމުކުރުމަކީ ބޭނުންތެރިކަމެކެވެ. ދަރިވަރުންގެ އުނގެނުމުގެ ގޮތްތަކާއި ވައްޓަފާޅިއަށްބަލައި ފިލާވަޅުތައް ރޭވުމާއި، ކިޔަވައިދިނުމުގެ ވަގުތުތައް ކަނޑައެޅުމަކީ މި ތިއަރީގެ މުހިއްމު ބައެކެވެ. އަދި ކުދިންގެ ފެންވަރު ބެލުމަށް ކަންކަން ވަޒަންކުރާނެ އުޞޫލްތައް ކަނޑައެޅުމަކީ ބޭނުންތެރި މުހިއްމު ބައެކެވެ. މިގޮތަށް ރާއްވަވައިގެން ކަންތައްތައް ކުރުމުން ނުވަތަ ވަކި އިންތިޒާމެއްގެ މަތީން ރާވާ އުގަނައިދިނުމުގެ އެހީތައް ތައްޔާރުކޮށް ހުރިހާ ކުދިން ބައިވެރިވާފަދަ ޙަރަކާތްތައް ކުލާސްރޫމްގައި ގެންދެވިއްޖެނަމަ އުނގަނައިދެވޭ ފިލާވަޅަކީ ކާމިޔާބު ފިލާވަޅަކަށް ވާނެކަންޔަޤީނެވެ.
                  ކޯޕަރޭޓިވް ލާރނިންގ ތިއަރީއަށް ފިލާވަޅުތައް ބައްޓަންކުރެވޭނީ ކިޔަވައިދިނުމުގައި ކުދިންގެ ކިބާގައި އަށަގަންނުވަންޖެހޭ ސިފަތަކާއި ހުނަރުތައް އަދި މަޢުލޫމާތުގެ ބައިތައް ރަނގަޅަށް އަނގައިދެވިގެންނެވެ. ފިލާވަޅުގެ މަޤުޞަދުތައް ޙާޞިލްކުރެވޭނީ ކޯޕަރޭޓިވް ލާރނިންގ ތިއަރީފަދަ އުފެއްދުންތެރި ތިއަރީތައް ބޭނުންކުރައްވާގެންނެވެ. ކުދިން ޝައުޤުވެރިވާގޮތަށް ފިލާވަޅު ބައްޓަން ކުރެވިގެންނެވެ. ކުދިންގެކިބާގައި އެކަކު އަނެކަކަށް އެހީތެރިވުމުގެ ގޮތްތައް އަށަގަންނުވާގެންނެވެ. ފަރުދީ ޒިންމާ ނަގަން ދަސްކޮށްދެވިގެންނެވެ. ކުދި ގްރޫޕްތަކުގައި މަސައްކަތްކުރަންއެނގި އެ މަސައްކަތްތަކަށް ކުރިމަތިލާންކެރޭ ދަރިވަރުންތަކެއް ބިނާކުރެވިގެންނެވެ. އެކަކު އަނެކަކާއި މުޢާމަލާތް ކުރުމުގައި ރިވެތި އުޞޫލްތައް ބޭނުންކުރަން އެނގޭ ދަރިވަރުންތަކެއް އުފެއްދިގެންނެވެ. ކުރާ ކަންތައްތަކަށް ހިތްވަރުދީ އެހީރެކިކަންދޭނެ ދަރިވަރުން ބިނާކޮށްގެންނެވެ. މިދެންނެވި ސިފަތައް ފިލާވަޅުގެތެރެއިން ރާވާލެވިއްޖެނަމަ ކޮންމެ ދަރިވަރަކީވެސް ކޯޕަރޭޓިވް ލާނިންގއަށް އަހުލުވެރި ބަޔަކަށް ވެގެންދާނެއެވެ.

ރިފަރެންސް
އައިޝަތު ޒަޢީމާ (2010). ކަރިކިއުލަމް ސްޓަޑީޒް(ސްޓަޑީޒް ގައިޑް).މާލެ، ދިވެހިރާއްޖެ. ސެންޓަރ ފޮރ އޯޕަން ލާނިންގ 
                 
             


        

No comments:

Post a Comment