ފެންވަރު ވަޒަންކުރުމުގެ
މުހިއްމުކަން
ޢަބުދުލް ޣަފޫރު އިސްމާޢީލް، ދޫރެސް / ރ. މީދޫ
ތަޢާރަފް:
މި އެސައިމަންޓަކީ ވިލާކޮލެޖުގެ
ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒުން، ކުރިއަށްގެންދާ، ޕޯސްޓް
ގްރެޖުއޭޓް ޑިޕްލޮމާއިން ޓީޗިންގ ކޯހުގެ ދެވަނަ ސެމިސްޓާރގައި ކިޔަވަމުންދާ، މެޝަމަންޓް އެންޑް އިވެލުއޭޝަން އިން އެޑިއުކޭޝަންގެ
މޮޑިއުލްގެ ދަށުން ލިޔެފައިވާ އެސައިމަންޓެކެވެ. މި އެސައިމަންޓްގެ މައިގަނޑު މަޤްޞަދަކީ
ޢަމަލީ ގޮތުން އިމްތިޙާން ޕޭޕަރެއް ފަރުމާކުރުމާއި، މިކަމާއި ގުޅޭގޮތުން ޝާއިޢު
ކުރެވިފައިވާ ލިޔުންތައް ދިރާސާކުރުމާއެކު، އަމިއްލަ ވިސްނުމާއި މަސައްކަތް
އިތުރަށް ތަރައްޤީ ކުރުމަށް އެހީއަކަށްވުމެވެ. މި އެސައިމަންޓްގައި އަޅުގަނޑު
އިޙްތިޔާރު ކުރި މައުޟޫޢު އަކީ ބަހާއި އަދަބިއްޔާތެވެ. އެސައިމަންޓްގައި މައިގަނޑު
ހަތަރުބައެއް ހިމަނާފައި ވަނެއެވެ. ޓޭބަލް އޮފް ސްޕެފިކޭޝަން، ޓޭބަލް އޮފް
ސްޕެފިކޭޝަންގައި ހިމަނާފައިވާ ގޮތަށް ތައްޔާރު ކޮށްފައިވާ އިމްތިޙާނު ކަރުދާސް 1،
2، އިމްތިޙާނު ފަރުމާ ކުރުމުގައި ވިސްނަންވީ ކަންތައްތައް އަދި އިމްތިޙާނު ކަރުދާހެއްގެ
އިތުރުންވެސް ދަރިވަރުންގެ އުނގެނުމާއި، ހުނަރު ވަޒަންކުރުމަށް ކުރެވިދާނެ
އެހެނިހެން ކަންތައްތަކެވެ.
އާދަމް ޝަރީފް ޢުމަރު ( 1999 )
ހާމަކުރައްވާފައިވާ ގޮތުގައި އެސެސް ކުރުން ނުވަތަ ފެންވަރު ވަޒަން ކުރުމަކީ
ކަމެއް ކުރަމުންދާގޮތް ބެލުމެވެ. ނުވަތަ އެކަމެއް ނުވަތަ ކުރާ ކަންތައްތަކެއް
ކުރެވިފައިވާ މިންވަރު ބެލުމެވެ. އަދި އެކަމަކުން ނުވަތަ ކަންތައްތަކަކުން ވަކި
ލަނޑުދަނޑިތަކެއް ޙާޞިލްވީތޯ ބެލުމެވެ. އެކުރި ކަންތައްތަކުގެ ލަނޑު ދަނޑިތައް
އެމިންވަރަށް ޙާޞިލްވީ ކީއްވެތޯ ބެލުމެވެ. އަދި މީގެ އިތުރުން އެ ކަންތައްތަކުގެ
މަޤްޞަދުތައް ޙާޞިލް ކުރުމަށް އަޅަންވީ ފިޔަވަޅުތައް ދެނެގަތުމެވެ. ތަޢުލީމު
ދޭތަންތަނުގައި އެސެސްކުރުން ނުވަތަ ފެންވަރު ވަޒަންކުރުމަކީ ދަރިވަރުންނަށް
ކިޔަވައިދޭ ބައިތަކުން ދަރިވަރުންނަށް އެނގިފައިވާ މިންވަރު ބެލުމެވެ. ނުވަތަ
އުގައްނަވާދެއްވި ބައިތައް ޙާޞިލްވީ ކިހާމިންވަރަކަށްތޯ ބެލުމެވެ. އަދި ދަރިވަރު ފެންވަރު
ވަޒަންކުރުމުން، ލިބުނު ނަތީޖާގެ ޢަލީގައި ކިޔަވާ
ދަރިވަރާއި، މުދައްރިސްގެ މަސައްކަތްތަކަށް ގެންނަންވީ ބަދަލުތައް ހޯދުމެވެ. މީގެ
އިތުރުން ކިޔަވާ ދަރިވަރު ހޯދި ނަތީޖާ ބޭނުންކޮށްގެން ދަރިވަރުންނާއި،
މުދައްރިސުން ކުރި މަސައްކަތުގެ ފެންވަރު ދެނެގަތުމެވެ.
މައިގަނޑު:
ފެންވަރު ވަޒަންކުރުމުގެ ގޮތްތައް
އާދު ޢަލީ (2015 ) ގައި ލިޔުއްވާފައިވާ ގޮތުގައި
ވަޒަންކުރުމަކީ ކުދިންގެ އުނގެނުމާއި، ތަރައްޤީވާގޮތާއި، މިންވަރު ކަނޑައޅާ އެކަތި
އަނެކައްޗާއި ގުޅިފައިވާ ކަމެކެވެ. ދަރިވަރުން އިމްތިޙާނު ކުރުމުގައި ތަފާތު
ނަންތައް ކިޔާއުޅެއެވެ. އޭގެތެރޭގައި ހިމެނެނީ އެސެސްމަންޓް، ޓެސްޓް އަދި
މެޝަރމަންޓް އިމްތިޙާނު ކުރުން ،
މިންކުރުން ، އަދި ނަތީޖާ ކަނޑައެޅުން ފަދަ ނަންތަކެވެ. މިއިން ކޮންމެ ބަޔަކީވެސް
ކުއްޖާ ގެ ފެންވަރު ދެނެގަތުމަށްޓަކައި ކޮށްއުޅޭ ކަންކަމެވެ. މީގެ އިތުރުން
ކޮންޓިނިއުއަސް އެސެސްމަންޓް، ސަމަޓިވް އެސެސްމަންޓް، ފޯމެޓިވް އެސެސްމަންޓް،
ޕްރޮގްނޯސްޓިކް އެސެސްމަންޓް އަދި ޑައިގްނޯސްޓިކް އެސެސްމަންޓް ފާހަގަ
ކޮށްލެވެއެވެ.
އެސެސްމަންޓަކީ
ދަރިވަރުންގެ އުނގެނުމާއި ބެހޭގޮތުން ގޮތެއް ނުވަތަ ގޮތްތަކެއް ނިންމަންޖެހޭ
ނިންމުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ ގޮތްތަކަކަށް ކިޔާ ނަމެކެވެ.
މިސާލަކަށް: ކުރާ ކަންތައްތައް އޮބްޒާވް ކުރުން، ދަރިވަރުގެ ޙަރަކާތްތައް ނުވަތަ
ޕްރޮޖެކުޓެއް މިންކުރުން ފަދަ ހަރަކާތްތަކެވެ. އާދަމްޝަރީފް ޢުމަރު ( 1999 ) ގައި
ހާމަކުރައްވާ ގޮތުގައި ފެންވަރު ވަޒަންކުރުމުގައި މައިގަނޑު ދެ ބޭނުމެއްވެއެވެ.
ފުރަތަމަ ކަމަކީ ދެވޭ ތަޢުލީމު މިންކުރުމެވެ. ދަރިވަރުންގެ ތަޢުލިމީ ހަރުފަތްތައް
ގިރާކުރުމުގައި ކުރިއަށްދާ މިންވަރު ދަރިވަރުންނަށާއި ބެލެނިވެރިންނަށް
މަޢުލޫމަތުދިނުމާއި ސްކޫލްތަކުގެ ތަޢުލީމީ ޙާލަތު ބެލުމެވެ. ސްކޫލްތަކުން ދެވޭ
ތަޢުލީމު އަޅާކިޔުމެވެ. އެއި ސްކޫލް މަދުރަސާތަކުގެ ޢިލްމީ ފެންވަރު ރަނގަޅު
ކުރުމުގެ މަޤުޞަދުގައެވެ.
ފެންވަރު ވަޒަންކުރުމުގެ ދެވަނަ
ބޭނުން ބޮޑަށް އަމާޒުކުރެވެނީ މުދައްރިސުންނަށެވެ. ސަބަބަކީ ކުދިންގެ ފެންވަރު
ވަޒަންކުރުމުގެ ގޮތްތައް ކިޔަވައިދިނުމުން މިންކުރެވޭތީއެވެ. ދަރިވަރުންނަށް
އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރެވި ސީދާގޮތެއްގައި އެދާއިރާ ތަކަށް
އަމާޒުކޮށްގެން ކިޔަވައިދޭން މަގު ތަނަވަސްވާކަމެވެ. ދަރިވަރުންގެ ވިސްނުމާއި
ދޭހަވާމިންވަރު އަންގައިދިނުމުގައި އެހީތެރިވެދޭކަމެވެ. މީގެ އިތުރުންވެސް
ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ އިތުރު ގޮތްތައް ވާކަމަށް ފެންވަރު
ވަޒަންކުރުމާއިބެހޭ ޢިލްމީ މާހިރުން ހާމަކުރެއެވެ.
ޓެސްޓަކީ ސުވާލުތަކެއް
އެކުލެވޭގޮތަށް، ހުރިހާ ދަރިވަރުންނަށް އެކަށީގެންވާ މާޙައުލެއްގައި، ވަކި
ވަގުތެއް ކަނޑައަޅައިގެން ދެވޭ މަސައްކަތްތަކަކަށް ކިޔާނަމެކެވެ. އަދި ޓެސްޓް
ކުރުމަކީ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ޓަކައި މަޢުލޫމަތު ހޯދުމަށްޓަކައި
ބޭނުންކުރާ ޢުޞޫލެކެވެ. ދަރިވަރުން ޓެސްތްކުރުމުން ލިބޭނީ ދަރިވަރު
ދެނެގަތުމަށްޓަކައި ބޭނުންވާ މަޢުލޫމާތެވެ. ނުވަތަ ދަރިވަރާއި ބެހޭ ޑޭޓާއެވެ.
ޓެސްޓް ކުރުމުގައި އެކިއެކި ގޮތްތައް ބޭނުންކުރެވިދާނެއެވެ. އޭގެތެރޭގައި
ސުވާލުކުރުމުން އަނގަބަހުން ޖަވާބުދޭ ގޮތާއި، ލިޔުމުން ޖަވާބުދިނުމާއި،
ޢަމަލީގޮތުން ޓެސްޓްކުރުން ހިމެނެއެވެ.
މެޝަމަންޓަކީ ކަނޑައެޅިފައިވާ
ވަކިގޮތަކަށް، ދަރިވަރުންނަށް ދެވޭ ޓެސްޓުގެ ނަތީޖާއަށް ނަމްބަރު ދިނުމެވެ.
މިސާލަކަށް: މަޒުމޫގެ ވަކިބަޔަކަށް މާކުސްދިނުން ނުވަތަ ރަނގަޅު ޖަވާބުގެ ޢަދަދު
ގުނުން ފަދަ ކަންތައްތަކެވެ. މެޝަމެންޓް މިބަސް ސިފަކުރެވޭނީ ހަމައެކަނި ހިސާބުގެ
ޢަދަދަކުން ނުވަތަ ކުއަންޓިޓޭޓިވް ކޮށެވެ. މީގެ މާނައަކީ މެޝަމެންޓްގެ ނަތީޖާ
އަބަދުވެސް ބުނަމުންދާނީ ނަމްބަރުންނެވެ.
އާދަމް ޝަރީފް ޢުމަރު ( 1999 ) ގައި
ހާމަކުރައްވާ ގޮތުގައި އިމްތިޙާނަކީ ރަސްމީ ސިފައެއް ގެނެސްދޭ އެއްޗެކެވެ. އަދި
އިމްތިޙާނުގައި ވަރަށް ގިނަ ޙާލަތްތަކުގައި އެއްފަހަރަށްވުރެ ގިނަފަހަރު
ޓެސްޓްކުރެއެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުގެ އުޅުމަށް ހެޔޮބަދަލު
ގެނެވެއެވެ. ވުމާއިއެކު ޓެސްޓައި އިމްތިޙާނަކީ ދެ އެއްޗެކެވެ. އެހެންކަމުން
އިމްތިޙާނު ވެފައިވަނީ ވަޤުތު ކަނޑައެޅިގެންވާ، ރަސްމީ ސިފައެއް ލިބިފައިވާ
އެއްޗެއްގެ ގޮތުގައެވެ.
އިމްތިޙާން ފަރުމާކުރުމުގައި
ވިސްނި ކަންތައްތައް
އާދު ޢަލީ (2015) ގައި
ހާމަކުރައްވާގޮތުގައި ދަރިވަރުން ވަޒަންކުރުމާއި، މިންކުރުން، ނުވަތަ ފެންވަރު
ބެލުމުގައި އެސެސްމެންޓްގެ ވެލިޑިޓީ އާއި ރިލަޔަބިލިޓީ އަދި ފެއާނެސްއަށް
އިސްކަންދޭންޖެހެއެވެ. ދަރިވަރުންނަށް އިމްތިޙާނު ކަރުދާސް ހެދުމުގައި ވަރަށް
ގިނަކަންތައްތަކަށް ވިސްނަންޖެހުނެވެ. އެގޮތުން އެންމެ ބޮޑަށް ސަމާލުކަންދިން
އެއްކަމަކީ، މުޤައްރަރުގައިވާ ބައިތަކުގެ މަޤްޞަދުތައް ޙާޞިލްވީ މިންވަރެއް ބެލުމެވެ.
އެގޮތުން ސުވާލުކަރުދާސް ހެދުމުގައި ބަލައިފައިވާނީ ކިޔަވައިދިނުމުގައި ގިނަވަގުތު
ހޭދަކޮށްފައިވާ ބައިތަކަށް ބަލައިގެންނެވެ. އަދި ޓޭބަލް އޮފް ސްޕެސިފިކޭޝަން
ތައްޔާރު ކުރިއިރު ސުވާލުތައް ބޮޑަށް ހިމަނާފައިވާނީ ސްކީމްގައި ދަރިވަރުންނަށް
ކޮންމެހެން އެގެންޖެހޭ ބައިތަކަށެވެ. މާނައަކީ ދިވެހިބަސް މި މާއްދާގައި ހިމަނަން
ޖެހެނީ ވަކިބައިތަކެކެވެ. ބޮޑަށް ސަމާލުކަންދީފައިވާނީ އެ
ބައިތަކަށެވެ. އަދި މަސައްކަތުގެ ކުޑަ
ބޮޑުމިނަށްބަލައި މަކުސް ދިނުމުގައި އިންސާފުވެރި ގޮތްތަކެއް ހިމަނާފައިވާނެއެވެ. މީގެ
އިތުރުން ސުވާލު ކަރުދާސް ތައްޔާރު ކުރުމުގައި ތިރީގައި މިވާ ކަންތައްތަކަށް
ވަރަށް ރަނގަޅަށް ބަލާލެވިފައި ވާނެއެވެ.
1.
ސުވާލުގެ ފެންވަރު
ސުވާލުކަރުދާސް ތައްޔާރުކުރުމުގައި އެންމެ
ބޮޑަށް ބެލި ކަންތަކުގެ ތެރެއިން އެއްކަމަކީ ސުވާލުކަރުދާހުގައި ތަފާތު ފެންވަރުގެ
ސުވާލު ހިމަނަން ޕްލޭން ކުރުމެވެ. އޭގެތެރޭގައި މަތީދަރަޖައިގެ ސުވާލުތަކާއި،
މެދުމިނުގެ ސުވާލުތަކާއި، އާދައިގެ ސުވާލުތައް ހިމަނާއިގެން ސުވާލުކަރުދާސް
ތައްޔާރު ކުރީމެވެ. ސުވާލުކަރުދާހުގައި ހިމަނާފައިވާނީ ކޮގްނިޓިވް ޑޮމެއިން ތަކާއި
އެއްގޮތްވާ ގޮތަށެވެ. މި ގޮތުން ބުލޫމު ޓެކްސޮނަމީގެ މަޢުލޫމާތު ހައިރާކީއަށް
ވަރަށް ބޮޑަށް ބަލާފައިވާނެއެވެ. ސުވާލުތައް ބަހާލެވިފައިވާނީ މަޢުލޫމާތު، ދޭހަ،
ބޭނުންކުރުން،ދިރާސާކުރުން، އުފެއްދުން، އަދި ވަޒަންކުރުމުގެ މައްޗަށެވެ.
2.
ސުވާލުތަކަށް މާކުސްދީފައިވާނެ ގޮތްތައް
ސުވާލުތަކަށް މާކުސްދީފައިވާނީ
ސުވާލުގެ ފެންވަރަށް ބަލައިގެންނެވެ. ސުވާލުތަކުގެ ފެންވަރަށްބަލާފައިވާނީ ބްލޫމު
ޓެކްސޮނަމީގެ މިންގަޑު ތަކުންނެވެ. އެއީ މަތީދަރަޖައިގެ ސުވާލުތަކަށް ނިސްބަތުން
ގިނައިން މާކުސް ލިބޭގޮތަށެވެ. ދެން އެއާއި ޖެހިގެން މެދުމުނުގެ ސުވާލުތަކަށެވެ.
އެންމެ މަދުން މާކުސް ލިބޭގޮތަށް ހުންނާނީ އެންމެ އާދައިގެ ސުވާލުތަކަށެވެ. އަދި
ހަމައެއާއެކު ދަރަޖައިގެ ގޮތުން އެއްފެންވަރެއްގެ ސުވާލުތަކަށް މާކުސް ދީފައިވާނީ
ނިންބަތުން އެއްވަރަކަށެވެ. މިކަން ރަނގަޅަށް ފާހަގަވެގެންދާނީ ޓޭބަލް އޮފް
ސްޕެސިފިކޭޝަނުންނެވެ.
3.
ވަގުތު
ސުވާލުކަރުދާސް
ތައްޔާރު ކުރުމުގައި ވިސްނަންޖެހުނު އެއްކަމަކީ ސުވާލުކަރުދާހުގެ ވަގުތަށެވެ.
މިޓާރމުގައި ކިޔަވައިދެނު ބައިތަކަށްބަލައި، ޓޭބަލް އޮފް ސްޕެސިފިކޭޝަންގައި
ހިމަނާފައިވާނީ ބޮޑެތި އުފެއްދުންތެރި މަސައްކަތްތަކަށް ގިނަވަގުތު ހޭދަކުރަންޖެހޭ
ގޮތަށެވެ. އެގޮތުން ސުވާލުގެ ނިސްބަތުން ޕޭޕަރު 1 ށް ވަގުތު ގިނައިން
ދެވިފައިވާނެއެވެ. ސަބަބަކީ ޕޭޕަރު 1 ގައި ގިނަލިޔުން ހިމެނިފައިވާނެތީއެވެ.
އެހެންކަމުން ޕޭޕަރު 1 އަދި ޕޭޕަރު 2 ށް އެކަށީގެންވާ ވަގުތު ދެވިފައިވާނެއެވެ.
4.
ބަސްކޮށާރު
ސުވާލުތައް
އުފެއްދުމުގައި ބަސްކޮށާރު ހިމަނާފައިވާނީ ދަރިވަރުންގެ ފެންވަރާއި ކިޔަވައިދިން
ބައިތަކާއި ގުޅޭ ގޮތަށެވެ. ދަރިވަރުންނަށް ފަސޭހައިން ދޭހަވާގޮތަށެވެ. ވަރަށް ސާދާ
ޢިބާރާތުންނެވެ. ދަރިވަރުންނަށް މާނަނޭނގޭފަދަ ބޮޑެތި ބަސްތައް ހުރުމުން ދަރިވަރުންނަށް
ދޭހަނުވާނެތީ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެވިފައިވާނެއެވެ. އަދި
ސުވާލުތަކުގެ ޢިބާރާތްތައްވެސް ފަސޭހައިން ދޭހަވާގޮތަށް ޢިބާރާތް ކުރުމަށް
މަސައްކަތް ކުރީމެވެ. އެހެންކަމުން ޖުމުލަ ގޮތެއްގައި ހިމަނާލެވިފައިވާ
ސުވާލުތަކާމެދު ހިތްހަމަ ޖެހޭކަން ފާހަގަކުރަމެވެ.
5.
ސުވާލުތަކުގެ ޢަދަދު
އަޅުގަނޑު
ޤަބޫލުކުރާގޮތުގައި ސުވާލުކަރުދާހުގައި ގިނަ ސުވާލު ހިމެނުމުން ގިނަބައިތަކެއް
ވަޒަންކުރަން ފަސޭހަވާނެއެވެ. އެގޮތުގެ މަތީން އަޅުގަނޑު ވާނީ މި
ސުވާލުކަރުދާހުގައި ގިނަ ސުވާލުތަކެއް ހިމަނާފައެވެ. އަދި މިކަމުގެ ސަބަބުން ގިނަ
ބައިތަކެއް ސުވާލުކަރުދާހުގައި ހިމެނިފައިވާކަން އުފަލާއެކު ފާހަގަކުރަމެވެ. އަދި
އަޅުގަނޑު ދެކޭގޮތުގައި ދަރިވަރުންނަށް ޖަވާބުދެވޭވަރަށް ގިނަބައިތަކެއް ވަޒަންކުރެވޭގޮތަށް
ސުވާލު ހިމަނާފައިވާނަމަ ސުވާލުކަރުދާހުގެ ފެންވަރު ރަނގަޅުކަމަށް ބެލެވެއެވެ.
6.
ޓެސްޓްއައިޓަމްތަކުގެ ވައްތަރުތައް
ތައްޔާރުކުރައްވާ
ސުވާލުކަރުދާހުގައި ގިނަވައްތަރުތަކުގެ ޓެސްޓްއައިޓަމްތައް ހިމަނާފައި ހުރުމަކީ
ސުވާލުކަރުދާހުގެ ފެންވަރު ރަނގަޅުވާނެކަމަށް އަޅުގަނޑު ދެކެމެވެ. އެގޮތުގެ މަތީން
މިކަރުދާހުގައި ތަފާތުލެވެލްގެ ތަފާތު އައިޓަމްތައް ހިމެނިފައިވާނެއެވެ. ހަމައެކަނި
މަޒުމޫނު ވައްތަރުގެ ސުވާލުތައް ހިމެނުމުގެ ބަދަލުގައި ކުރުޖަވާބު ދެވޭ ސުވާލު
ނުވަތަ ސުވާލު ދޭހަވެގެން ލިޔާ ކުރު ޖަވާބުފަދަ ބައިތައް ހިމެނުމަކީ ދަރިވަރުން
ފެންވަރު ވަޒަންކުރުމުގެ މުހިއްމު ބައެއްކަމުގައި ދެކެމެވެ.
7.
ސާފުތާހިރުކަމާއި ލޭއައުޓް
ދަރިވަރުންނަށް
ތައްޔާރުކުރާ ސުވާލުކަރުދާހުގެ އަކުރުތައް ހުންނަންވާނީ ކުދިންނާއިގުޅޭ
ސައިޒަށެވެ. އަދި އަކުރުތަކާއި ބަސްތައް ހުންނަންވާނީ ކުދިންނަށް ފަސޭހައިން
ދޭހަވާ ޢިބާރާތުންނެވެ. އެއްސުވާލާއި އަނެއްސުވާލު އޮޅުންނާރާ ގޮތަށެވެ.
ހަމައެފަދައިން ސުވާލުގެ ޖަވާބު ލިޔުމަށް އެކަށީގެންވާ ޖާގަ ބެހެއްޓުމަކީ
މުހިއްމުކަމެއްކަމުގައި ދެކެމެވެ. އަދި ސާފުކޮށް ފެންނަގޮތަށް ސުވާލުތަކުގެ
ނަމްބަރު ތަރުތީބުވުމަކީވެސް ދަރިވަރުންނަށް ފަސޭހަވެގެންދާނެ މުހިއްމު
ކަމެއްކަމުގައި ދެކެމެވެ. މީގެ އިތުރުން ކޮންމެ ސުވާލެއްވެސް ފަސޭހައިން
އެނގޭނޭފަދަ ގޮތަކަށް ފަރުމާކުރުމުން ސުވާލުކަރުދާހުގެ ފެންވަރާއި، ރީތިކަމާއި، ސާފުކަން
ހާމަވެ ފެންނަން އޮންނާނެއެވެ. މި ފާހަގަކުރި ކަންތައްތައްކަށް ބޮޑަށް ސަމާލުކަން
ދީގެން ސުވާލުކަރުދާސް އަޅުގަނޑު ތައްޔާރު ކުރީމެވެ.
ދަރިވަރުންނަށް ސުވާލުކަރުދާސް ތައްޔާރުކުރުމުގައި ބުލޫމުސް ޓެކްސޮނަމީގެ
ޑޮމެއިންތަކަށް ފައްތައިގެން ސުވާލުތައް ތައްޔާރުކުރުމަކީ ދަރިވަރުންނަށް ވަރަށް
ފައިދާ ކުރަނިވި ގޮތެކެވެ. އެއީ އެ ޑޮމެއިންތަކުން އަސަރު ކުރުވަނީ ދަރިވަރުންގެ
އިހްސާސްތަކާއެވެ. އެންމެ ކުޑައިންފެޑިގެން މަސައްކަތްތައް ބޮޑުވާ ގޮތަށެވެ.
އައިޝަތު މުހުދާ ( 2019 ) ހާމަކުރައްވާ ގޮތުގައި ޑިޒައިން ކުރާއިރު ލަނޑުދަނޑިތައް
ސާފުކޮށް އެނގޭގޮތަށް ފަރުމާކުރުން، އެސެސްކުރަން ބޭނުންވާ މަޤްޞަދާއި ޙާލަތު،
އައުޓްކަމްސްއާއި ރަނގަޅަށް ދިމާވުން، ކުދިންގެ ކިބާގައިވާ ސިފަތަކާއި
ދިމާވާގޮތަށް ތައްޔާރުކުރުން، އެސެސްމަންޓްގައިހުރި މަޢުލޫމާތަކީ މާނަހުރި، އެއަށް
ބަރޯސާވެވޭ މަޢުލޫމާތަށްވުން، ފީޑްބެކް އަވަހަށް ދަރިވަރުންނަށް ދެވުން،
ދަސްކުރުމަށް އުނދަގޫވާބައި އެސެސްމަންޓުން ފެނުން އަދި ކަނޑައެޅިފައިވާ
ލަނޑުދަނޑިތަކާއި، ކިޔަވައިދެވިފައިވާ ގޮތާއި، ކިޔަވައިދިނުމަށް
ބޭނުންކުރެވިފައިވާ ތަކެތި އެޙާލަތަކަށް އެންމެ ކަމުދިޔަތޯ ވަޒަންކުރެވޭނެ
މަޢުލޫމާތު ހިމެނުންފާހަގަ ކުރެވެއެވެ.
8.
ވެލިޑިޓީ
އިމްތިޙާނުގެ
ވެލިޑިޓީއަކީ އިމްތިޙާނުން ހޯދަންބޭނުންވާ ނަތީޖާގެ ޞައްޙަކަން ކަށަވަރު ކުރުމެވެ.
އެހެންކަމުން ވަޒަންކުރަން ބޭނުންކުރަނީ ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެންމެ
އެކަށޭނަ ބޭނުންތެރި ގޮތަށްތޯއާއި އަދި އެގޮތުން އެއްކުރެވުނު މަޢުލޫމަތަކީ ޞައްޙަ
މަޢުލޫމާތެއްތޯ ބެލުމަކީ ވެލިޑިޓީގެ އެއް އަސާސެވެ. އެހެންކަމުން އިމްތިޙާނުގެ
ވެލިޑިޓީ ކަށްވަރު ކުރުމަށްޓަކައި ކިޔަވައިދެވުނު ބައިތަކަކީ ކޮބައިކަން ދެނެގަނެ
ކުދިންނަށް އެނގިފައިވާ އެއްޗެއް ނުވަތަ މައްސަލަ ހައްލުކުރުމުގެ ޤާބިލްކަން ހުރީ
ކިހާވަރަކަށްކަންދެނެގަނެ އެސެސްކުރާބައިތަކުން ތަފާތު ފެންވަރުގެ ތަފާތު
ވައްތަރުގެ ސުވާލު ކުރުމާއި ވަގުތާއި ކުދިންގެ ޙާލަތާއި ތަނަށް ރިޢާޔަތްކުރުމަކީ
އިމްތިޙަނުގެ ވެލިޑިޓީ ނުވަތަ ޞައްޙަކަން އިތުރުކުރުމަށް
ވިނުންބަހައްޓަންޖެހޭނެކަންކަމެވެ.
9.
ރިޔަލަބިލިޓީ
ރިޔަލަބިލިޓީއަކީ
އިމްތިޙާނު ކުރެވޭގޮތުގެ އިތުބާރެވެ. ނުވަތަ އިމްތިޙާނު ކުރެވޭގޮތުގެ މައްޗަށް
ވެވޭ ބަރޯސާއެވެ. އެގޮތުން އެތައްފަހަރަކު އެއް އިމްތިޙާނެއް ދިނުމުންވެސް އެއް
ނަތީޖާއެއް ނުކުންނަނަމަ އެ އިމްތިޙާނުގެ އާލާތަކީ އިމްތިޙަނުގެ އިތުބާރު ހިފޭ އެސެސިންގެ
ޓޫލެކެވެ. އެހެންނޫންނަމަ އެނުކުތް ނަތީޖާއަކީ ވެލިޑިޓީ ވަރަށްދަށް ބަރޯސާ ނުވެވޭ
ނަތީޖާއަކަށް ވެގެން ހިގައިދާނެއެވެ.
10.ފެއާނެސް
އިމްތިޙާނުކުރުމުގައި ފެއާނެސް ނެތްނަމަ
އެ އިމްތިޙާނެއްގެ ވެލިޑިޓީ އަދި ރިލަޔަބިލިޓީއަށް އަސަރު ފާރާނެއެވެ.
އެހެންކަމުން އިމްތިޙާނު ކުރުމުގައި ފެއާނެސް ނުވަތަ ހުރިހާދަރިވަރުންނަށް ހަމަހަމ
އުޞޫލަކުން އިމްތިޙާނު ކުރެވޭގޮތެއް ނުވަތަ ގޮތްތަކެއް ބޭނުންކުރުމަކީ މުހިއްމު
ކަމެކެވެ. އެގޮތުން ކުދިންގެ ޖިންސް، ދީން، ކަލްޗަރ، ނުވަތަ ނިސްބަތްވާ ގްރޫޕްގެ
ސަބަބުންނާއި، ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން އެ ދަރިވަރުގެ ނަތީޖާއަށް
އަސަރު ފޯރައިގެން ނުވާނެ ގޮތަކަށް އެސެސްކުރުންތައް ބައްޓަން ކުރުމަކީ މުހިއްމު
ކަމެކެވެ.
އިމްތިޙާން ޕޭޕަރެއްގެ އިތުރުންވެސް ދަރިވަރުންގެ
އުނގެނުމާއި ހުނަރު ވަޒަންކުރުމަށް ކުރެވިދާނެ އެހެނިހެން ކަންކަން
ހައްވާ
ސިމާނާ ( 2015 ) ގައި ހާމަކުރައްވާ ގޮތުގައި ދިވެހިރާއްޖޭގެ ސްކޫލްތަކުގައި
ކިޔަވައިދިނުމުގައި ކޮންމެ މާއްދާއަކުންވެސް ގިނަ ޓެސްޓްތަކެއް ނަގައެވެ. ނުވަތަ
ގިނަ ޓެސްޓްތަކެއް ހަދަން ޖެހެއެވެ. ދަރިވަރުންގެ ފެންވަރު ވަޒަންކުރުން ގުޅިފައިވަނީ
ޓެސްޓްތަކާއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރަށް ބަރޯސާ
ކޮށްގެން އުނގެނުމާއި، މުދައްރިސަށް ބަރޯސާވެގެން އުންގެނުމުގެ އެންމެބޮޑު
ތަފާތެއް ފެނިގެންދަނީ ވަޒަންކުރުމުގެ ތެރެއިންނެވެ.
1.
ރޯލްޕްލޭ
އިބްރާހިމް ހަފީޒް ( 2019 ) ގައި ލިޔުއްވާފައިވާގޮތުގައި ކިޔަވަމުންދާ
ދަރިވަރުން އެސެސް ކުރެވޭނީ ހަމައެކަނި އިމްތިޙާނު ކަރުދާހެއް ދީގެންނޫނެވެ.
އިމްތިޙަނު ކަރުދާސް ނުދީވެސް ދަރިވަރުންނަށް ޙާޞިލްވެފައިވާ ބައިތައް
ދެނެގަނެވޭނެ ގޮތްތައް ހުރެއެވެ. އެގޮތުން ރޯލްޕްލޭއަކީ ފާހަގަކޮށްލެވޭ މުހިއްމު
ޙަރަކާތެކެވެ. ފިލާވަޅުތައް ނިންމާލުމަށްފަހު ދަރިވަރުންލައްވާ ރޯލްޕްލޭ
ކުޅުވުމުން ދަރިވަރުންނަށް އެ ފިލާވަޅަކާއި ގުޅޭގޮތުން ލިބެންޖެހޭ މަޢުލޫމާތު
ދަރިވަރުންނަށް ލިބިފައިވާ މިންވަރު މުދައްރިސަށް ވަރަށް ފަސޭހައިން
ވަޒަންކުރެވޭނެއެވެ.
2.
ފީލްޓްރިޕް
ދަރިވަރުންގެ ކަންކަން ދެނެގަތުމަށްޓަކައި ފީލްޓްރިޕް ފަދަ ހަރަކާތްތަކަކީ
ދަރިވަރުންގެ ވަރަށްގިނަ ކަންތައްތައް އެސެސްކުރެވޭނެ ކަމެކެވެ. ދަރިވަރުންގެ
ޙަރަކާތްތެރިވާ ގޮތްތަކުން، ކުރެވޭ މުޢާމަލާތްތަކުން، އަދި ދަރިވަރުންގެ
މެދުގައިވާ އިޖުތިމާޢީ ގުޅުންތަކުންވެސް ކުދިން އެސެސް ކުރެވިގެން ދާނެއެވެ.
ގެންނަންޖެހޭ ބަދަލުތައް ފާހަގަވާނެއެވެ. މިފަދަ ކަންކަމުން ކުދިންގެ މެދުގައިވާ
ގުޅުންތަކާއި، މަސައްކަތުގެ އަޚުލާޤާއި، އަދި ކުދިންގެ މެދުގައި އުފެދޭ ކުލުނާއި
ލޯބި އިތުރުވެގެންވެސް ދެއެވެ. އެހެންކަމުން މިފަދަ ކަންކަމުން ކުއްޖާ ވަރަށް
ފަސޭހައިން ވަޒަންކޮށްލެވެއެވެ.
3.
ޗެކްލިސްޓް
ކުދިންގެ ފެންވަރު ވަޒަންކުރުމަށް
ވަރަށް މުހިއްމު އެއްޗެއްގެ ގޮތުގައި ޗެކްލިސްޓް ބޭނުންކޮށް އުޅެއެވެ. ތަފާތު
ދުވަސްތަކަށް ބަހާލައިގެން އެކިދުވަސްމަތިން ކުއްޖާ އޮބްޒާބްކުރުން ނުވަތަ ވަކި
ކަންތައްތަކެއް ބެލުން ހިމެނެއެވެ. ކުއްޖާއަށް އަންނަ ކުރިއެރުންތައް ނުވަތަ
ގެންނަންވާ ބަދަލުތައް މިފަދަ އޮބްޒަވޭޝަންތަކުން ފެނިގެންދެއެވެ. އަދި ރެކޯޑްތައް
ރަނގަޅަށް ފެނިގެންދެއެވެ. އެހެންކަމުން ޗެކުލިސްތަކީ ފެންވަރު ވަޒަންކުރުމުގައި
ބޭނުންކުރަން ވަރަށް މުހިއްމު އެއްޗެއްކަމުގައި ފާހަގަކުރެވެއެވެ.
4.
ރަނިންގ ރިކޯރޑް
ރަނިންގ ރިކޯރޑަކީވެސް ކުއްޖާގެ
ފެންވަރު ވަޒަން ކުރުމަށް ވަރަށް މުހިއްމު ބައެއް އަދާކުރާ އެއްޗެކެވެ. ކުއްޖާއަށް
އަންނަ ކުރިއެރުންތައް ވަރަށް ރަނގަޅަށް އަންގައިދެއެވެ. ހަމައެއާއެކު މުދައްރިސުންވެސް ވަރަށް ރަނގަޅަށް
ސަމާލުވާންޖެހޭ ކަމެކެވެ. ކުދިންނަށް އަންނަ ބަދަލުތައް ރިކޯރޑްކޮށް ބަލަހައްޓައި،
ދުވަހުންދުވަހަށް ފީޑްބެކު ދިނުމަކީ ވަރަށް މުހިއްމު ބައެއްކަމުގައި ދެކެމެވެ.
5. ޓައިމް
ސާމްޕްލިންގ
ޓައިމް ސާމްޕަލްއަކީ ކުއްޖާ ދެނެގަތުމަށްޓަކައި
ވަރަށް މުހިއްމުބައެއް ނުވަތަ ކަންތައްތަކެއް އަންގައިދޭ ވަޞީލަތެކެވެ. ކުއްޖާ
އެކި ވަގުތުތަކުގައި ކުރަމުންއަންނަ ކަންތައްތައް ވަރަށް ރަނގަޅަށް
ފެނިގެންދެއެވެ. ކުއްޖާގެ މިޒާޖާއި، ހުނަރުވެރިކަން، ކަންކަމުގެ ޤާބިލްކަން
އަންގައިދޭ ރެކޯރޑަކީ ޓައިމް ސާމްޕްލިންގގެ ރިކޯރޑުންނެވެ. އަދި ޓީޗަރުގެ ފީޑްބެކު
އަވަހަށް ލިބުމުން ކުއްޖާއަށް ގެންނަންޖެހޭ ބަދަލުތައް އަވަސްކަމާއެކު ފިޔަވަޅު
އެޅޭކަން ފާހަގަކުރެވެއެވެ.
6. އިންޓަރވިއު
ދަރިވަރުންނަށް އިންޓަރވިއު ކުރުމަށް
ފުރުޞަތު ދިނުމަކީވެސް ކުއްޖާގެ ހުނަރުވެރިކަން ދައްކުވައިދޭ މުހިއްމު ބައެކެވެ. ކުއްޖާގެ
ލީޑަރޝިޕްގެ މުހިއްމު ހުނަރުތައް ދައްކުވައިދެނީ ވާހަކަދެއްކުމުގެ ފުރުޞަތު
ދަރިވަރުންނަށް ދެވިގެންނެވެ. ކެރުންތެރިކަމާއި،އިސްނެގުން، އަދި ޖެހިލުންނުވެ ކަންކަމުގައި ބައިވެރިވުމަށް ކުރިމަތިލަނީ
ކުޑައިރުއްސުރެ، ފެށިގެން މިފަދަ ގޮތްތައް ދަރިވަރުންނަށް ކަންކަން
ފަހިކޮށްދިނުމުންނެވެ. އޭރުން ކުއްޖާ ކުރާކަންތައްތަކުން ކުއްޖާގެ ފެންވަރު
ރަނގަޅަށް ވަޒަންކުރެވިގެންދާނެއެވެ.
7. ގްރޫޕް
މަސައްކަތްތައް އަދި ޕްރޮޖެކްޓް މަސައްކަތްތައް
ކްލާސްރޫމުގެ ބޭރުން ގްރޫޕްތަކުގެ
މެދުގައި ކަންކަން ކުރުމަށް ދަރިވަރުންނަށް ހަވާލުކުރެވެއެވެ. އެގޮތުން ގްރޫޕް
މަސައްކަތްތަކާއި، ޕްރޮޖެކްޓް މަސައްކަތްތަކަކީ ކުދިންގެ ހުނަރުވެރިކަމާއި،
މަޢުލޫމާތު މުއްސަނދިވުމާއި، ދަރިވަރުންގެ ޤާބިލްކަމާއި، ކެރުންތެރިންކަން
އިތުރުވެގެންދާ ކަމެކެވެ. ކުދިންގެ ފަރާތުން ފެންނަ ރަނގަޅު ކަންތައްތައް
ދަރިވަރުންނަށް ފެނިގެން އެހެންކުދިންވެސް އެކަމަށް އަހުލުވެރިވެ، ބައިވެރިވުން
އިތުރުވެގެންދެއެވެ. ތަފާތު ހުނަރުތައް އަށަގަންނަމުން، ކުރިއެރުން ލިއްބައިދެނީ
މިފަދަ މަސައްކަތްތައް ދަރިވަރުންނަށް ފަހިކޮށްދިނުމުންނެވެ. މިފަދަ
މަސައްކަތްތަކުގައިވެސް މުދައްރިސްގެ ރޯލް ވަރަށް ބޮޑުވާންޖެހެއެވެ.
އޭރުންކުދިންގެ ފެންވަރު ވަޒަންކުރުމަށް ފަސޭހަވެގެންދާނެއެވެ. މުޙައްމަދު ފަޔާޒު
( 2015 ) ގައި ހާމަކުރައްވާފައިވަނީ ގްރޫޕްގައި މަސައްކަތްކުރާއިރުތިމާގެ އަމިއްލަ
މަސައްކަތްތައް ނިންމަން އެދޭފަދައިން އެހެންކުދިންގެ މަސައްކަތްތައް ނިންމުމަށް
އެހީތެރިވެދީ އެޒިންމާ ނަގަން ދަރިވަރުންނަށް ދަސްވާނެއެވެ.
ނިންމުން:
މި އެސައިމަންޓްގައި ކުރެވުނު މަސައްކަތްތަކުން
އިމްތިޙާން ފަރުމާކުރުމުގައި ވިސްނަންޖެހޭ މުހިއްމު ކަންތައްތައް ވަރަށް ރަނގަޅަށް
އެނގިގެން ހިގައްޖެއެވެ. ކުރިން ޓޭބަލް އޮފް ސްޕެސިފިކޭޝަން ހެދުމަކީ ވަރަށް
މުހިއްމު ކަމެއްކަން އެނގިއްޖެއެވެ. އަދި ސުވާލުތައް ތައްޔާރު ކުރުމުގައި ބުލޫމުސް
ޓެކްސޮނަމީގެ ޑޮމެއިންސްތަކަށް ފައްތާގެން އިމްތިޙާނުކަރުދާސް ފަރުމާކުރުމަކީ
ތަފާތު ފެންވަރުގެ ސުވާލުތައް ސުވާލު ކަރުދާހުގައި ހިމެނޭކަމެކެވެ. އަދި
ކިޔަވައިދެއްވި ހުރިހާ ބައިތަކަށް ސުވާލުތައް އަމާޒު ކުރެވޭ ކަމެއްކަންވެސް
އެގިއްޖެއެވެ.
ދަރިވަރުންގެ މުސްތަޤުލަށްޓަކައި
ކިޔަވައިދިނުމުގެ ޒިންމާ ނަންގަވާ ފަރާތްތަކުން ކުރައްވަންޖެހޭ ގިނަ
ކަންތައްތަކެއް އަޅުގަނޑަށް އެނގިގެން ހިގައްޖެއެވެ. އެހެންކަމުން އަޅުގަނޑު
ދެކޭގޮތުގައި މިއެސައިމަންޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް ކުރުމުގައި މުދައްރިސުން
ވަރަށްބޮޑަށް ވިސްނަންޖެހެއެވެ. މުދައްރިސުންނަކީ ދަރިވަރުންނަށް އުނގަންނައިދޭ
ތިއްބެވި ބަޔަކަށްވާއިރު މި އެސައިމެންޓްގައި ފާހަގަކޮށްފައިވާ ދަރިވަރުން
ފެންވަރު ވަޒަންކުރުމަކީ މުދައްރިސުން ކޮންމެހެންވެސް ކުރައްވަން ޖެހިލައްވާ
ކަންތައްތަކެކެވެ. ދަރިވަރުން އުއްމީދުކުރާފަދަ ކާމިޔާބީއެއް ޙާޞިލް ކުރެވޭނީ
މުދައްރިސުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންނެވެ. އަޅުގަނޑުގެ އުއްމީދަކީ
ހުރިހާ މުދައްރިސުންނަކީ ދަރިވަރުން ފެންވަރު ވަޒަންކުރުމުގެ އެންމެހާ
ކަންތައްތަކަށް ވިސްނައިގެން އުނގަނައިދިނުން ކުރިއަށްގެންދަވާ ހީވާގި
މުދައްރިސުންނަށްވުމެވެ. އެފަދަ މުދައްރިސުންކުރައްވާ ބުރަ މަސައްކަތްޕުޅަށް
ކާމިޔާބީއަށް އެދެމެވެ.
ރިފަރެންސް:
އާދަމްޝަރީފް ޢުމަރު. (1999). ފެންވަރު
ވަޒަންކުރުން. ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު. މާލެ:
ދިވެހިރާއްޖެ.
އައިޝަތު މުހުދާ. (2019). މެޝަމަންޓް
އެންޑް އިވެލުއޭޝަން އިން އެޑިއުކޭޝަން. ] ލެކްޗަރ ނޯޓްސް [،މާލެ: ވިލާކޮލެޖް.
No comments:
Post a Comment