Monday, April 6, 2020

ކުރުވާހަކައަކީކޮބާ؟




ކުރުވާހަކައަކީކޮބާ؟
ކުރުވާހަކައަކީ މައިގަނޑު އެއް ޙާދިސާގެ މައްޗަށް ބިނާކޮށް، ފެށުމަކާއި މައިގަނޑެއް އަދި ނިމުމެއް އެކުލެވޭގޮތަށް ލިޔާލިޔުމެކެވެ. ކުރުވާހަކަ ހިމެނެނީ އުފެއްދުންތެރި ލިޔުމުގެ ތެރޭގައެވެ.
ކުރުވާހަކައިގެ ދިގުމިން ތަފާތު ލިޔުންތެރިން ކަނޑައަޅަނީ ތަފާތުކޮށެވެ. ބައެއް ލިޔުންތެރިންގެ ނަޒަރުގައި ކުރުވާހަކައެއް އެއް ފަހަރުން ކިޔައި ނިންމާލެވެން ޖެހޭނެއެވެ. މަޝްހޫރު އިގިރޭސި ލިޔުން ތެރިޔާ، އެޗް.ޖީ ވެލްސް ގެ ބަހުންނަމަ ބައިގަޑިއިރު ތެރޭ ކުރުވާހަކައެއް ކިޔާ ނިންމާލެވެން ޖެހޭނެއެވެ. ކުރުވާހަކައެއް ހަތް ހާސް ފަސް ސަތޭކަ ލަފުޒަށްވުރެ ދިގުވެގެން ނުވާނެ ކަމަށް ބައެއް ލިޔުންތެރިން ޤަބޫލުކުރެއްވި ނަމަވެސް، ފަހަކަށް އައިސް ކުރުވާހަކައެއް ކަމަށް ބަލަނީ ވިހި ހާސް ލަފުޒަށް ވުރެ ދިގުނޫން އަދި އެއްހާސް ލަފުޒަށް ވުރެ ކުރުނޫން ވާހަކައަށެވެ.
ކުރުވާހަކަ އަކީ އެއަށް ޚާއްޞަ ސިފަތަކެއް ވާ އެއްޗެއްކަމުން، ނާވިލާއި ކުރު ނާވިލާއި ތަފާތުވާނެއެވެ. ކުރުވާހަކަ އެއްގައި ދައްކުވައިދޭ ހާދިސާތައް ހިނގާ މުއްދަތު (ނުވަތަ ޓައިމް ސްޕޭން) ކުރުވާނެއެވެ. ވީމާ، ކުރުވާހަކައިގައި ދައްކުވައި ދޭނީ ކުޑަވަގުތު ކޮޅެއްގައި ހިނގާ މުހިންމު އެންމެ ޙާދިސާއެކެވެ.
ކުރުވާހަކައާއި ދިގުވާހަކަ ނުވަތަ ނާވިލުގެ ތަފާތު:
ކުރުވާހަކަ
ނާވިލު
މީހުން މަދުވެފައި އުޅޭނީ މުހިންމު އެންމެ މީހެކެވެ.
އާންމުގޮތެއްގައި ގިނަ މީހުންއުޅޭނެއެވެ.
ވާހަކައިގައި ހިނގާ ހާދިސާތައް މަސްތަކަކަށް، އަހަރު ތަކަކަށް، ނުވަތަ ޖީލުތަކަކަށް ވެސް ދެމިގެން ހިނގައިދާނެއެވެ.
ހާދިސާތައް ހިނގާކަށް މުއްދަތުގެ ކުރު ދިގުމިނެއް ނޯވެއެވެ.
އާންމުގޮތެއްގައި ހާދިސާތައް ހިގާނީ އެއްތަނެއްގައެވެ.
ވަރަށް ގިނަފަހަރު ތަފާތު ތަންތާންގައި ހާދިސާތައް ހިނގާނެއެވެ.
ދެކެވޭވާހަކަ(ޑައިލޮގު) ހުރުން މަޖުބޫރެއް ނޫނެވެ.
އާންމު ގޮތެއްގައި ދެކެވޭވާހަކަ ހުންނާނެއެވެ.
ލިޔުމުގައި ލަފުޒު ބޭނުންކުރުމުގައި އިޤްތިޞާދުކުރަންޖެހެއެވެ.
ލިޔުމުގައި ލިޔުންތެރިޔާއަށް ބޭނުން ވަރަކަށް ލަފުޒު ބޭނުންކުރުމުގެ އިޚްތިޔާރު އޮވެއެވެ.
ކުރުވާހަކަ: އެހާރާއި މިހާރު
އަދަބަކީ ޒަމާނާއެކު ބަދަލުވަމުން ދާއެއްޗެކެވެ. ކުރީގެ ކުރުވާހަކަތަކާއި މިހާރުގެ ކުރުވާހަކަތަކާ ދެމެދު ތަފާތުތަކެއް ވެއެވެ. ކުރީގެ ވާހަކަތަކާއި ޚިލާފަށް، ''ޒަމާނީ'' ކުރުވާހަކައިގައި ސާފުކޮށް އެނގެން އޮންނަ ފެށުމެއް، މައިގަނޑެއް އަދި ނިމުމެއް ނޯވެއެވެ. މިފަދަ ޒަމާނީ ވާހަކަތަކުގައި ބޮޑަށް އިސްކަންދީފައި އޮންނަނީ ވާހަކައިގައި އުޅޭ މީހުންގެ މިޒާޖާއި ނަފްސާނީ ހާލަތަށެވެ. އެމީހުންގެ އަމަލުތަކަކަށް ނޫނެވެ.
ވާހަކައިގެ ފެށުން
ވާހަކައިގެ ފެށުމަކީ ވާހަކައިގެ ވަރަށް މުހިންމު ބައެކެވެ. ވާހަކައިގެ ފެށުން ވާންޖެހޭނީ ކިޔުންތެރިޔާގެ ޝައުޤުވެރިކަން ދަމައިގަންނަފަދަ އެއްޗަކަށެވެ. ފެށުން ނުވަތަ ވާހަކަ ހުޅުވާބައި އެހާ ދިގުކުރާކަށް ކުރުވާހަކަ ލިޔާއިރު ފުރުސަތެއް ނޯވެއެވެ. ވާހަކަ ލިޔުންތެރިޔާ، އެލަރީ ސެގަވިކް ބުނެފައިވަނީ ކުރުވާހަކައަކީ ރޭސްޖަހާ އަހެއް ކަހަލަ އެއްޗެއް ކަމަށެވެ. ވީމާ ކުރުވާހަކައިގެ އެންމެ މުހިންމު ދެ ބަޔަކީ ފެށުމާއި ނިންމުން ކަމަށެވެ. ވާހަކަ ފެށުމާއެކު ދާދި އަވަހަށް ވާހަކައިގެ މައިގަނޑު މައްސަލަ ހުށައަޅަން ޖެހެއެވެ. އެއާއި އެކު ވާހަކައިގެ ޕުލޮޓް ފެށިގެން އާދެއެވެ.
ޕުލޮޓް (ވާހަކަ، ވާހަކައަކަށް ހަދައިދޭބައި ނުވަތަ ވާހަކައިގެ ވިއުންގަނޑު)
ވާހަކައިގެ ޕުލޮޓަކީ ވާހަކައިގައި ހިނގާ ޙާދިސާތަކުގެ ސިލްސިލާއެވެ. އެއް ޙާދިސާ އަނެއް ޙާދިސާއާއި އޮންނަ ގުޅުމެވެ. ކޮންމެ ހާދިސާ އެއްވެސް ހިނގަނީ ކުރިން ހިނގާދިޔަ ކަމެއްގެ ސަބަބުންނެވެ. ވާހަކައިގެ ޕުލޮޓުގައި، ގުޅިފައި ހުންނަ ހާދިސާތަކެއް ހިނގަމުން ގޮސް އެންމެ ފަހުން ހައްލުވެއެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، ވާހަކައިގެ ޕޮލޮޓުގައި އޮންނާނީ މައިގަނޑު ޙާދިސާގެ ފެށުން، މައްސަލަތައް އުފެދުން، އަދި ހައްލުވުމެވެ. މައިގަނޑު ޙާދިސާ ހައްލުވުމުގެ ކުރިން ތަފާތު ކަންތައްތަކެއް ހިނގަމުންދާނެއެވެ. މިގޮތުން ހިނގާ ކޮންމެ ކަމެއްވެސް އޮންނާނީ މައިގަނޑު ހާދިސާއާ ގުޅިފައެވެ.
ޕުލޮޓް ގައި މުހިންމު ހަތަރު ހަރުފަތެއް ވެއެވެ. އެއީ:
1. އެކްސްޕޮޒީޝަން: މިބައިގައި ވާހަކައިގެ ޝަޚްޞިއްޔަތުންނާއި އެމީހުން ގެ ހާލަތު ތަޢާރަފްކުރެއެވެ.
2. ކޮމްޕްލިކޭޝަން: މިބައިގައި ވަރަށް އަވަހަށް ކޮންމެވެސް މައްސަލައެއް އުފައްދައެވެ. އެ މައްސަލައިގެ ސަބަބުން ވާހަކައިގެ ޝަޚްޞިއްޔަތުންގެ ދިރިއުޅުމަށް ބުރޫއަރައެވެ.
3. ކުލައިމެކްސް: މިއީ ވާހަކައިގެ ކުންނެވެ. މިބައިގައި ވާހަކައިގައި އުފެއްދި މައްސަލަ އޭގެ އިންތިހާއަށް ދެއެވެ. ކުންނަށް ފަހު ޝައުޤު (ސަސްޕެންސް) ދަށްވަމުން ދެއެވެ. މިގޮތަށް ޝައުޤު ދަށްވުމަށް ''ފޯލިންގް އެކުޝަން'' އޭ ކިޔައެވެ. ކުލައިމެކްސް އަށް ފަހު ލަސްނުކޮށް ވާހަކައިގެ ނިމުން ގެނައުން މުހިންމެވެ.
4. ރިޒޮލިއުޝަން: ވާހަކައިގެ ކުންނަށް ފަހު އަންނަނީ ވާހަކައިގެ ނިންމުމެވެ. ވާހަކަ ނިމޭއިރު އުފެއްދި މައްސަލަ އޮންނާނީ ކޮޅެއްގައި ޖެހިފައެވެ.
ކުރުވާހަކައިގެ ޕުލޮޓްގައި އޮންނާނީ މައިގަނޑު އެންމެ މައްސަލައެކެވެ. ކުދި މައްސަލަތައް ހުންނާނީ މިދެންނެވި މައިގަނޑު މައްސަލަ އާއި ގުޅިލާމެހިފައި ކަމުން މުޅިވާހަކައިން ދައްކުވައިދޭނީ އެއްކަމެކެވެ.
މަޢުޟޫޢު ނުވަތަ ތީމް
މިއީ ވާހަކައިގައި ފޮރުވިފައިވާ މެސެޖެވެ. ރަނގަޅު މަޢުޟޫޢަކާއިމެދު ވިސްނުމަށްފަހު ވާހަކައިގެ ޕުލޮޓް ލައިން ރާވާލުމަކީ ކުރުވާހަކަ މޮޅުކުރުވާ ސަބަބެކެވެ. ކުރުވާހަކައިގައި ފޮރުވިފައިވާ މަޢުޟޫޢު ސީދާކޮށް ބުނުމުގެ ބަދަލުގައި ކިޔުންތެރިޔާގެ ވިސްނުމަށް ދޫކޮށްލައެވެ. ނަސޭޙަތުގެ ''ޚުޠުބާ'' އެއް ގޮތަށް ވާހަކަލިޔުމުން ކުރުވާހަކަ ހުތުރުވާނެއެވެ. އަދި ''މިވާހަކައިން މި ލިބެނީ މިވެނި އިބްރަތެކޭ''، ނުވަތަ ''އާދެ! މިއީ އޭގެ ނަތީޖާއެވެ'' ފަދަ ނަސޭހަތުގެ ޖުމްލައަކުން ވާހަކަ ނިންމުން ރަނގަޅެއްނޫނެވެ. މޮޅު ގިނަ ކުރުވާހަކަ ތަކުން މާބޮޑު ޢިބްރަތެއް (މޯރަލްއެއް) ލިއްބައި ނުދިން ނަމަވެސް ކިޔުންތެރިޔާގެ ހިތަށް އަސަރުކުރުވައެވެ. ނޫނީ ވާހަކައާ މެދު ވިސްނަން މަޖުބޫރު ކުރުވާގޮތެއް ހުރެއެވެ.
ވަގުތުގެ ދިގުމިނާއި ތަން
ކުރިންވެސް ދެންނެވި ފަދައިން ކުރުވާހަކައިގައި ދައްކުވައިދޭނީ ކުރު މުއްދަތެކެވެ. ގިނަފަހަރަށް އެއީ ވާހަކައިގެ ބަޠަލުގެ ޙަޔާތުގައި ދިމާވި ވަރަށް މުހިންމު ޙާދިސާ އެކެވެ. އެޙާދިސާ ހިނގާ ނިމިދަނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. ވާހަކައިގެ ޙާދިސާތައް ހިނގާތަން އެއީ ކިޔުންތެރިޔާ ޝައުޤުވެރިވާ ކަހަލަ ތަނަކަށް ހަދަން ޖެހެވެ. ވީމާ ވާހަކައިގެ ޙާދިސާތައް ހިނގާ ތަން (ލޮކޭޝަން) ކިޔުންތެރިޔާގެ ހިތުގެ ލޮލަށް ފެންނާނޭހެން ސިފަކޮށްދޭން ޖެހެއެވެ. ސިފަކުރުމުގައި ވީވަރަކުން ފަސް ހިއްސު ބޭނުން ކުރެވޭތޯ ބެލުން މުހިންމެވެ.
ޝަޚްޞިއްޔަތުންތައް (ކަރެކްޓާރޒް)
ކުރުވާހަކައިގައި އުޅޭނީ ވަރަށް މަދު މީހެކެވެެ. މުހިންމު އެކެއް ނުވަތަ ދެމީހުންނެވެ. ގިނަ މީހުން ވާހަކައިގައި ހިމަނައިފިނަމަ ވާހަކައިގެ ތީމް ބަލިކަށިވުމުގެ ފުރުޞަތު ބޮޑުވާނެއެވެ. ވާހަކައިގައި އުޅޭ މީހުން ވާންޖެހޭނީ ވާހަކައިގައި ދައްކުވައިދޭ ތަނާއި ގުޅޭ، ބުއްދި ޤަބޫލުކުރާ ބަޔަކަށެވެ. ކުރުވާހަކައިގައި މީހުން ސިފަކުރުމުގައި ބުނަން ބޭނުންވާ އެއްޗެއް ސާފުކޮށް ކުރުކޮށް ސާދާކޮށް ބުނަންޖެހެނީ ދިގުކޮށް ތަފްސީލުކުރުމަށް ފުރުސަތު ނޯންނާތީއެވެ.
މީހުން ސިފަކުރުމުގައި ބޭރުފުށާއި މިޒާޖު ނުވަތަ ނަފްސާނީ ޙާލަތު ސިފަކުރުމުން ވާހަކަ ފުރިހަމަ ވެއެވެ. މިގޮތުން ސީދާކޮށް ސިފަކޮށް ދިނުމުގެ ބަދަލުގައި، ކުރާކަންތައްތަކާއި ދައްކާވާހަކައިން ކިޔުންތެރިޔާއަށް ވާހަކައިގައި އުޅޭ މީހުން ސިފަކޮށްދެވިދާނެއެވެ. ވާހަކައިގައި އުޅޭ މީހުންނަކީ ޚާއްސަ ފިކުރެއްގެ ވަކިކަހަލަ ކަންތައްތަކެއް ޤަބޫލުކުރާ ބައެއްކަމަށް ވާނަމަ ދެކެވޭވާހަކައިން (ޑައިލޮގުން) އެކަން ކިޔުންތެރިންނަށް ނުސީދާކޮށާއި ސީދާކޮށް އަންގައި ދިނުމަކީވެސް ސިފަކުރުމުގައި ގެންގުޅޭ އުކުޅެކެވެ.
ވާހަކައިގައި ހަތަރު ވައްތަރެއްގެ މީހުން ބޭނުންކުރެވި ދާނެއެވެ. އެއީ:
ހ. ބަދަލުވަމުންދާ ޝަޚްޞިއްޔަތުން (ޑައިނަމިކު ކަރެކުޓަރުން): ވާހަކަ ކުރިއަށް ދިޔަވަރަކަށް، މިވައްތަރުގެ މީހުންނަށް ދިމާވާ ކަންތައްތަކާ ގުޅޭގޮތުން ފާހަގަކުރެވޭ ބަދަލުތަކެއް އަންނާނެއެވެ.
ށ. ''ތިލަ'' ޝަޚްޞިއްޔަތުން (ފުލެޓު ކަރެކުޓަރުން): މިއީ ވަރަށް އާދައިގެ ފެންވަރެއްގައި ސިފަކޮށްދީފައި ހުންނަ މީހުންނެވެ. ވާހަކައިގެ މުހިންމު ނޫން މީހުން ފުލެޓު ކަރެކްޓަރުންގެ ގޮތުގައި ގެނެސްދެވިދާނެއެވެ.
ނ. ފުރިހަމަ ޝަޚްޞިއްޔަތުން ނުވަތަ ރައުންޑް ކަރެކްޓަރުން: މިއީ ފުންކޮށް ތަރައްޤީ ކުރެވިފައިވާ މީހުންނެވެ. ޙަޤީޤީ އިންސާނެކޭ އެއްފަދައިން މިފަދަ، ޚިޔާލީ މީހުންގެ ވިސްނުމާއި ޖަޒުބާތާއި ޢަމަލު އޮޅުން ބޮޅުން ވާނެއެވެ. ކުޅަދާނަ ލިޔުންތެރިންގެ ވާހަކަތަކުން މިފަދަ މީހުން ފެނެއެވެ.
ރ. ސާބިތު ޝަޚްޞިއްޔަތުން ނުވަތަ ސުޓަޓިކު ކަރެކްޓަރުން: ވާހަކަ ފެށުނީއްސުރެ ނިމެންދެން މިފަދަ މީހުންނަކަށް ފާހަގަކުރެވޭ ބަދަލެއް ނާންނާނެއެވެ.
ވާހަކައިގެ މީހުން ހުށަ ހެޅިދާނެ ދެ ގޮތެއް ވެއެވެ. އެއީ އެނަލިޓިކް(ތަޙްލީލީ) ގޮތާއި އަދި ޑްރެމެޓިކް ގޮތެވެ.
އެނަލިޓިކްކޮށް މީހުން ހުށަހަޅާއިރު މީހުންގެ ނަފްސާނީ ޙާލަތާއި އުޅުން ލިޔުން ތެރިޔާ ހުށަހަޅައެވެ. އަދި ހުށަހަޅާ މީހުންނާ ދޭތެރޭ ލިޔުންތެރިޔާ ދެކޭ ގޮތްވެސް ސާފުކޮށް ދެއެވެ.
ޑްރެމެޓިކްކޮށް މީހުން ހުށަހަޅާފައި ހުންނައިރު މީހުންގެ ނަފްސާނީ ޙާލަތާއި އުޅުމާއި ޚިޔާލު އެމީހުން ކުރާކަންތައް ތަކުންނާއި ދައްކާވާހަކައިން ސާފުވާނެއެވެ. ލިޔުންތެރިޔާ ދެކޭގޮތް ހާމަކޮށެއް ނުދޭނެއެވެ.
ވާހަކަ ކިޔައިދިނުން (ނެރޭޝަން)
ވާހަކައިގައި ހިނގާ ކަންތައްތައް ދެގޮތަކަށް ކިޔައިދެވިދާނެއެވެ. އެއީ ފުރަތަމަ މީހާގެ ގޮތުގައާއި ތިންވަނަ މީހާގެ ގޮތުގައެވެ. ފުރަތަމަ މީހާގެ ގޮތުގައި ކިޔައިދޭއިރު، ވާހަކަ ލިޔުންތެރިޔާ ފެންނާނީ ވާހަކައިގެ ތެރެއިންނެވެ. ވާހަކަ ކިޔައިދީފައި އޮންނާނީ ވާހަކައިގައި ހިނގާ ޙާދިސާއަކީ ލިޔުންތެރިޔާ ތަޖުރިބާކުރި ކަމެއްގެ ގޮތުގައެވެ.
ތިންވަނަ މީހާގެ ގޮތުގައި ވާހަކަ ކިޔައިދޭނީ، ވާހަކައިގެ މައި ޝަޚްޞިއްޔަތަށް (ބަޠަލަށް) ދިމާވާ ކަންތައްތައް ބަލަން ހުރެފައި އެހެން މީހަކަށް ކިޔައިދޭގޮތަށެވެ. ''އޭނަ'' ފަދަ ބަދަލު ނަން ބޭނުންކޮށްގެންނެވެ.
ވާހަކަ ކިޔައި ދިނުމުގައި ދެކެވޭވާހަކަ އާއި ނެރޭޝަން އެއްކޮށްގެން ނުވަތަ ހަމައެކަނި ނެރޭޝަން ނޫނީ ދެކެވޭވާހަކަ ބޭނުންކޮށްގެން ވާހަކަ ހުށަހެޅިދާނެއެވެ. ވާހަކަ ހުށަހެޅުމުގައި ގިނަ ފަހަރަށް ބޭނުންކޮށްފައި ހުންނަނީ ކުރިން ދެންނެވި ގޮތެވެ.
ފުލޭޝް ބެކު
ފުލޭޝް ބެކަކީ ވާހަކައިގައި އުޅޭ މީހެއްގެ ހަނދާންތައް ގެނެސް ދިނުމެވެ. މިއީ ވާހަކަ ކިޔައިދިނުމުގައި (ނެރޭޝަންގައި) ބޭނުންކުރާ އުކުޅެކެވެ.
ބަސްކޮށާރު
ކުރުވާހަކައި ގައި ކޮންމެ ލަފުޒަކީ މުހިންމު ލަފުޒެކެވެ. ވީމާ ބޭކާރު ގޮތުގައި ލަފުޒާއި ޖުމްލަ ބޭނުން ކުރުމުން ވާހަކަ ހުތުރު ވާނެއެވެ. ވާހަކަ ލިޔާއިރު ގަސްތުކުރާ މާނަ ދޭހަވާ ލަފުޒުތައް ޚިޔާރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. މީގެ އިތުރަށް ބޭކާރު ހާސަރުތައް ނުލިޔެ ސިފަކޮށް ދިނުމަކީވެސް މުހިންމުކަމެކެވެ.
ވާހަކައިގެ ފޯކަސް
އެންމެ ރަގަޅު ވާހަކަޔަކީ އެވާހަކައެއްގެ މަޢުޟޫޢު (ތީމް ނުވަތަ ސަބްޖެކްޓްލައިން) އެންމެ ހަނި ވާހަކައެވެ. އާދެ، ހަނި މަޢުޟޫއަކަށް އަމާޒުކޮށްފައި ހުންނަވާހަކައެވެ. ވާހަކައިގެ މަޢުޟޫޢު ފުޅާކުރުމުން ބޮޑަށް ވައްތަރުވާނީ ދިގުވާހަކައަކާއެވެ.
ދެކެވޭވާހަކަ (ޑައިލޮގު(
ވާހަކައިގައި، ދެކެވޭވާހަކަ ހިމެނުމުން ވާހަކަ ރީތިވެއެވެ. ކިޔާލަން ފަސޭހަވުމުގެ އިތުރަށް، ދެކެވޭވާހަކައިގެ ސަބަބުން ކިޔުންތެރިޔާ އާއި ވާހަކައިގައި އުޅޭ މީހުންނާއި ގާތްކޮށްދެއެވެ. ޙާދިސާތައް ޙަޤީޤަތާ އެއްގޮތް ކުރުވާވެސް މެއެވެ. ދެކެވޭވާހަކަ ބޭނުންކޮށްގެން ވާހަކައިގެ ޙާދިސާއަކަށް ވަކިކަހަލަ އިޙްސާސެއް ގެނުވިދާނެއެވެ. މިގޮތުން، މަޖާކަން، ހިތާމަ ނޫނީ ހާސްކަންވެސް ގެނުވިދާނެއެވެ.
ދެކެވޭވާހަކައިގައި ޢާއްމުކޮށް ބޭނުން ނުކުރާ ލަފުޒުތައް ބޭނުންކުރުމުން ހުތުރުވެއެވެ. ހަމަ މިގޮތަށް ތަނާއި ޙާލަތާއި، ދެކެވޭވާހަކައިގައި ބައިވެރިވާ މީހުންނާއި ނުގުޅޭ ގޮތަކަށް، ދެކެވޭވާހަކަ ލިޔުމުން ކުރުވާހަކަ ރީތިވުމުގެ ބަދަލުގައި ހުތުރުވެއެވެ. ވީމާ ވާހަކަދައްކާ ގޮތާއި ބޭނުންކުރާ ބަސްކޮށާރަކީ މުޖްތަމަޢުގެ އެކިފަންތިތަކުގައި ތަފާތުވާ އެއްޗެއްކަން ދެކެވޭވާހަކަ ލިޔާއިރު ހަދާންބެހެއްޓުން މުހިންމެވެ. ދެކެވޭވާހަކަ ވާންޖެހޭނީ ޙަޤީޤަތާ އެއްގޮތް، މާދިގުނޫން އެއްޗަކަށެވެ.
ނިންމުން
ވާހަކައިގެ ނިންމުން ''ހުޅުވާލާފައި'' ނުވަތަ ''ސާފުކޮށް ހައްލު ކޮށްފައި'' ވެސް ބޭއްވި ދާނެއެވެ. ހުޅުވާލެވިފައި އޮންނަ ނިންމުމެއްގައި އެންމެފަހުން ގޮތެއް ނިންމަން ނުވަތަ ނިންމުމަށް ބޭނުން ކުރި ޖުމުލައިގެ މާނަ ކިޔުންތެރިޔާ އަށް އޮންނާނީ ދޫކޮށް ލާފައެވެ. ސާފުކޮށް މައްސަލަ ހައްލުކޮށްފައި އޮންނަ ނިންމުން ތަކުގައި މައްސަލަ އޮންނާނީ ލިޔުންތެރިޔާ ހައްލު ކޮށްފައެވެ. ވާހަކައިގެ ނިންމުން ގިނައިރު ހަނދާންހުންނަ ބާރުގަދަ ނިންމުމަކަށް ހެދުމުން ކުރުވާހަކަ ފުރިހަމަ ވާނެއެވެ.
ލިޔުމުގެ ހުނަރު އިތުރުކުރުން
ކުރުވާހަކަ ލިޔުމުގެ ހުނަރު އިތުރު ކުރުމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުރުވާހަކަ ކިޔުމެވެ. ދެވަނައަށް ކުރަންޖެހޭކަމަކީވެސް ކިޔުމެވެ. ވާހަކަ ކިޔުމުން ވާހަކަ ލިޔުމަށް ބާރަކަށްވުމުގެ އިތުރަށް އެހެން ލިޔުންތެރިން ބޭނުންކޮށްފައި ހުންނަ އަދަބީ އުކުޅުތައް ދަސްވަމުން ދާނެއެވެ. ލިޔުމުގެ ޝައުޤުވެރިކަން އުފެދުމުން، ލަސްނުކޮށް ލިޔަންފަށާށެވެ. ގިނައިން ލިޔުނުވަރަކަށް ލިޔުންތެރިކަމުގެ ތެރެއަށް ވަދަވެމުން ދާނެއެވެ. ލިޔުނު ވާހަކަ ރައްޓެހިން ކިޔަން ދޭށެވެ. އަދި އެމީހުންގެ ފާޑުކިޔުންތައް ބަލައި ގަންނާށެވެ.


No comments:

Post a Comment