Thursday, April 9, 2020

ފެންވަރު ވަޒަންކުރުމުގެ މުހިއްމުކަން



ފެންވަރު ވަޒަންކުރުމުގެ މުހިއްމުކަން
ޢަބުދުލް ޣަފޫރު އިސްމާޢީލް، ދޫރެސް / ރ. މީދޫ
ތަޢާރަފް:
                 މި އެސައިމަންޓަކީ ވިލާކޮލެޖުގެ ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒުން، ކުރިއަށްގެންދާ، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއިން ޓީޗިންގ ކޯހުގެ ދެވަނަ ސެމިސްޓާރގައި ކިޔަވަމުންދާ، މެޝަމަންޓް އެންޑް އިވެލުއޭޝަން އިން އެޑިއުކޭޝަންގެ މޮޑިއުލްގެ ދަށުން ލިޔެފައިވާ އެސައިމަންޓެކެވެ. މި އެސައިމަންޓްގެ މައިގަނޑު މަޤްޞަދަކީ ޢަމަލީ ގޮތުން އިމްތިޙާން ޕޭޕަރެއް ފަރުމާކުރުމާއި، މިކަމާއި ގުޅޭގޮތުން ޝާއިޢު ކުރެވިފައިވާ ލިޔުންތައް ދިރާސާކުރުމާއެކު، އަމިއްލަ ވިސްނުމާއި މަސައްކަތް އިތުރަށް ތަރައްޤީ ކުރުމަށް އެހީއަކަށްވުމެވެ. މި އެސައިމަންޓްގައި އަޅުގަނޑު އިޙްތިޔާރު ކުރި މައުޟޫޢު އަކީ ބަހާއި އަދަބިއްޔާތެވެ. އެސައިމަންޓްގައި މައިގަނޑު ހަތަރުބައެއް ހިމަނާފައި ވަނެއެވެ. ޓޭބަލް އޮފް ސްޕެފިކޭޝަން، ޓޭބަލް އޮފް ސްޕެފިކޭޝަންގައި ހިމަނާފައިވާ ގޮތަށް ތައްޔާރު ކޮށްފައިވާ އިމްތިޙާނު ކަރުދާސް 1، 2، އިމްތިޙާނު ފަރުމާ ކުރުމުގައި ވިސްނަންވީ ކަންތައްތައް އަދި އިމްތިޙާނު ކަރުދާހެއްގެ އިތުރުންވެސް ދަރިވަރުންގެ އުނގެނުމާއި، ހުނަރު ވަޒަންކުރުމަށް ކުރެވިދާނެ އެހެނިހެން ކަންތައްތަކެވެ. 
               އާދަމް ޝަރީފް ޢުމަރު ( 1999 ) ހާމަކުރައްވާފައިވާ ގޮތުގައި އެސެސް ކުރުން ނުވަތަ ފެންވަރު ވަޒަން ކުރުމަކީ ކަމެއް ކުރަމުންދާގޮތް ބެލުމެވެ. ނުވަތަ އެކަމެއް ނުވަތަ ކުރާ ކަންތައްތަކެއް ކުރެވިފައިވާ މިންވަރު ބެލުމެވެ. އަދި އެކަމަކުން ނުވަތަ ކަންތައްތަކަކުން ވަކި ލަނޑުދަނޑިތަކެއް ޙާޞިލްވީތޯ ބެލުމެވެ. އެކުރި ކަންތައްތަކުގެ ލަނޑު ދަނޑިތައް އެމިންވަރަށް ޙާޞިލްވީ ކީއްވެތޯ ބެލުމެވެ. އަދި މީގެ އިތުރުން އެ ކަންތައްތަކުގެ މަޤްޞަދުތައް ޙާޞިލް ކުރުމަށް އަޅަންވީ ފިޔަވަޅުތައް ދެނެގަތުމެވެ. ތަޢުލީމު ދޭތަންތަނުގައި އެސެސްކުރުން ނުވަތަ ފެންވަރު ވަޒަންކުރުމަކީ ދަރިވަރުންނަށް ކިޔަވައިދޭ ބައިތަކުން ދަރިވަރުންނަށް އެނގިފައިވާ މިންވަރު ބެލުމެވެ. ނުވަތަ އުގައްނަވާދެއްވި ބައިތައް ޙާޞިލްވީ ކިހާމިންވަރަކަށްތޯ ބެލުމެވެ. އަދި ދަރިވަރު ފެންވަރު ވަޒަންކުރުމުން، ލިބުނު ނަތީޖާގެ ޢަލީގައި ކިޔަވާ ދަރިވަރާއި، މުދައްރިސްގެ މަސައްކަތްތަކަށް ގެންނަންވީ ބަދަލުތައް ހޯދުމެވެ. މީގެ އިތުރުން ކިޔަވާ ދަރިވަރު ހޯދި ނަތީޖާ ބޭނުންކޮށްގެން ދަރިވަރުންނާއި، މުދައްރިސުން ކުރި މަސައްކަތުގެ ފެންވަރު ދެނެގަތުމެވެ.
މައިގަނޑު:
ފެންވަރު ވަޒަންކުރުމުގެ ގޮތްތައް
                އާދު ޢަލީ (2015 ) ގައި ލިޔުއްވާފައިވާ ގޮތުގައި ވަޒަންކުރުމަކީ ކުދިންގެ އުނގެނުމާއި، ތަރައްޤީވާގޮތާއި، މިންވަރު ކަނޑައޅާ އެކަތި އަނެކައްޗާއި ގުޅިފައިވާ ކަމެކެވެ. ދަރިވަރުން އިމްތިޙާނު ކުރުމުގައި ތަފާތު ނަންތައް ކިޔާއުޅެއެވެ. އޭގެތެރޭގައި ހިމެނެނީ އެސެސްމަންޓް، ޓެސްޓް އަދި މެޝަރމަންޓް  އިމްތިޙާނު ކުރުން ، މިންކުރުން ، އަދި ނަތީޖާ ކަނޑައެޅުން ފަދަ ނަންތަކެވެ. މިއިން ކޮންމެ ބަޔަކީވެސް ކުއްޖާ ގެ ފެންވަރު ދެނެގަތުމަށްޓަކައި ކޮށްއުޅޭ ކަންކަމެވެ. މީގެ އިތުރުން ކޮންޓިނިއުއަސް އެސެސްމަންޓް، ސަމަޓިވް އެސެސްމަންޓް، ފޯމެޓިވް އެސެސްމަންޓް، ޕްރޮގްނޯސްޓިކް އެސެސްމަންޓް އަދި ޑައިގްނޯސްޓިކް އެސެސްމަންޓް ފާހަގަ ކޮށްލެވެއެވެ.
                އެސެސްމަންޓަކީ ދަރިވަރުންގެ އުނގެނުމާއި ބެހޭގޮތުން ގޮތެއް ނުވަތަ ގޮތްތަކެއް ނިންމަންޖެހޭ ނިންމުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ ގޮތްތަކަކަށް ކިޔާ ނަމެކެވެ. މިސާލަކަށް: ކުރާ ކަންތައްތައް އޮބްޒާވް ކުރުން، ދަރިވަރުގެ ޙަރަކާތްތައް ނުވަތަ ޕްރޮޖެކުޓެއް މިންކުރުން ފަދަ ހަރަކާތްތަކެވެ. އާދަމްޝަރީފް ޢުމަރު ( 1999 ) ގައި ހާމަކުރައްވާ ގޮތުގައި ފެންވަރު ވަޒަންކުރުމުގައި މައިގަނޑު ދެ ބޭނުމެއްވެއެވެ. ފުރަތަމަ ކަމަކީ ދެވޭ ތަޢުލީމު މިންކުރުމެވެ. ދަރިވަރުންގެ ތަޢުލިމީ ހަރުފަތްތައް ގިރާކުރުމުގައި ކުރިއަށްދާ މިންވަރު ދަރިވަރުންނަށާއި ބެލެނިވެރިންނަށް މަޢުލޫމަތުދިނުމާއި ސްކޫލްތަކުގެ ތަޢުލީމީ ޙާލަތު ބެލުމެވެ. ސްކޫލްތަކުން ދެވޭ ތަޢުލީމު އަޅާކިޔުމެވެ. އެއި ސްކޫލް މަދުރަސާތަކުގެ ޢިލްމީ ފެންވަރު ރަނގަޅު ކުރުމުގެ މަޤުޞަދުގައެވެ.
            ފެންވަރު ވަޒަންކުރުމުގެ ދެވަނަ ބޭނުން ބޮޑަށް އަމާޒުކުރެވެނީ މުދައްރިސުންނަށެވެ. ސަބަބަކީ ކުދިންގެ ފެންވަރު ވަޒަންކުރުމުގެ ގޮތްތައް ކިޔަވައިދިނުމުން މިންކުރެވޭތީއެވެ. ދަރިވަރުންނަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރެވި ސީދާގޮތެއްގައި އެދާއިރާ ތަކަށް އަމާޒުކޮށްގެން ކިޔަވައިދޭން މަގު ތަނަވަސްވާކަމެވެ. ދަރިވަރުންގެ ވިސްނުމާއި ދޭހަވާމިންވަރު އަންގައިދިނުމުގައި އެހީތެރިވެދޭކަމެވެ. މީގެ އިތުރުންވެސް ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ އިތުރު ގޮތްތައް ވާކަމަށް ފެންވަރު ވަޒަންކުރުމާއިބެހޭ ޢިލްމީ މާހިރުން ހާމަކުރެއެވެ.
               ޓެސްޓަކީ ސުވާލުތަކެއް އެކުލެވޭގޮތަށް، ހުރިހާ ދަރިވަރުންނަށް އެކަށީގެންވާ މާޙައުލެއްގައި، ވަކި ވަގުތެއް ކަނޑައަޅައިގެން ދެވޭ މަސައްކަތްތަކަކަށް ކިޔާނަމެކެވެ. އަދި ޓެސްޓް ކުރުމަކީ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ޓަކައި މަޢުލޫމަތު ހޯދުމަށްޓަކައި ބޭނުންކުރާ ޢުޞޫލެކެވެ. ދަރިވަރުން ޓެސްތްކުރުމުން ލިބޭނީ ދަރިވަރު ދެނެގަތުމަށްޓަކައި ބޭނުންވާ މަޢުލޫމާތެވެ. ނުވަތަ ދަރިވަރާއި ބެހޭ ޑޭޓާއެވެ. ޓެސްޓް ކުރުމުގައި އެކިއެކި ގޮތްތައް ބޭނުންކުރެވިދާނެއެވެ. އޭގެތެރޭގައި ސުވާލުކުރުމުން އަނގަބަހުން ޖަވާބުދޭ ގޮތާއި، ލިޔުމުން ޖަވާބުދިނުމާއި، ޢަމަލީގޮތުން ޓެސްޓްކުރުން ހިމެނެއެވެ.
              މެޝަމަންޓަކީ ކަނޑައެޅިފައިވާ ވަކިގޮތަކަށް، ދަރިވަރުންނަށް ދެވޭ ޓެސްޓުގެ ނަތީޖާއަށް ނަމްބަރު ދިނުމެވެ. މިސާލަކަށް: މަޒުމޫގެ ވަކިބަޔަކަށް މާކުސްދިނުން ނުވަތަ ރަނގަޅު ޖަވާބުގެ ޢަދަދު ގުނުން ފަދަ ކަންތައްތަކެވެ. މެޝަމެންޓް މިބަސް ސިފަކުރެވޭނީ ހަމައެކަނި ހިސާބުގެ ޢަދަދަކުން ނުވަތަ ކުއަންޓިޓޭޓިވް ކޮށެވެ. މީގެ މާނައަކީ މެޝަމެންޓްގެ ނަތީޖާ އަބަދުވެސް ބުނަމުންދާނީ ނަމްބަރުންނެވެ.
           އާދަމް ޝަރީފް ޢުމަރު ( 1999 ) ގައި ހާމަކުރައްވާ ގޮތުގައި އިމްތިޙާނަކީ ރަސްމީ ސިފައެއް ގެނެސްދޭ އެއްޗެކެވެ. އަދި އިމްތިޙާނުގައި ވަރަށް ގިނަ ޙާލަތްތަކުގައި އެއްފަހަރަށްވުރެ ގިނަފަހަރު ޓެސްޓްކުރެއެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުގެ އުޅުމަށް ހެޔޮބަދަލު ގެނެވެއެވެ. ވުމާއިއެކު ޓެސްޓައި އިމްތިޙާނަކީ ދެ އެއްޗެކެވެ. އެހެންކަމުން އިމްތިޙާނު ވެފައިވަނީ ވަޤުތު ކަނޑައެޅިގެންވާ، ރަސްމީ ސިފައެއް ލިބިފައިވާ އެއްޗެއްގެ ގޮތުގައެވެ.
އިމްތިޙާން ފަރުމާކުރުމުގައި ވިސްނި ކަންތައްތައް
          އާދު ޢަލީ (2015) ގައި ހާމަކުރައްވާގޮތުގައި ދަރިވަރުން ވަޒަންކުރުމާއި، މިންކުރުން، ނުވަތަ ފެންވަރު ބެލުމުގައި އެސެސްމެންޓްގެ ވެލިޑިޓީ އާއި ރިލަޔަބިލިޓީ އަދި ފެއާނެސްއަށް އިސްކަންދޭންޖެހެއެވެ. ދަރިވަރުންނަށް އިމްތިޙާނު ކަރުދާސް ހެދުމުގައި ވަރަށް ގިނަކަންތައްތަކަށް ވިސްނަންޖެހުނެވެ. އެގޮތުން އެންމެ ބޮޑަށް ސަމާލުކަންދިން އެއްކަމަކީ، މުޤައްރަރުގައިވާ ބައިތަކުގެ މަޤްޞަދުތައް ޙާޞިލްވީ މިންވަރެއް ބެލުމެވެ. އެގޮތުން ސުވާލުކަރުދާސް ހެދުމުގައި ބަލައިފައިވާނީ ކިޔަވައިދިނުމުގައި ގިނަވަގުތު ހޭދަކޮށްފައިވާ ބައިތަކަށް ބަލައިގެންނެވެ. އަދި ޓޭބަލް އޮފް ސްޕެސިފިކޭޝަން ތައްޔާރު ކުރިއިރު ސުވާލުތައް ބޮޑަށް ހިމަނާފައިވާނީ ސްކީމްގައި ދަރިވަރުންނަށް ކޮންމެހެން އެގެންޖެހޭ ބައިތަކަށެވެ. މާނައަކީ ދިވެހިބަސް މި މާއްދާގައި ހިމަނަން ޖެހެނީ ވަކިބައިތަކެކެވެ. ބޮޑަށް ސަމާލުކަންދީފައިވާނީ އެ  ބައިތަކަށެވެ. އަދި މަސައްކަތުގެ ކުޑަ ބޮޑުމިނަށްބަލައި މަކުސް ދިނުމުގައި އިންސާފުވެރި ގޮތްތަކެއް ހިމަނާފައިވާނެއެވެ. މީގެ އިތުރުން ސުވާލު ކަރުދާސް ތައްޔާރު ކުރުމުގައި ތިރީގައި މިވާ ކަންތައްތަކަށް ވަރަށް ރަނގަޅަށް ބަލާލެވިފައި ވާނެއެވެ.
1.    ސުވާލުގެ ފެންވަރު
      ސުވާލުކަރުދާސް ތައްޔާރުކުރުމުގައި އެންމެ ބޮޑަށް ބެލި ކަންތަކުގެ ތެރެއިން އެއްކަމަކީ ސުވާލުކަރުދާހުގައި ތަފާތު ފެންވަރުގެ ސުވާލު ހިމަނަން ޕްލޭން ކުރުމެވެ. އޭގެތެރޭގައި މަތީދަރަޖައިގެ ސުވާލުތަކާއި، މެދުމިނުގެ ސުވާލުތަކާއި، އާދައިގެ ސުވާލުތައް ހިމަނާއިގެން ސުވާލުކަރުދާސް ތައްޔާރު ކުރީމެވެ. ސުވާލުކަރުދާހުގައި ހިމަނާފައިވާނީ ކޮގްނިޓިވް ޑޮމެއިން ތަކާއި އެއްގޮތްވާ ގޮތަށެވެ. މި ގޮތުން ބުލޫމު ޓެކްސޮނަމީގެ މަޢުލޫމާތު ހައިރާކީއަށް ވަރަށް ބޮޑަށް ބަލާފައިވާނެއެވެ. ސުވާލުތައް ބަހާލެވިފައިވާނީ މަޢުލޫމާތު، ދޭހަ، ބޭނުންކުރުން،ދިރާސާކުރުން، އުފެއްދުން، އަދި ވަޒަންކުރުމުގެ މައްޗަށެވެ.
2.    ސުވާލުތަކަށް މާކުސްދީފައިވާނެ ގޮތްތައް
                  ސުވާލުތަކަށް މާކުސްދީފައިވާނީ ސުވާލުގެ ފެންވަރަށް ބަލައިގެންނެވެ. ސުވާލުތަކުގެ ފެންވަރަށްބަލާފައިވާނީ ބްލޫމު ޓެކްސޮނަމީގެ މިންގަޑު ތަކުންނެވެ. އެއީ މަތީދަރަޖައިގެ ސުވާލުތަކަށް ނިސްބަތުން ގިނައިން މާކުސް ލިބޭގޮތަށެވެ. ދެން އެއާއި ޖެހިގެން މެދުމުނުގެ ސުވާލުތަކަށެވެ. އެންމެ މަދުން މާކުސް ލިބޭގޮތަށް ހުންނާނީ އެންމެ އާދައިގެ ސުވާލުތަކަށެވެ. އަދި ހަމައެއާއެކު ދަރަޖައިގެ ގޮތުން އެއްފެންވަރެއްގެ ސުވާލުތަކަށް މާކުސް ދީފައިވާނީ ނިންބަތުން އެއްވަރަކަށެވެ. މިކަން ރަނގަޅަށް ފާހަގަވެގެންދާނީ ޓޭބަލް އޮފް ސްޕެސިފިކޭޝަނުންނެވެ.
3.    ވަގުތު
          ސުވާލުކަރުދާސް ތައްޔާރު ކުރުމުގައި ވިސްނަންޖެހުނު އެއްކަމަކީ ސުވާލުކަރުދާހުގެ ވަގުތަށެވެ. މިޓާރމުގައި ކިޔަވައިދެނު ބައިތަކަށްބަލައި، ޓޭބަލް އޮފް ސްޕެސިފިކޭޝަންގައި ހިމަނާފައިވާނީ ބޮޑެތި އުފެއްދުންތެރި މަސައްކަތްތަކަށް ގިނަވަގުތު ހޭދަކުރަންޖެހޭ ގޮތަށެވެ. އެގޮތުން ސުވާލުގެ ނިސްބަތުން ޕޭޕަރު 1 ށް ވަގުތު ގިނައިން ދެވިފައިވާނެއެވެ. ސަބަބަކީ ޕޭޕަރު 1 ގައި ގިނަލިޔުން ހިމެނިފައިވާނެތީއެވެ. އެހެންކަމުން ޕޭޕަރު 1 އަދި ޕޭޕަރު 2 ށް އެކަށީގެންވާ ވަގުތު ދެވިފައިވާނެއެވެ.
4.    ބަސްކޮށާރު
           ސުވާލުތައް އުފެއްދުމުގައި ބަސްކޮށާރު ހިމަނާފައިވާނީ ދަރިވަރުންގެ ފެންވަރާއި ކިޔަވައިދިން ބައިތަކާއި ގުޅޭ ގޮތަށެވެ. ދަރިވަރުންނަށް ފަސޭހައިން ދޭހަވާގޮތަށެވެ. ވަރަށް ސާދާ ޢިބާރާތުންނެވެ. ދަރިވަރުންނަށް މާނަނޭނގޭފަދަ ބޮޑެތި ބަސްތައް ހުރުމުން ދަރިވަރުންނަށް ދޭހަނުވާނެތީ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެވިފައިވާނެއެވެ. އަދި ސުވާލުތަކުގެ ޢިބާރާތްތައްވެސް ފަސޭހައިން ދޭހަވާގޮތަށް ޢިބާރާތް ކުރުމަށް މަސައްކަތް ކުރީމެވެ. އެހެންކަމުން ޖުމުލަ ގޮތެއްގައި ހިމަނާލެވިފައިވާ ސުވާލުތަކާމެދު ހިތްހަމަ ޖެހޭކަން ފާހަގަކުރަމެވެ.
5.    ސުވާލުތަކުގެ ޢަދަދު
          އަޅުގަނޑު ޤަބޫލުކުރާގޮތުގައި ސުވާލުކަރުދާހުގައި ގިނަ ސުވާލު ހިމެނުމުން ގިނަބައިތަކެއް ވަޒަންކުރަން ފަސޭހަވާނެއެވެ. އެގޮތުގެ މަތީން އަޅުގަނޑު ވާނީ މި ސުވާލުކަރުދާހުގައި ގިނަ ސުވާލުތަކެއް ހިމަނާފައެވެ. އަދި މިކަމުގެ ސަބަބުން ގިނަ ބައިތަކެއް ސުވާލުކަރުދާހުގައި ހިމެނިފައިވާކަން އުފަލާއެކު ފާހަގަކުރަމެވެ. އަދި އަޅުގަނޑު ދެކޭގޮތުގައި ދަރިވަރުންނަށް ޖަވާބުދެވޭވަރަށް ގިނަބައިތަކެއް ވަޒަންކުރެވޭގޮތަށް ސުވާލު ހިމަނާފައިވާނަމަ ސުވާލުކަރުދާހުގެ ފެންވަރު ރަނގަޅުކަމަށް ބެލެވެއެވެ.
6.    ޓެސްޓްއައިޓަމްތަކުގެ ވައްތަރުތައް  
          ތައްޔާރުކުރައްވާ ސުވާލުކަރުދާހުގައި ގިނަވައްތަރުތަކުގެ ޓެސްޓްއައިޓަމްތައް ހިމަނާފައި ހުރުމަކީ ސުވާލުކަރުދާހުގެ ފެންވަރު ރަނގަޅުވާނެކަމަށް އަޅުގަނޑު ދެކެމެވެ. އެގޮތުގެ މަތީން މިކަރުދާހުގައި ތަފާތުލެވެލްގެ ތަފާތު އައިޓަމްތައް ހިމެނިފައިވާނެއެވެ. ހަމައެކަނި މަޒުމޫނު ވައްތަރުގެ ސުވާލުތައް ހިމެނުމުގެ ބަދަލުގައި ކުރުޖަވާބު ދެވޭ ސުވާލު ނުވަތަ ސުވާލު ދޭހަވެގެން ލިޔާ ކުރު ޖަވާބުފަދަ ބައިތައް ހިމެނުމަކީ ދަރިވަރުން ފެންވަރު ވަޒަންކުރުމުގެ މުހިއްމު ބައެއްކަމުގައި ދެކެމެވެ.
7.    ސާފުތާހިރުކަމާއި ލޭއައުޓް
       ދަރިވަރުންނަށް ތައްޔާރުކުރާ ސުވާލުކަރުދާހުގެ އަކުރުތައް ހުންނަންވާނީ ކުދިންނާއިގުޅޭ ސައިޒަށެވެ. އަދި އަކުރުތަކާއި ބަސްތައް ހުންނަންވާނީ ކުދިންނަށް ފަސޭހައިން ދޭހަވާ ޢިބާރާތުންނެވެ. އެއްސުވާލާއި އަނެއްސުވާލު އޮޅުންނާރާ ގޮތަށެވެ. ހަމައެފަދައިން ސުވާލުގެ ޖަވާބު ލިޔުމަށް އެކަށީގެންވާ ޖާގަ ބެހެއްޓުމަކީ މުހިއްމުކަމެއްކަމުގައި ދެކެމެވެ. އަދި ސާފުކޮށް ފެންނަގޮތަށް ސުވާލުތަކުގެ ނަމްބަރު ތަރުތީބުވުމަކީވެސް ދަރިވަރުންނަށް ފަސޭހަވެގެންދާނެ މުހިއްމު ކަމެއްކަމުގައި ދެކެމެވެ. މީގެ އިތުރުން ކޮންމެ ސުވާލެއްވެސް ފަސޭހައިން އެނގޭނޭފަދަ ގޮތަކަށް ފަރުމާކުރުމުން ސުވާލުކަރުދާހުގެ ފެންވަރާއި، ރީތިކަމާއި، ސާފުކަން ހާމަވެ ފެންނަން އޮންނާނެއެވެ. މި ފާހަގަކުރި ކަންތައްތައްކަށް ބޮޑަށް ސަމާލުކަން ދީގެން ސުވާލުކަރުދާސް އަޅުގަނޑު ތައްޔާރު ކުރީމެވެ.
        ދަރިވަރުންނަށް ސުވާލުކަރުދާސް ތައްޔާރުކުރުމުގައި ބުލޫމުސް ޓެކްސޮނަމީގެ ޑޮމެއިންތަކަށް ފައްތައިގެން ސުވާލުތައް ތައްޔާރުކުރުމަކީ ދަރިވަރުންނަށް ވަރަށް ފައިދާ ކުރަނިވި ގޮތެކެވެ. އެއީ އެ ޑޮމެއިންތަކުން އަސަރު ކުރުވަނީ ދަރިވަރުންގެ އިހްސާސްތަކާއެވެ. އެންމެ ކުޑައިންފެޑިގެން މަސައްކަތްތައް ބޮޑުވާ ގޮތަށެވެ. އައިޝަތު މުހުދާ ( 2019 ) ހާމަކުރައްވާ ގޮތުގައި ޑިޒައިން ކުރާއިރު ލަނޑުދަނޑިތައް ސާފުކޮށް އެނގޭގޮތަށް ފަރުމާކުރުން، އެސެސްކުރަން ބޭނުންވާ މަޤްޞަދާއި ޙާލަތު، އައުޓްކަމްސްއާއި ރަނގަޅަށް ދިމާވުން، ކުދިންގެ ކިބާގައިވާ ސިފަތަކާއި ދިމާވާގޮތަށް ތައްޔާރުކުރުން، އެސެސްމަންޓްގައިހުރި މަޢުލޫމާތަކީ މާނަހުރި، އެއަށް ބަރޯސާވެވޭ މަޢުލޫމާތަށްވުން، ފީޑްބެކް އަވަހަށް ދަރިވަރުންނަށް ދެވުން، ދަސްކުރުމަށް އުނދަގޫވާބައި އެސެސްމަންޓުން ފެނުން އަދި ކަނޑައެޅިފައިވާ ލަނޑުދަނޑިތަކާއި، ކިޔަވައިދެވިފައިވާ ގޮތާއި، ކިޔަވައިދިނުމަށް ބޭނުންކުރެވިފައިވާ ތަކެތި އެޙާލަތަކަށް އެންމެ ކަމުދިޔަތޯ ވަޒަންކުރެވޭނެ މަޢުލޫމާތު ހިމެނުންފާހަގަ ކުރެވެއެވެ.
8.    ވެލިޑިޓީ
        އިމްތިޙާނުގެ ވެލިޑިޓީއަކީ އިމްތިޙާނުން ހޯދަންބޭނުންވާ ނަތީޖާގެ ޞައްޙަކަން ކަށަވަރު ކުރުމެވެ. އެހެންކަމުން ވަޒަންކުރަން ބޭނުންކުރަނީ ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެންމެ އެކަށޭނަ ބޭނުންތެރި ގޮތަށްތޯއާއި އަދި އެގޮތުން އެއްކުރެވުނު މަޢުލޫމަތަކީ ޞައްޙަ މަޢުލޫމާތެއްތޯ ބެލުމަކީ ވެލިޑިޓީގެ އެއް އަސާސެވެ. އެހެންކަމުން އިމްތިޙާނުގެ ވެލިޑިޓީ ކަށްވަރު ކުރުމަށްޓަކައި ކިޔަވައިދެވުނު ބައިތަކަކީ ކޮބައިކަން ދެނެގަނެ ކުދިންނަށް އެނގިފައިވާ އެއްޗެއް ނުވަތަ މައްސަލަ ހައްލުކުރުމުގެ ޤާބިލްކަން ހުރީ ކިހާވަރަކަށްކަންދެނެގަނެ އެސެސްކުރާބައިތަކުން ތަފާތު ފެންވަރުގެ ތަފާތު ވައްތަރުގެ ސުވާލު ކުރުމާއި ވަގުތާއި ކުދިންގެ ޙާލަތާއި ތަނަށް ރިޢާޔަތްކުރުމަކީ އިމްތިޙަނުގެ ވެލިޑިޓީ ނުވަތަ ޞައްޙަކަން އިތުރުކުރުމަށް ވިނުންބަހައްޓަންޖެހޭނެކަންކަމެވެ.
9.    ރިޔަލަބިލިޓީ
        ރިޔަލަބިލިޓީއަކީ އިމްތިޙާނު ކުރެވޭގޮތުގެ އިތުބާރެވެ. ނުވަތަ އިމްތިޙާނު ކުރެވޭގޮތުގެ މައްޗަށް ވެވޭ ބަރޯސާއެވެ. އެގޮތުން އެތައްފަހަރަކު އެއް އިމްތިޙާނެއް ދިނުމުންވެސް އެއް ނަތީޖާއެއް ނުކުންނަނަމަ އެ އިމްތިޙާނުގެ އާލާތަކީ އިމްތިޙަނުގެ އިތުބާރު ހިފޭ އެސެސިންގެ ޓޫލެކެވެ. އެހެންނޫންނަމަ އެނުކުތް ނަތީޖާއަކީ ވެލިޑިޓީ ވަރަށްދަށް ބަރޯސާ ނުވެވޭ ނަތީޖާއަކަށް ވެގެން ހިގައިދާނެއެވެ.
10.ފެއާނެސް
              އިމްތިޙާނުކުރުމުގައި ފެއާނެސް ނެތްނަމަ އެ އިމްތިޙާނެއްގެ ވެލިޑިޓީ އަދި ރިލަޔަބިލިޓީއަށް އަސަރު ފާރާނެއެވެ. އެހެންކަމުން އިމްތިޙާނު ކުރުމުގައި ފެއާނެސް ނުވަތަ ހުރިހާދަރިވަރުންނަށް ހަމަހަމ އުޞޫލަކުން އިމްތިޙާނު ކުރެވޭގޮތެއް ނުވަތަ ގޮތްތަކެއް ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ކުދިންގެ ޖިންސް، ދީން، ކަލްޗަރ، ނުވަތަ ނިސްބަތްވާ ގްރޫޕްގެ ސަބަބުންނާއި، ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން އެ ދަރިވަރުގެ ނަތީޖާއަށް އަސަރު ފޯރައިގެން ނުވާނެ ގޮތަކަށް އެސެސްކުރުންތައް ބައްޓަން ކުރުމަކީ މުހިއްމު ކަމެކެވެ.    
އިމްތިޙާން ޕޭޕަރެއްގެ އިތުރުންވެސް ދަރިވަރުންގެ އުނގެނުމާއި ހުނަރު ވަޒަންކުރުމަށް ކުރެވިދާނެ އެހެނިހެން ކަންކަން
            ހައްވާ ސިމާނާ ( 2015 ) ގައި ހާމަކުރައްވާ ގޮތުގައި ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދިނުމުގައި ކޮންމެ މާއްދާއަކުންވެސް ގިނަ ޓެސްޓްތަކެއް ނަގައެވެ. ނުވަތަ ގިނަ ޓެސްޓްތަކެއް ހަދަން ޖެހެއެވެ. ދަރިވަރުންގެ ފެންވަރު ވަޒަންކުރުން ގުޅިފައިވަނީ ޓެސްޓްތަކާއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރަށް ބަރޯސާ ކޮށްގެން އުނގެނުމާއި، މުދައްރިސަށް ބަރޯސާވެގެން އުންގެނުމުގެ އެންމެބޮޑު ތަފާތެއް ފެނިގެންދަނީ ވަޒަންކުރުމުގެ ތެރެއިންނެވެ.
1.    ރޯލްޕްލޭ
           އިބްރާހިމް ހަފީޒް ( 2019 ) ގައި ލިޔުއްވާފައިވާގޮތުގައި ކިޔަވަމުންދާ ދަރިވަރުން އެސެސް ކުރެވޭނީ ހަމައެކަނި އިމްތިޙާނު ކަރުދާހެއް ދީގެންނޫނެވެ. އިމްތިޙަނު ކަރުދާސް ނުދީވެސް ދަރިވަރުންނަށް ޙާޞިލްވެފައިވާ ބައިތައް ދެނެގަނެވޭނެ ގޮތްތައް ހުރެއެވެ. އެގޮތުން ރޯލްޕްލޭއަކީ ފާހަގަކޮށްލެވޭ މުހިއްމު ޙަރަކާތެކެވެ. ފިލާވަޅުތައް ނިންމާލުމަށްފަހު ދަރިވަރުންލައްވާ ރޯލްޕްލޭ ކުޅުވުމުން ދަރިވަރުންނަށް އެ ފިލާވަޅަކާއި ގުޅޭގޮތުން ލިބެންޖެހޭ މަޢުލޫމާތު ދަރިވަރުންނަށް ލިބިފައިވާ މިންވަރު މުދައްރިސަށް ވަރަށް ފަސޭހައިން ވަޒަންކުރެވޭނެއެވެ.
2.    ފީލްޓްރިޕް
           ދަރިވަރުންގެ ކަންކަން ދެނެގަތުމަށްޓަކައި ފީލްޓްރިޕް ފަދަ ހަރަކާތްތަކަކީ ދަރިވަރުންގެ ވަރަށްގިނަ ކަންތައްތައް އެސެސްކުރެވޭނެ ކަމެކެވެ. ދަރިވަރުންގެ ޙަރަކާތްތެރިވާ ގޮތްތަކުން، ކުރެވޭ މުޢާމަލާތްތަކުން، އަދި ދަރިވަރުންގެ މެދުގައިވާ އިޖުތިމާޢީ ގުޅުންތަކުންވެސް ކުދިން އެސެސް ކުރެވިގެން ދާނެއެވެ. ގެންނަންޖެހޭ ބަދަލުތައް ފާހަގަވާނެއެވެ. މިފަދަ ކަންކަމުން ކުދިންގެ މެދުގައިވާ ގުޅުންތަކާއި، މަސައްކަތުގެ އަޚުލާޤާއި، އަދި ކުދިންގެ މެދުގައި އުފެދޭ ކުލުނާއި ލޯބި އިތުރުވެގެންވެސް ދެއެވެ. އެހެންކަމުން މިފަދަ ކަންކަމުން ކުއްޖާ ވަރަށް ފަސޭހައިން ވަޒަންކޮށްލެވެއެވެ.
3.    ޗެކްލިސްޓް
               ކުދިންގެ ފެންވަރު ވަޒަންކުރުމަށް ވަރަށް މުހިއްމު އެއްޗެއްގެ ގޮތުގައި ޗެކްލިސްޓް ބޭނުންކޮށް އުޅެއެވެ. ތަފާތު ދުވަސްތަކަށް ބަހާލައިގެން އެކިދުވަސްމަތިން ކުއްޖާ އޮބްޒާބްކުރުން ނުވަތަ ވަކި ކަންތައްތަކެއް ބެލުން ހިމެނެއެވެ. ކުއްޖާއަށް އަންނަ ކުރިއެރުންތައް ނުވަތަ ގެންނަންވާ ބަދަލުތައް މިފަދަ އޮބްޒަވޭޝަންތަކުން ފެނިގެންދެއެވެ. އަދި ރެކޯޑްތައް ރަނގަޅަށް ފެނިގެންދެއެވެ. އެހެންކަމުން ޗެކުލިސްތަކީ ފެންވަރު ވަޒަންކުރުމުގައި ބޭނުންކުރަން ވަރަށް މުހިއްމު އެއްޗެއްކަމުގައި ފާހަގަކުރެވެއެވެ.
4.    ރަނިންގ ރިކޯރޑް
           ރަނިންގ ރިކޯރޑަކީވެސް ކުއްޖާގެ ފެންވަރު ވަޒަން ކުރުމަށް ވަރަށް މުހިއްމު ބައެއް އަދާކުރާ އެއްޗެކެވެ. ކުއްޖާއަށް އަންނަ ކުރިއެރުންތައް ވަރަށް ރަނގަޅަށް އަންގައިދެއެވެ. ހަމައެއާއެކު މުދައްރިސުންވެސް ވަރަށް ރަނގަޅަށް ސަމާލުވާންޖެހޭ ކަމެކެވެ. ކުދިންނަށް އަންނަ ބަދަލުތައް ރިކޯރޑްކޮށް ބަލަހައްޓައި، ދުވަހުންދުވަހަށް ފީޑްބެކު ދިނުމަކީ ވަރަށް މުހިއްމު ބައެއްކަމުގައި ދެކެމެވެ.
5.    ޓައިމް ސާމްޕްލިންގ
              ޓައިމް ސާމްޕަލްއަކީ ކުއްޖާ ދެނެގަތުމަށްޓަކައި ވަރަށް މުހިއްމުބައެއް ނުވަތަ ކަންތައްތަކެއް އަންގައިދޭ ވަޞީލަތެކެވެ. ކުއްޖާ އެކި ވަގުތުތަކުގައި ކުރަމުންއަންނަ ކަންތައްތައް ވަރަށް ރަނގަޅަށް ފެނިގެންދެއެވެ. ކުއްޖާގެ މިޒާޖާއި، ހުނަރުވެރިކަން، ކަންކަމުގެ ޤާބިލްކަން އަންގައިދޭ ރެކޯރޑަކީ ޓައިމް ސާމްޕްލިންގގެ ރިކޯރޑުންނެވެ. އަދި ޓީޗަރުގެ ފީޑްބެކު އަވަހަށް ލިބުމުން ކުއްޖާއަށް ގެންނަންޖެހޭ ބަދަލުތައް އަވަސްކަމާއެކު ފިޔަވަޅު އެޅޭކަން ފާހަގަކުރެވެއެވެ.
6.    އިންޓަރވިއު
             ދަރިވަރުންނަށް އިންޓަރވިއު ކުރުމަށް ފުރުޞަތު ދިނުމަކީވެސް ކުއްޖާގެ ހުނަރުވެރިކަން ދައްކުވައިދޭ މުހިއްމު ބައެކެވެ. ކުއްޖާގެ ލީޑަރޝިޕްގެ މުހިއްމު ހުނަރުތައް ދައްކުވައިދެނީ ވާހަކަދެއްކުމުގެ ފުރުޞަތު ދަރިވަރުންނަށް ދެވިގެންނެވެ. ކެރުންތެރިކަމާއި،އިސްނެގުން، އަދި ޖެހިލުންނުވެ ކަންކަމުގައި ބައިވެރިވުމަށް ކުރިމަތިލަނީ ކުޑައިރުއްސުރެ، ފެށިގެން މިފަދަ ގޮތްތައް ދަރިވަރުންނަށް ކަންކަން ފަހިކޮށްދިނުމުންނެވެ. އޭރުން ކުއްޖާ ކުރާކަންތައްތަކުން ކުއްޖާގެ ފެންވަރު ރަނގަޅަށް ވަޒަންކުރެވިގެންދާނެއެވެ.
7.    ގްރޫޕް މަސައްކަތްތައް އަދި ޕްރޮޖެކްޓް މަސައްކަތްތައް
             ކްލާސްރޫމުގެ ބޭރުން ގްރޫޕްތަކުގެ މެދުގައި ކަންކަން ކުރުމަށް ދަރިވަރުންނަށް ހަވާލުކުރެވެއެވެ. އެގޮތުން ގްރޫޕް މަސައްކަތްތަކާއި، ޕްރޮޖެކްޓް މަސައްކަތްތަކަކީ ކުދިންގެ ހުނަރުވެރިކަމާއި، މަޢުލޫމާތު މުއްސަނދިވުމާއި، ދަރިވަރުންގެ ޤާބިލްކަމާއި، ކެރުންތެރިންކަން އިތުރުވެގެންދާ ކަމެކެވެ. ކުދިންގެ ފަރާތުން ފެންނަ ރަނގަޅު ކަންތައްތައް ދަރިވަރުންނަށް ފެނިގެން އެހެންކުދިންވެސް އެކަމަށް އަހުލުވެރިވެ، ބައިވެރިވުން އިތުރުވެގެންދެއެވެ. ތަފާތު ހުނަރުތައް އަށަގަންނަމުން، ކުރިއެރުން ލިއްބައިދެނީ މިފަދަ މަސައްކަތްތައް ދަރިވަރުންނަށް ފަހިކޮށްދިނުމުންނެވެ. މިފަދަ މަސައްކަތްތަކުގައިވެސް މުދައްރިސްގެ ރޯލް ވަރަށް ބޮޑުވާންޖެހެއެވެ. އޭރުންކުދިންގެ ފެންވަރު ވަޒަންކުރުމަށް ފަސޭހަވެގެންދާނެއެވެ. މުޙައްމަދު ފަޔާޒު ( 2015 ) ގައި ހާމަކުރައްވާފައިވަނީ ގްރޫޕްގައި މަސައްކަތްކުރާއިރުތިމާގެ އަމިއްލަ މަސައްކަތްތައް ނިންމަން އެދޭފަދައިން އެހެންކުދިންގެ މަސައްކަތްތައް ނިންމުމަށް އެހީތެރިވެދީ އެޒިންމާ ނަގަން ދަރިވަރުންނަށް ދަސްވާނެއެވެ.
ނިންމުން:
              މި އެސައިމަންޓްގައި ކުރެވުނު މަސައްކަތްތަކުން އިމްތިޙާން ފަރުމާކުރުމުގައި ވިސްނަންޖެހޭ މުހިއްމު ކަންތައްތައް ވަރަށް ރަނގަޅަށް އެނގިގެން ހިގައްޖެއެވެ. ކުރިން ޓޭބަލް އޮފް ސްޕެސިފިކޭޝަން ހެދުމަކީ ވަރަށް މުހިއްމު ކަމެއްކަން އެނގިއްޖެއެވެ. އަދި ސުވާލުތައް ތައްޔާރު ކުރުމުގައި ބުލޫމުސް ޓެކްސޮނަމީގެ ޑޮމެއިންސްތަކަށް ފައްތާގެން އިމްތިޙާނުކަރުދާސް ފަރުމާކުރުމަކީ ތަފާތު ފެންވަރުގެ ސުވާލުތައް ސުވާލު ކަރުދާހުގައި ހިމެނޭކަމެކެވެ. އަދި ކިޔަވައިދެއްވި ހުރިހާ ބައިތަކަށް ސުވާލުތައް އަމާޒު ކުރެވޭ ކަމެއްކަންވެސް އެގިއްޖެއެވެ.
             ދަރިވަރުންގެ މުސްތަޤުލަށްޓަކައި ކިޔަވައިދިނުމުގެ ޒިންމާ ނަންގަވާ ފަރާތްތަކުން ކުރައްވަންޖެހޭ ގިނަ ކަންތައްތަކެއް އަޅުގަނޑަށް އެނގިގެން ހިގައްޖެއެވެ. އެހެންކަމުން އަޅުގަނޑު ދެކޭގޮތުގައި މިއެސައިމަންޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް ކުރުމުގައި މުދައްރިސުން ވަރަށްބޮޑަށް ވިސްނަންޖެހެއެވެ. މުދައްރިސުންނަކީ ދަރިވަރުންނަށް އުނގަންނައިދޭ ތިއްބެވި ބަޔަކަށްވާއިރު މި އެސައިމެންޓްގައި ފާހަގަކޮށްފައިވާ ދަރިވަރުން ފެންވަރު ވަޒަންކުރުމަކީ މުދައްރިސުން ކޮންމެހެންވެސް ކުރައްވަން ޖެހިލައްވާ ކަންތައްތަކެކެވެ. ދަރިވަރުން އުއްމީދުކުރާފަދަ ކާމިޔާބީއެއް ޙާޞިލް ކުރެވޭނީ މުދައްރިސުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންނެވެ. އަޅުގަނޑުގެ އުއްމީދަކީ ހުރިހާ މުދައްރިސުންނަކީ ދަރިވަރުން ފެންވަރު ވަޒަންކުރުމުގެ އެންމެހާ ކަންތައްތަކަށް ވިސްނައިގެން އުނގަނައިދިނުން ކުރިއަށްގެންދަވާ ހީވާގި މުދައްރިސުންނަށްވުމެވެ. އެފަދަ މުދައްރިސުންކުރައްވާ ބުރަ މަސައްކަތްޕުޅަށް ކާމިޔާބީއަށް އެދެމެވެ.
ރިފަރެންސް:
އާދަމްޝަރީފް ޢުމަރު. (1999). ފެންވަރު ވަޒަންކުރުން. ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު. މާލެ: ދިވެހިރާއްޖެ.
އައިޝަތު މުހުދާ. (2019). މެޝަމަންޓް އެންޑް އިވެލުއޭޝަން އިން އެޑިއުކޭޝަން. ] ލެކްޗަރ ނޯޓްސް [،މާލެ: ވިލާކޮލެޖް.

އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކުރުމުގެ މުހިއްމުކަން



އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކުރުމުގެ މުހިއްމުކަން
ޢަބުދުލް ޣަފޫރު އިސްމާޢީލް، ދޫރެސް / ރ. މީދޫ
ތަޢާރަފް        
                 މި އެސައިމަންޓަކީ ވިލާކޮލެޖުގެ ފެކެލްޓީ އޮފް އެޑިއުކޭޝަން ސްޓަޑީޒުން ކުރިއަށްގެންދާ ޕޯސްޓް ގްރެޖްއޭޓް ޑިޕްލޮމާއިން ޓީޗިންގ ކޯހުގެ ޖެނުއަރީ ސެމިސްޓަރ 2020 ގައި ކިޔަވައިދޭ އިންފޮމޭޝަން ޓެކްނޮލޮޖީ އިން އެޑިއުކޭޝަން މޮޑިއުލްގެ ދަށުން ހަދާފައިވާ އެސައިމަންޓެކެވެ.
                މިއެސައިމަންޓްގެ މައިގަންޑު މަޤްޞަދަކީ އުނގެނުމާއި، އުނގަނައިދިނުމުގައި އިންފޮމޭޝަން ކޮމިޔުނިކޭޝަންސް ޓެކްނޮލޮޖީ  ބޭނުން ކުރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރާނޭ ގޮތުގެ މަޢުލޫމާތު ހިމެނޭ ގޮތުގެ މަތީން ތައްޔާރު ކުރަންޖެހޭ އެސައިމަންޓެކެވެ. މި އެސައިމަންޓްގައި ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އައި.ސީ.ޓީ ބޭނުންކުރުމަށް ހުރި ތަފާތު ވައްތަރުގެ ދަތިތަކާއި، އެ ދަތިތައް ދިމާވާ ސަބަބުތަކާއި، އަދި އެ ދަތިތައް ހައްލުކުރުމަށް ތަފާތު ފެންވަރުގައި ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ޙިއްސާ ކުރެވިފައި ވާނެއެވެ. އަދި މީގެ އިތުރުން އައި.ސީ.ޓީ ބޭނުންކުރުމުން ލިބިދާނެ ފައިދާތަކާއި ގެއްލުންތައްވެސް ހިމެނިފައިވާނެއެވެ. އެހެންކަމުން މި ދިރާސީ މަޒުމޫނު ލިޔުމަށްޓަކައި ތަފާތު ވެބްސައިޓްތަކުންނާއި، ތަފާތު ނޫސް މަޖައްލާތަކައި، ތަފާތު ފޮތްފޮތުން މަޢުލޫމާތު އެއްކުރެވިފައިވާނެއެވެ. އަދި އަޅުގަނޑު މަސައްކަތްކުރާ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އައި.ސީ.ޓީގެ ވަޞީލަތްތަކާއި، ދިމާވާގޮންޖެހުންތަކުގެ މައްޗަށް ބަލާ، ދިރާސާކުރެވިފައިވާނެއެވެ.
               ދުނިޔޭގެ އެކިއެކި ޤައުމުތައް ތަރައްޤީވެ، ކުރިއަރާދަނީ ޓެކްނޮލޮޖީގެ ސަބަބުންނެވެ. މި ޒަމާނުގައި ކޮންމެ މީހަކުވެސް އެކިއެކި ގޮތްގޮތަށް އެކިއެކި ސިފަސިފާގައި ޓެކްނޮލޮޖީ ބޭނުންކުރެއެވެ. އެހެންކަމުން އިންފޮމޭޝަން ޓެކްނޮލޮޖީއަކީ ކޮބައިކަން އެނގި އޭގެބޭނުން ހެޔޮގޮތުގައި ހިފުމަކީ މުހިއްމު ކަމެއްކަމުގައި ދެކެމެވެ. އިންފޮމޭޝަން ޓެކްނޮލޮޖީ އަކީ ކޮމްޕިއުޓަރު ( ޑެސްކްޓޮޕް، ކޮމްޕިއުޓަރ، ލެޕްޓޮޕް، ޓެބްލެޓް....... ) ނެޓްވޯކިންގ، ހާޑްވެއަރ، އަދި ސޮފްޓްވެއަރ، ފަދަ ވަޞީލަތްތަކުގެ އެހީގައި އިލެކްޓްރޯނިކް ޑޭޓާ އުފެއްދުމާއި، ޕްރޮސެސްކުރުމާއި، ރައްކާކުރުމާއި، އަދި ޝެއަރ ކުރުން ނުވަތަ މި ޕްރޮސެސްއަށް ކިޔާނަމެކެވެ.
               ޢަބުދުލް މުޢީދު ޙަސަން (2009 ) ހާމަކުރައްވާ ގޮތުގައި ޓެކްނޮލޮޖިގެ ދާއިރާއިން ޚިޔާލާއި ތަޖުރިބާ ހުށައެޅުމަކީ އެއިން އެހެން ބޭފުޅުންނަށް އިތުރުފައިދާ ޙާޞިލް ކުރެވޭނެކަމެކެވެ. އިންފޮމޭޝަން ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމަށާއި، ވިޔަފާރީގެ ދާއިރާއާއި، އަދި އިޖުތިމާޢީ މުޢާމަލާތްތައް ކުރާގޮތަކަށް ބަދަލު އަންނަމުންދާއިރު، އިންފޮމޭޝަން ޓެކްނޮލޮޖީއަށްވެސް ހަލުވިކަމާއެކު ބަދަލުތައް އަންނަމުންދެއެވެ. މި ގޮތުން މިއާގުޅޭ އައު ޓެކްނޮލޮޖީތައް އުފަންވެ، ކުރިއަށްވުރެ ފެންވަރު ރަނގަޅު ގޮތެއްގައި މި ޓެކްނޮލޮޖީތަކުގެ ބޭނުން ހިފެމުންދެއެވެ. މިގޮތުން މަލްޓިމީޑިއާގައި ހިމެނެނީ ކުރިންވެސް ފާހަގަ ކުރެވުނު ފަދައިން މީޑިއާގެ ވަޞީލަތްތަކުގެ ގޮތުގައި ހިމެނޭ މައިގަނޑު 5 އެލެމެންޓެވެ. އެއީ ލިޔުމާއި، ތަސްވީލާއި، ކުރެހުމާއި، އޯޑިއޯއާއި، ވީޑިއޯ އަދި އެނިމޭޝަން ފާހަގަ ކޮށްލެވެއެވެ.
މައިގަނޑު
އިންފޮމޭޝަން ކޮމިޔުނިކޭޝަންސް ޓެކްނޮލޮޖީ ބޭނުންކުރުމުގެ ފައިދާތައް
                ނަސްރުﷲ މުސްޠަފާ ( 2018 ) ގައި ލިޔުއްވާފައިވާ ގޮތުގައި ވަރަށްގިނަ ތަޖުރިބާ ކާރުން ބުނާގޮތުން 21 ވަނަ ގަރުނަށް އެންމެ ފައިދާބޮޑީ ޓެބްލެޓް ޕީސީ އެވެ. އިންފޮމޭޝަން ކޮމިޔުނިކޭޝަންސް ޓެކްނޮލޮޖީ އަކީ އެކިއެކި ކަންކަމުގައި މަޢުލޫމާތު، ހުނަރު، އެހީތެރިކަމާއި އެއްބާރުލުން ހޯދައި ދިނުމުގައި އިސްރޯލެއް އަދާކުރާ މޮޅު ވަސީލަތެކެވެ. ފާއިތުވެގެން ދިޔަ ދިހައަހަރު ތެރޭގައި އައި.ސީ.ޓީގެ ސަބަބުން ޓެކްނޮލޮޖީއަށް ވަނީ ވަރަށް ބޮޑަށް ކުރި އަރާގޮސްފައެވެ. ތަފާތު ގިނަ ދާއިރާތަކުގައި އައި.ސީ.ޓީ ބޭނުންކުރެއެވެ. އެގޮތުން ތަޢުލީމީ ދާއިރާއާއި، މުޢާމަލާތް ކުރުމުގެ ދާއިރާ، ވިޔަފާރީގެ ދާއިރާއާއި، ޞިއްޙީ ދާއިރާ، މުނިފޫހި ފިލުވުމުގެ ދާއިރާއާއި، އަދި ޢާއްމުންނަށް ބޭނުންކުރެވޭ ގޮތަށް ޢާއްމު ޝަރަޙައްދު ތަކުގައިވެސް އިންފޮމޭޝަން ކޮމިޔުނިކޭޝަންސް ޓެކްނޮލޮޖީ ބޭނުންކުރެވެއެވެ.
1.      ތަޢުލީމީ ދާއިރާ
               އައި.ސީ.ޓީގެ ސަބަބުން ކުރިއަރާ ގޮސްފައިވާ އެއް ދާއިރާއަކީ ތަޢުލީމީ ދާއިރާއެވެ. ދަރިވަރުންގެ ކިޔެވުމަށް އެހީތެރިވެދޭ އެންމެ ބޮޑު ވަސީލަތަކީ އައި.ސީ.ޓީ އެވެ. އެގޮތުން ދަރިވަރުން ކިޔެވުމަށް ހުންނަ ޝައުޤު އިތުރުކޮށް އެއްދުވަހުން އަނެއްދުވަހަށް ކުރިއަރައިގެ ދެއެވެ. ކުދިންގެ ވިސްނުމާއި، ސިކުނޑި ހުޅުވާލަދީ، ކުއްޖާ ކިޔެވުމުގެ ތެރެއަށް ވައްދާލަދެނީ ޓެކްނޮލޮޖީގެ ސަބަބުންނެވެ. ޕެލްގްރަމް (2003) ހާމަކުރައްވާ ގޮތުގައި ސްކޫލެއްގައި އައި.ސީ.ޓީ އެއް ނެތް ސްކޫލަކީ ކުރިއަރައިގެންދާ ސްކޫލެއްނޫނެވެ. އަދި ޅައުމުރުގައި ކޮމަޕިއުޓަރ ފަދަ އެއްޗިއްސަށް ފަރިތަވުމަކީ މުހިއްމު ކަމެއް ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ. ތަޢުލީމީ ދާއިރާގައި އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކުރެވޭ ބައެއް ކަންތަކުގެ ތެރޭގައި އުނގެނުމާއި، އުނގަނައިދިނުމަށް ލާރނިން މެނޭޖްމަންޓް ސިސްޓަމް ހިމެނެއެވެ. އޭގެތެރޭގައި ހިމެނެނީ މޫޑުލް ، ކެންވަސް، ގޫގުލް ކްލާސްރޫމް ހިމެނެއެވެ` އުނގެނުމާއި ،އުނގަނައިދިނުމަށް ވެބް 2.0 ޓޫލްސްތަކުގެތެރޭގައި ހިމެނެނީ ޔޫޓިއުބު، ޕެޑްލެޓް، ސްޓޯރީ ބާރޑެވެ. މަޢުލޫމާތު މެނޭޖްކޮށް އަދި ރައްކާ ކުރުން ހިމެނެއެވެ. އޭގެތެރޭގައި މި މިސް ހިމެނެއެވެ.
               ޓެކްނޮލޮޖީގެ ކުރިއެރުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށާއި ކުދިންގެ އުޅުމާއި މިޒާޖަށް އައިސްފައިވާ ބަދަލުތަކާއި އެކު މިއަދު އުނގެނުމާއި އުނގެނުމުގެ ވައްޓަފާޅިވެސް މިވަނީ ބަދަލުވެފައެވެ. ކިޔަވައިދިނުމުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް އެކުދިންގެ ކަންކަމާ ފިކުރުކޮށް އަމަލީ ތަޖުރިބާއިން ކަންކަން އުނގެނި ދަސްކުރުމަށް އަދުގެ ތަޢުލީމީ މާހިރުން ބާރުއަޅާ އިސްކަންދެއެވެ. ކޮމްޒާ އަދި ފެގްނާ (2003) ހާމަކުރާގޮތުގައި އައި. ސީ. ޓީ އަކި ދަރިވަރުން ކުރިއެރުމުގެ ބިންގާކަމަށެވެ. ޚާއްޞަކޮށް ކުޑަކުދިންނަށް ކިޔަވައިދެއިރު ކުޅިވަރުގެ ތެރެއިން ކަންކަންދަސްކޮށްދިނުމުން އެކުދިންއުނގެނި ދަސްކުރާ މިންވަރު އިތުރުވެއެވެ. މިފަދަ ތަޢުލީމެއް ފޯރުކޮށްދިނުމަށް އެހީތެރިވެދޭ މައިގަނޑު އެއްޗަކީ ޓެކްނޮލޮޖީއެވެ. ނަސްރުﷲ މުސްޠަފާ ( 2018 ) ގައި ހާމަކުރައވާގޮތުގައި ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ތަޢުލީމުދިނުމުގައި ބޭނުންކުރުމަކީ ވަރަށް ގިނަ ފައިދާތައް ލިބިގެންދާނެ ކަމެކެވެ.    
2.      މުޢާމަލާތް ކުރުމުގެ ދާއިރާ
            އިންސާނުން ދިރިއުޅެމުންދާއިރު މުޢާމަލާތްކުރުމުގެ ދާއިރާގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުން ވަރަށްބޮޑަށް ހިފެއެވެ. މިގޮތުން އިންޓަނެޓް، ފޯނުލައިން ފަދަ ވިއުގަތައް، ބޭނުންކޮށްގެން، ކޮންޕިއުޓަރ، ލެޕްޓޮޕް، ޓެބްލެޓްސް، ސްމާޓް ފޯނު ފަދަ ވަޞީލަތްތަކުގެ އެހީތެރިކަމާއެކު މުޢާމަލާތް ކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ހަމައެފަދައިން ޓެކްނޮލޮޖީގެ ސަބަބުން މުޢާމަލާތްކުރުމުގެ ސްޕީޑް އަވަސްވެ އަދި ފެންވަރު ރަނގަޅުވެއެވެ. މުޢާމަލާތް ކުރުމުގެ ވަޞީލަތްތަކުގެ ތެރޭގައި ޖީ މެއިލް، ހޮޓްމެއިލް ހިމެނެއެވެ. ނަމަވެސް ޢަބުދުއްސައްތާރު ޢަބުދުލް ޙަމީދު (2003) ހާމަކުރައްވާ ގޮތުގައި ކޮންފަރާތަކުންއައި މޭލެއްކަން މުޅިން ގައިމުނުވާ މެއިލްތައް ނުހުޅުވާށެވެ. އަދި ޗެޓްކުރުމާއި އިންސްޓެންޓް މެސޭޖް ޗެޓް ތެރޭގައި ވައިބަރ، ވަޓްސް އެޕް، ސްނެޕް ޗެޓް، ސްކައިޕް ހިމެނެއެވެ. އަދި މީގެއިތުރުން ސޯޝަލް މީޑިއާ ފްލެޓް ފޯމްގެތެރޭގައި ފޭސްބުކް، އިންޓަރގްރާމް، ޓުވިޓަރ ފަދަ ވަޞީލަތްތައް ވަރަށް ޢައްމުވެފައިވާކަން ފާހަގަކުރަމެވެ. މި ވަޞީލަތްތަކުގެސަބަބުން މިހާރިވަނީ ދުރު ގާތް ވެފައެވެ. އަދި ވަގުތު ސަލާމަތްވެ، ގިނަމީހުންތަކެއް ބޭނުންނުކޮށް ބޮޑެތި މަސްރޫޢުތަކާއި، ކުންފުނިތައްވެސް ދަނީ ހިންގަމުންނެވެ.
3.      ވިޔަފާރީގެ ދާއިރާ
           ޓެކްނޮލޮޖީގެ ދާއިރާއިން ވިޔަފާރީގައި އެންމެ މުހިއްމު އެއްކަމަކީ ވިޔަފާރީގެ މަޢުލޫޟާތު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ. މިގޮތަށް ބޭނުންކުރާ މައިގަނޑު ޓޫލަކީ އިޝްތިހާރު ކުރުމެވެ. ކަސްޓަމަރުންގެ ސަމާލުކަން ފަސޭހަކަމާއެކު ހޯދައިގަނއވޭފަދަ ގޮތްގޮތަށް އިޝްތިހާރު ކުރުމުގެ މަގު މިއަދު މިވަނީ ޓެކްނޮލޮޖީގެ އެހީގައި ހުޅުވިފައެވެ. ފޮޓޯ އާއި ގްރެފިކްސް އަދި ވީޑިއޯ އާއި އެނިމޭޝަން ބޭނުންކޮށްގެން އެކިކަހަލަ އިޝްތިހާތުތައް ފަސޭހަކަމާއެކު މިހާރު ހަދާލެވެއެވެ.
            މިއަދު އިންޓަރނެޓަކީ ގިނަބަޔަކު އެއަށް ބަރޯސާވެފައިވާ އެއްޗަކަށްވާއިރު އޮންލައިންކޮށް ޚިދުމަތްތައް ލިބިގަތުމަކީ ގިނަ ބަޔަކު ބޭނުންވާ ގޮތެވެ. ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރިތައްވެސް މިހާރުވަނީ ކުރިއަރާ ގޮސްފައެވެ. ވިޔަފާރިއަށް ވަނީ ޓެކްނޮލޮޖީގެ މަގު ފަހިވެފައެވެ. އީކޮމާސް ތަޢާރަފްވެ ގޭގައި ތިބެގެން އޮންލައިންކޮށް ވިޔަފާރި ކޮށްލެވެއެވެ. ވިޔަފާރިކޮށްލުމަށް ފަސޭހަވާ ބައެއް ވަޞީލްތަތަކަކީ އޮންލައިން ވިޔަފާރި ޕޯޓަލްގެ ތެރޭގައި އެމަޒޯން، އީ.ބޭ، އައި.ބޭ ފަދަ ވަޞީލަތްތައް ފާހަގަކޮށްލެވެއެވެ. މި ކަންތައްތަކަށް މަގުފަހިކޮށްދޭ އެންމެފަސޭހަ ޓެކްނޮލޮޖީއަކީ ވަބްސައިޓްތަކެވެ. ކަސްތަމަރުންގެ ޕްރޮޑަކްޓްތައް ދުނިޔޭގެ އެކި ހިސާބުތަކަށް އޮންލައިންކޮށް ބަލާލެވި ބޭނުންވާ ކުލައެއް ނުވަތަ ޑިޒައިނެއް ނުވަތަ ސައިޒެއް އިޚްތިޔާރު ކުރުމުގެ ފުރުޞަތު މިފަދަ ވެބްސައިތްތަކުގެ އެހީގައި ފޯރުކޮށްދެއެވެ. ހަމައެފަދައިން އޮންލައިންކޮށް ރައްކާތެރިކަމާއެކު އެ ތަކެއްޗަށް ފައިސާ ދައްކާލެވެއެވެ.
4.      ޞިއްޙީ ދާއިރާ
         ދުނިޔެ ތަރައްޤީ ވާވަރަކަށް ޞިއްޙީދާއިރާގެ ޓެކްނޮލޮޖީ ބޭނުންކުރެވޭ މިންވަރު އެއްދުވަހުން އަނެއްދުވަހަށް އަންނަނީ އިތުރުވަމުންނެވެ. މި ގޮތުން ބަލިމީހުންނާއިގުޅޭ ތަފާތު ކަންކަން ބެލެހެއްޓުން، ޚިދުމަތްތައް، ބަލިތަކުގެ މަޢުލޫމާތުހޯދުން، ފަދަ ކަންތައްތައް ފާހަގަކޮށްލެވެއެވެ. އަދި ބަލިމީހުންނާއި ގުޅޭ ރިޕޯޓްތައް އަވަހަށްތައްޔާރުކޮށް ހިއްސާކުރުމާއި، ބައެއްބަލިބަލީގެ ފރުވާއާއި ގުޅޭ ކަންކަން ޓެކްނޮލޮޖީގެ ވަޞީލްތް މެދުވެރިކޮށް ހަމަޖެއްސުންފަދަ ކަންކަމަކީ މިއަދުގެ ޓެކްނޮލޮޖީއަށް އައިސްފައިވާ މުހިއްމު ކުރިއެރުން ތަކެކެވެ.
         ޞީއްޙީދާއިރާއަށް އެންމެބޮޑު އިންގިލާބެއް ގެނެސްދިނީ ތަފާތު ބޭސްތަކާއި ބަލިބަލީގެ މަޢުލޫމާތު މުޅީދުނިޔެ ހިއްސާކުރަން ފެށި ހިސާބުންނެވެ. އަދި ބަލިބައްޔަށް ދެވޭ ޚިދުމަތައް ހާމަކުރަން ފެށި ހިސާބުންނެވެ. މިކަންތަކުގެ ސަބަބުން މީހުންގެ ހޭލުންތެރިކަން އިތުރުވެ މަޢުލޫމާތު މުއްސަނދިވެ، އެކިއެކި ބަލިބައްޔަށް މީހުންގެ ސަމާލުކަން އިތުރުވެ، ބަލީގެ ފަރުވާ ޓެކްނޮލޮޖީގެ އެހީގައި ހޯދަމުންދެއެވެ. އެގޮތުން ޓެލެމެޑިސިންއަކީ މިފަދަ މިސާލެކެވެ. އަދި މީގެ އިތުރުން އިލެކްޓްރޯނިކް އަދި އޮންލައިންކޮށް ހެލްތު ރެކޯޑްސްތައް ހޯދުމަކީ މިއަދު ކުރިއަރާފައިވާ މުހިއްމު ކަންތައްތަކެކެވެ. މީގެ އިތުންވެސް ފާހަގަކޮށްލެވޭ މުހިއްމު ކަމަކީ އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތް މިހާރު ޢައްމުވެފައިވާކަމެވެ. ބަލިމީހާއަށް އުނދަގޫ ނުޖައްސާ ފަރުވާ ލިބެމުންދާ ގޮތްތައް ހަމަޖެހިފާއި ވުމެވެ.
5.      މުނިފޫހި ފިލުވުމުގެ ދާއިރާ
         ޓެކްނޮލޮޖީގެ ސަބަބުން މިހާރު ދުނިޔެއަށް އައިސްފައިވާ އެންމެ ބޮޑު އެއްކުރިއެރުމަކީ މުނިފޫހި ފިލުވުމުގެ ދާއިރާއެވެ. މުނިފޫހި ފިލުވުމުގެ ދާއިރާގައި އުފެދޭ ފިލްމުތަކާއި، ލަވަތައް، އަދި ކާޓޫނުތަކަކީ ޓެކްނޮލޮޖީގެ އެހީގައި އުފެދޭ އުފެއްދުންތަކެވެ. ފިލްމުތަކުގައި ސްޕެޝަލް އިފެކްޓްސް ގެނައުމަށާއި ވީޑިއޯ އެޑިޓް ކުރުމަށް ޓެކްނޮލޮޖީގެ އެކިއެކި ވަޞީލަތްތައް ބޭނުންކުރެއެވެ. އޮންލައިންކޮށް ވީޑިއޯ ހިއްސާކުރެވޭ ސައިތައް ކަމުގައިވާ ޔޫޓިއުބު،ވިމިއޯ ފަދަ ސައިޓްތަކުގެ އެހީގައި އެއްފަހަރާ އެތައްބަޔަކަށް ފެންނަގޮތަށް މިފަދަ ވީޑިއޯތައް ހިއްސާ ކޮށްލެވެއެވެ.
           ދުނިޔެ ކުރިއަރާދާ އެއްރޮނގަކީ މުނިފޫހި ފިލިވުމުގެ ދާއިރާއެވެ. އެގޮތުން ބަލާއިރު ކޮމްޕިއުޓަރ ގޭމުތަކާއި، ވީޑިއޯގޭމުތައް އަދި މިހާރު މޯބައިލް ގޭމުތަކަކީ ކުޑަކުދިންނާއި ޒުވާނުންނަށް ޚާއްޞަކުރެވިފައިވާ ކަންތައްތަކެކެވެ. ހުސްވަގުތު ތަކުގައި އެންމެ ގިނައިން ކުރާކަމަކީ ގޭމުކުޅުމެވެ. ހަމައެފަދައިން އިންޓަރނެޓް މެދުވެރިކޮށް ފިލްމާއި ލަވައަޑުއެހުން ފާހަގަ ކޮށްލެވެއެވެ. އޭގެތެރޭގައި ނެޓްފްލިކްސް، ސައުންޑް ކްލައުޑް، ޔޫޓިއުބު ފަދަ ވަޞީލަތްތައް ފާހަގަ ކޮށްލެވެއެވެ. ހަމައެފަދައިން އިންޓަރނެޓް މެދުވެރިކޮށް ގޭމު ކުޅުމަކީ ވަތަށް ޢާއްމުކަމެކެވެ. މިފަދަ ޚިދުމަތް ހޯދަމުންދަނީ ފޭސްބުކުންނާއި އިންސްޓަގްރާމް މެދުވެރި ކޮށްގެންނެވެ. މީގެ އޮތުރުން ތަފާތު ތަރިންނާއި ބައްދަލުކޮށް ހަދަނީވެސް ޓެކްނޮލޮޖީގެ އެހީތެރިކަމާ އެކުގައިކަން ފާހަގަކުރަމެވެ.
6.      ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް
            ދިވެހި ރާއްޖޭގައި ދެމުންދާ ޓެލެކޮމިއުނިކޭޝަން ޚިދުމަތަކީ ދިވެހި ކޮންމެ ފަރުދެއްގެ އަސާސީ ޙައްޤެކެވެ. އެހެންކަމަށްވީ ހިނދު ހުރިހާ ފަރުންނަށްމެ މިޚިދުމަތް ލިބެމުންދާ ބީދައިން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް މި ޚިދުމަތް ލިބެން ހުންނަން ޖެހެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ސިޔާސަތު ( 2006 ) ގައި ހާމަކުރައްވާފައިވަނީ ޚާއްޞަ އެހީއަށް ބޭނުންވާފަދަ ފަރާތްތަކުގެ ބޭނުންތައް ދެނެގަނެ، އެބޭނުންތައް ފުއްދޭނެފަދަ ފަރާތްތަކުގެ ބޭނުންތައް ދެނެގަނެ، އެބޭނުންތައް ފުއްދޭނޭފަދަ ޓެކްނޮލޮޖީތަކާއި ވަޞީލަތްތައް ލިބޭނޭގޮތަށް އިންތިޒާމު ކުރެވިފައި ހުރުމަކީ މުހިއްމުކަމެކެވެ. އެހެންކަމުން ޓެކްނޮލޮޖީއަކީ ހުރިހާ ފަރުދުންނަށް ހަމަހަމަކަން އޮތް ވަޞީލަތެއްކަން ދިވެހިސަރުކާރުންވެސް ވަނީ ހާމަކުރައްވާފައެވެ.
އިންފޮމޭޝަން ކޮމިޔުނިކޭޝަންސް ޓެކްނޮލޮޖީ ބޭނުންކުރުމުގެ ގެއްލުންތައް
1.      ޓެކްނޮލޮޖީއަށް ރައްކާތެރި ނުވުން
      ދިވެހިރާއްޖެގެ ޓެލެކޮމިއުނިކޭޝަން ސިޔާސަތު ( 2006) ހާމަކުރައްވާފައިވާ ގޮތުގައި ޓެލެކޮމިއުނިކޭޝަނާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ފަސޭހަކަން ނުހަމަ ގޮތުގައި ބޭނުންހިފާ ފަރަތްތަކުން ޝިކާރުން ކަމުގައި ގިނަބައެއް މިއަދު މިވަނީ ވެފައެވެ. މި ގޮތުން ޖެއްސުންކުރުމާއި އުނދަގޫ ކުރުމުގެ ގޮތުން ލިބޭ ފޯނުކޯލްތަކުން ފެށިފެން ވަކިފަރާތެއް ނޭނގި ލިބޭ އިންޒާރުގެ މެސެޖުތަކާއި، އަމިއްލަ ކޮންޓްރޯލެއްނެތި ލިބެމުންދާ އެތައްހާސް މެއިލްތަކާއި، ބޭކާރު މަޢުލޫމާތުތަކާއި އިންޑީސަންޓް މެޓީރިއަލް ގެ ސަބަބުން ބައެއް ފަހަރު މުވާޞަލާތީ ފަސޭހަކަން މިވަނީ ދުއްތުރާލަކަށް ވެފައެވެ. ޒަމާނީ މުވާޞަލާތީ ވަޞީލަތްތައް މެދުވެރިކޮށް ދުނިޔޭގައި ކުރެވޭ ބޮޑެތި ކުށްތަކަށް މަގުފަހިވެގެންދާއިރު ވިޔަފާރީގެ ސިއްރުތައް ދެމެހެއްޓުމަށާއި، މަޢުލޫމާތު ރައްކާތެރިކުރުމަށް އެތަކެއް ގޮންޖެހުމަކާއި ވަނީ ކުރިމަތިވެފައެވެ. މި ފަދަ ކަންކަމުން ރައްކާތެރިވުމަށް ސަރުކާރާއި އަމިއްލަ ފަރުދުން ސަމާލުވުމަކީ ބޭނުންތެރި މުހިއްމު ކަމެއްކަމުގައި ދެކެމެވެ.  
2.      ނުބައި މަޢުލޫމާތު ލިބުން
             ނަސްރުﷲ މުސްތަފާ ( 2018 ) ގައި ހާމަ ކުރައްވާގޮތުގައި އައި.ސީ.ޓީ ވަޞީލަތަކީ ދެމިޔަލީ ކަނޑިއެކެވެ. އައި.ސީ.ޓީ އަކީ އެންމެންވެސް ދަންނަ މުއާޞަލާތީ އެއްޗަކަށްވީ ހިނދު އިންޓަރނެޓްގެ ބޭނުން ނުބައިގޮތުގައި ހިފާބަޔަކުވެސް އުޅެއެވެ. އެގޮތުން ކަންކަމާއި ބެހޭ ދޮގު މަޢުލޫމާތުވެސް އިންޓަރނެޓްގައި ހުރެއެވެ. އޭގެ ސަބަބުން ކިޔަވާކުދިންގެ ކިޔެވުމަށް ނޭދެވޭ އަސަރުކުރެއެވެ. އަދި ޢާއްމު ފަރުދުންނަށްވެސް ދޮގު މަޢުލޫމާތުގެ ސަބަބުން ގެއްލުންތަވެދެއެވެ. މިފަދަ ކަންކަމަކީ ބައެއްފަހަރަށް މީހުންނަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހޭ ކަންތައްތަކެކެވެ. އަދި ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތި ލާންޖެހެއެވެ.
             ޓެކްނޮލޮޖީގެ މަޢުލޫމާތު ސައްޙަކަން ކަށަވަރުކުރުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމުގައި ދެކެމެވެ. ހަމައެފަދައިން ވިޔާނުދާ ސައިޓްތަކަށްވަދެ ތަފާތު ވީޑިއޯތައް އަދި ތަފާތު މަޢުލޫމަތު ތަކުގެ ސަބަބުން ކުއްޖާ މަގުއޮޅި، އިސްލާމް ދީނުގެ މަގުން ކައްސާލާގޮތްތައް މެދުވެރިވެގެންދެއެވެ. ދަތިފުޅު ބޮޑުވެގެން އަންނަދުވަސްވަރު މައިންބަފައިން ސަމާލު ނުވެއްޖެނަ ކުއްޖާއަށް ދިމާވެދާނެ ތަފާތު މައްސަލަތައް ކުރިމަތިވެގެންދާނެއެވެ. މިސާލަކަށް ތަފާތު ރަހުމަތްތެރިންނާއި ބައްދަލުވެ ދެކެވޭ ވަހަކަތަކުން، ކުރެވޭ ކަންތައްތަކުން، ފެންނަ މަންޒަރުތަކުން، ފެންނަ ފޮޓޯތަކުން ކުއްޖާއަށް ތަފާތު އަސަރުކޮށް ކުއްޖާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތައް ގެނުވައެވެ. 
3.      ލިޔުންތެރިކަން ދަށްވުން
             ޓެކްނޮލޮޖީގެ ސަބަބުން ކަންކަން ތަރައްޤީވެ ކުރިއަރައި ދިއުމުން މީހުންގެ މަސައްކަތުގައިވެސް ލުއިފަސޭހަގޮތްތައް ބޭނުންކުރެއެވެ. އެގޮތުން އައި،ސީ.ޓީގެ ސަބަބުން އަތުލިޔުމުގެ ހުނަރު ދަށްވެ ލިޔުންތެރިކަމަށް ބުރޫއަރައެވެ. އޯލެވަލް އަދި އޭލެވަލް ހަދާ ދަރިވަރުންނަކީ އަތުލިޔުމުން ޓެސްޓް ހަދަންޖެހޭ ބަޔަކަށް ވީއިރު އޭގެ ސަބަބުން ދަރިވަރުންގެ ލިޔުންތެރިކަން ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. ލިޔެ ކިޔުމުގެ ނިޝާންތަކާއި ފިލިތައް، އަކުރުތައްވަނީ ބައްޓަން ގެއްލިފައެވެ. ލިޔުމުގެ ސްޕީޑްވަނީ ގެއްލިފައެވެ. ލިޔުމުގެ ހުނަރާއި ކެރުންތެރިކަން އަދި ޝައުޤުވެރިކަންވަނީ ގެއްލިފައެވެ. މި ކަންތައްތަކަށް ސަމާލުވެ ޒިންމާދާރުވާންޖެހޭ ފަރާތެއްވަނީ ނުފެނިފައެވެ. ހަމައެފަދައިން ލިޔެކިޔުމުގެ ހުރިހާކަމެއް ޓެކްނޮލޮޖީއަށް ބަރޯސާވުމުން ދިރިއުޅުމުގެ ބައެއް ދާއިރާތަކަށް ލިޔެކިޔުމުގެ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭކަން ފާހަގަކުރަމެވެ.
4.      ވާހަކަދެއްކުން ކޮށިވުން  
        ޓެކްނޮލޮޖީގެ ސަބަބުން ވާހަކަ ދެއްކުންތެރިކަމާށް ބޮޑެތި ބަދަލުތައް އާދެއެވެ. ޚާއްޞަކޮށް ކުއްޖާގެ ޅަފަތުގައި ވާހަކަދެއްކުންތެރިކަން ގެއްލޭގޮތް ޓެކްނޮލޮޖީގެ ސަބަބުން މެދުވެރި ކުރުވައެވެ. އެއީ އަޅުނަޑުމެންގެ މައިންބަފައިންގެ އިހުމާލުން ވެގެންދާ ކަންތައްތަކެކެވެ. އުމުރުން ހަގު ދުވަސްކޮޅު ކުއްޖާއަށް ކާޓޫނު އަޅުވައިދީގެން އަބަދު ބޭތިއްބުމުގެ ސަބަބުން ކުއްޖާއަށްވަނީ ވާހަކަ ދެއްކުމުގެ ފުރުޞަތު ގެއްލިފައެވެ. ކުއްޖާ އެކަމަށް ޝައުޤުވެރި ކުރުވުމުން އެކަމަށް ކުއްޖާ ހޭނެއެވެ. އަބަދުވެސް އެކަމަށް އެދިއެދި ހުރެއެވެ. ނުވަތަ ރޮވެއެވެ. މަސްލަހަތަށްޓަކައި ، ކަންފަސޭހައަށްޓަކައި ކުރެވޭ ކަމެކެވެ. ދަރިފުޅަށް ފަހުންވާނެގޮތްތަކެއް ނޭނގޭއެވެ. ނުވިސްނައެވެ. އެންމެފަހުން ދަރިފުޅު އެކަމަށް ދެވިހިފުމުން މިކަން ހުއްޓުވަން އުޅުނަސް ހައްލުކުރަން ވަރަށް ދަތިވެއެވެ. ހަމައެފަދައިން ދަރިފުޅު އަބަދު ސްކްރީނަށް ބަލަންޖެހުމުން ލޮލުގެ މައްސަލަތައް ވަރަށް އަވަހަށް ދިމާވެއެވެ. މިކަމުގައިވެސް ދަރިފުޅުގެ ސަލާމަތަށްޓަކައި ވަކި މިންވަރަކުން ވަކި އުޞޫލަކުން، ވަކިދުރުމިނެއްގައި ކުއްޖާ ޓީވީބެލުމަށް ވިސްނުމަކީ ބުއްދިވެރިކަމެއްކަމުގައި ދެކެމެވެ.
5.      ޚަރަދު ބޮޑުވުން  
         ދުނިޔެއަށް އަންނަ ބަދަލުތަކަށް އަހުލުވެރިވާންޖެހެއެވެ. ތަރައްޤީގެ ކޮންމެ ހަރުފަތަކީ ބޮޑު ފަސޭހައެކެވެ. ނަމަވެސް ރާއްޖޭގެ އެކިއެކި ހިސާބުތަކުގައި ދިރިއުޅޭ މީހުންގެ ޚަރަދަށްބަލާއިރު މީހުންގެ ދިރިއުޅުމާއި، ދުނިޔެއަށް އަންނަ ތައްރައްޤީގެ ކުރިއެރުމާ ދިމާނުވެއެވެ. ލިބޭ ފައިސާކޮޅުން ޓެކްނޮލޮޖީގެ ހުރިހާ ދިމާލަކަށް ވިސްނަންޖެހެއެވެ.  މިސާލަކަށް މޮޅު ފޯނު، މޮޅު ޓީވީ، އަވަސް އިންޓަރނެޓް، ދަތުރުފަތުރު ފަދަ ކަންތައްތަކަށް ބަލާލިއަސް ގޮސްޖެހެނީ ފައިސާގައެވެ. އެހެންކަމުން ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއަށް ދިވެހިރައްޖޭގެ ޢާއްމު ފަރުދުންގެ ތަނަވަސްކަން ނެތުމުގެ ސަބަބުން ގިނަބަޔަކަށް ކުރިމަތިވެފައިވަނީ ޚަރަދު ބޮޑުވުމުގެ މައްސަލައެވެ.
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އައި.ސީ.ޓީ ބޭނުންކުރުމަށް ހުރި ދަތިތައް
1. އިންޓަރނެޓުގެ ޙިދުމަތް ފުރިހަމައަށް ނުލިބުން
             އައި.ސީ.ޓީ ގެ  އެކިއެކި ވަޞީލަތްތައް އަޅުގަނޑުމެންގެ ސުކޫލުގައި އެބަހުއްޓެވެ. ނަމަވެސް އެވަޞީލަތްތަކުގެ ތެރެއިން ބައެއް ވަޞީލަތްތައް އެންމެ އެދޭވޭ ގޮތުގައި ބޭނުން ނުހިފޭކަން ހިތާމައާއެކު ފާހަގަ ކުރަމެވެ. އޭގެތެރޭގައި އިންޓަރނެޓް، ވީޑިއޯ ޑައުންލޯޑް ކުރުން، ތަފާތު އެއްޗެތި އޯޑިއޯ ރެކޯޑް ކުރުންފަދަ ކަންތައްތަކަކީ ކަންބޮޑުވާފަދަ ކަންކަމެވެ.  ބޭނުންކުރުމުގައި ވަރަށް ގިނަ ދަތި އެބަހުއްޓެވެ. ސްކޫލްއަކީ ތަފާތު ޙަރަކާތްތައް ކުރިއަށް ގެންދަންޖެހޭ ތަނެކެވެ. ކުދިންނަށް އަމާޒުކޮށްގެން ރާވާލާ ފިލާވަޅުތައް ރަނގަޅަށް ކުދިންލައްވާ ނުގެންދެވެނީ އިންޓަރނެޓްގެ ޚިދުމަތް ނުލިބުން ނުވަތަ އިންޓަރނެޓްގެ ޚިދުމަތުގެ ސްޕީޑް ލަސްކަމުންނެވެ.
2. ސައުންޑް ސިސްޓަމްގެ ޚިދުމަތް ފުރިހަމައަށް ނުލިބުން
              ސްކޫލްގައި ކުދިން އެކިކަންކަމުގައި ޙަރަކާތްތެރިވާއިރު ރަނގަޅުފެންވަރުގެ ސައިންޑު ސިސްޓަމް، ރަނގަޅު މައިކް ނެތުމުން ކުދިންގެ ހުށައެޅުންތައް އެންމެ އެދެވޭ ގޮތުގައި ނުގެންދެވެއެވެ. މިފަދަ ތަކެތި ނެތުމުން ކުދިންނަށް އެކިއެކި އައިޓަމްތައް ޕްރެކްޓިސް ކުރުމަށް ވަރަށް ދަތިވެއެވެ. ކުދިންގެ ހުށައެޅުންތައް ރަނގަޅަކަށް ދައްކާއެއް ނުލެވެއެވެ. އަޑު ކެޑުމެވެ. އަޑުނީވުމެވެ. ބޭނުންވާ ޢަދަދަށް މައިކު ނެތުމެވެ. ސައުންޑް ސިސްޓަމް ބޭނުންނުކުރެވޭފަދަ ޙާލަތަށް ދިއުމެވެ. މިފަދަ ކޮންމެ ގޮންޖެހުމަކީ ކެތްކުރުމަކަށްވަނީ ވެފައެވެ.
3. ކޮމްޕިއުޓަރ ލެބުގެ ޚިދުމަތް ފުރިހަމައަށް ނުލިބުން
        1990 ގެ އަހަރުތަކުގެ ތެރޭގައި ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމުއިއްޔާއިން ގާއިމުކުރި ކޮމްޕިއުޓަރ ލެބު މިހާރުވަނީ ނެތި ދިއުމުގެ މަގުމަތީގައެވެ. ގިނަދުވަސްތަކެއްވުން އެ ސިސްޓަމްތައް ހަލާކުވެދަނީއެވެ. މަރާމާތު ކުރެވޭނޭ ގޮތެއްނެތެވެ. ހަމައެފަދައިން ބޭނުންކުރެވޭ މަދު ކޮމްޕިއުޓަރުތަކަށް އިންޓަރނެޓް ލިބޭނޭ ގޮތެއް ނެތެވެ. ކުދިންލައްބާ ކުލާސްރޫމުގެ ތެރެއިން ކަމެއް ކޮށްލެވޭގޮތެއް ނެތެވެ. އެހެންކަމުން ކިޔަވައިދިނުމުގައި ދިމާވާ އެންމެބޮޑު ގޮންޖެހުމަކީ ބޭނުންވާގޮތަށް ފިލާވަޅުތައް ކުރިއަށް ގެންދެވޭގޮތް ނުވުމެވެ.
4. ވީޑިއޯ ކުރުމާއި ފޮޓޯނެގުމުގެ ޚިދުމަތް ފުރިހަމައަށް ނުލިބުން
          ކުއްޖާގެ މުޅި ތަޢުލީމީ ޙަޔާތް ނިމިގެންދާއިރު ތަފާތު ރޮނގުރޮނގުން ކުދިން ތަރުބިއްޔަތު ކުރުމަކީ ތަޢުލީމީ ސިޔާސަތުގެ މުހިއްމު އެއްބައެވެ. އެހެންކަމުން ފިލާވަޅާއި ގުޅުވައިގެން ފީލްޑްޓްރިޕްތައް، ސާރވޭތައް، ޕްރޮޖެކްޓްތައް ނުވަތަ އެސައިމަންޓްތައް ފުރިހަމަކުރުމަށްޓަކައި ކުދިންނަށް ވީޑިއޯކުރުމާއި، ފޮޓޯނެގުމާއި، ކެމަރާކުރުންފަދަ ކަންތައްތައް ދަސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ މުހިއްމު ކަންތައްތަކެކެވެ. ނަމަވެސް ސްކޫލްގެތެރެއިން މިފަދަ ޚިދުމަތްތައް ދަސްކޮށް ދިނުމަށް ދިމާވާ ގޮންޖެހުންތަކަކީ އެކަށިގެންވާ އާލާތްތައް ސްކޫލްގައި ނެތުމެވެ. އަދި އެކަމުގެ ޓްރެއިނިންގގެ މީހަކުވެސް ނެތުމެވެ. ކުދިންލައްވާ ގޭގެއިން އެފަދަ އަގުބޮޑު ސާމާނު ގެނައުމަކީ ޓީޗަރަށް، ސްކޫލަށް ހުރި ބޮޑެތި ގޮންޖެހުންތަކެކެވެ. މި ފަދަ ގޮތަކަށް ދަރިވަރުންގެ ގެއިން އަގުބޮޑު ތަކެތި ގެނައުމުން ބެލެނިވެރިންގެ ހިތްހަމަނުޖެމާއި ފާޑުކިއުން އިތުރުވެގެންދެއެވެ.
5.      ކްލާސްރޫމް ތަކުގައި މަލްޓިމީޑިއާ ޕްރޮޖެކްޓްގެ ޚިދުމަތް ފުރިހަމައަށް ނުލިބުން
          ކުދިންނަށް އުގަންނައި ދިނުމަށްޓަކައި ކޮންމެ މުދައްރިސަކުވެސް ރަނގަޅަށް ތައްޔާރުވެލައްވައެވެ. އަމިއްލަ ލެޕްޓޮޕް ބޭނުންކުރައްވައެވެ. މުދައްރިސުން ލެސަންތަކުގައި ވޯޑިއޯ، އޯޑިއޯ، ޕްރެޒެންޓޭޝަން ގެންދަވަން މަސައްކަތް ކުރައްވާއިރު ކްލާސްރޫމުގެ ޕްރޮޖެކްޓަރ ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން އެގަޑިއެއް ރާވާފައިވާ ގޮތަށް ގިނަފަހަރަށް ނުގެންދެވެއެވެ. ޖެހެނީ ކޮންމެވެސް ގޮތަކަށް ބަދަލުކުރާށެވެ. ނުވަތަ އެގަޑި ދޫކޮށްލާށެވެ. މިއީ ކިޔަވައިދިނުމުގައި ހުރި އުނދަގޫ ބޮޑެތި ގޮންޖެހުންތަކެކެވެ. ކުދިންނަށް އަންގައިދޭން ބޭނުންވާ މަޢުލޫމާތު ރަނގަޅަކަށް އަންގައިނުދެވެއެވެ. ދައްކަންބޭނުންވާ ފޮޓޯ ރަނގަޅަށް ދައްކައެއް ނުލެވެއެވެ. މިކަމުގައިވެސް އޮތީ ކެތްކުރުމެވެ.
ރ. އަތޮޅުތަޢުލީމީ މަރުކަޒުގައި އައި.ސީ.ޓީ ބޭނުންކުރުމަށް ހުރި ދަތިތައް ހައްލު ކުރެވިދާނެ ގޮތްތައް
1. އިންޓަރނެޓްގެ ޚިދުމަތް ހައްލުކުރުން
      ކިޔަވާ ކުދިންނަށް އިންޓަރނެޓް ޚިދުމަތަކީ ވަރަށް މުހިއްމު ބައެކެވެ. ކިޔެވުމުގެ ތެރެއިން މި ޚިދުމަތް ނުލިބުމުން ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ސްކޫލްގެފަރާތުން މިނިސްޓްރީ އޮފް އެޑިއުކޭޝަންފައި ދައްނަވާގެން ހައްލުކުރެވޭތޯ ބެލުމަކީ މުހިއްމު ކަމެއްކަމުގައި ދެކެމެވެ. އެގޮތުން އަވަސް ހައްލެއް ނުލިބިއްޖެނަމަ ސްކޫލްގެ ޕީ.ޓީ.އޭ މެދުވެރިކޮށް ހައްލުގެނައުމަށް މަސައްކަތް ކުރެވިދާނެއެވެ. މާނައަކީ ޕީ.ޓީ.އޭގެ ބަޖެޓުން ޚަރަދު ކުރައްވައިގެން އިންޓަރނެޓްގެ ސްޕީޑް އަވަސްކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. މި މައްސަލަ ޕީ.ޓީ.އޭ އިން ޒިންމާ ނަގައިފިނަމަ ވަރަށް އަވަހަށް ހައްލުވެދާނެކަމަށް ޤަބޫލް ކުރަމެވެ. ސަބަބަކީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނަކީ އަބަދުވެސް ކުދިންގެ ޙައްޤުގައި މަސައްކަތްކުރާ ހީވާގި ބެލެނިވެރިންތަކެކެވެ.
2. ސައުންޑް ސިސްޓަމްގެ ޚިދުމަތް ހައްލުކުރުން
       ކުދިންގެ ޙަރަކާތްތަކުގައި ބޭނުންވާ ސާމާނު ހަމައަށް ހުރުމަކީ ކުދިންގެ ކުރިމަގު ބައްޓަންކުރުމުގައި މުދައްރިސުންނަށް ނުހަނު ފަސޭހަވެގެންދާނެ ކަމެކެވެ. އެގޮތުން ކުދިންގެ ހުށައެޅުންތަކުގައި ބޭނުންކުރުމަށް ސައުންޑް ސިސްޓަމަކީ ކޮންމެހެން ބޭނުންއެއްޗެކެވެ. ރަނގަޅު ސައުންޑު ސިސްޓަމެއް ހޯދުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ދަންނަވައިގެން މަސައްކަތް ކުރެވިދާނެއެވެ. އެގޮތުން ނުވެއްޖެ ނަމަ ޕީ.ޓީ.އޭގެ ސަމާލުކަމަށް ގެންދެވިދާނެއެވެ. މީގެ އިތުރުން ކުރެވިދާ ކަމަކީ މުހިއްމު އިވެންޓްތަކަށް ރަށުގައި ހުރި ކުލަބު، ޖަމުއިއްޔާ ނުވަތަ ބޮޑުބެރު ގްރޫޕްފަދަ ބޮޑީއެއް މެދުވެރި ކުރައްވައިގެން އެ އިވެންޓެއް ކުރިއަށް ގެންދެވިދާނެއެވެ. ނަމަވެސް ޕްރެކްޓިސް ކުރުންފަދަ ގިނަދުވަސްތަކަށް މިފަދަ ގޮތަކަށް އެއްޗެތި ނުލިބޭނެއެވެ. ނޫނީ ބެލެނިވެރިން ފައިސާ ހޯދުމުގެ އިވެންޓްތަކެއް ބާއްވަވާ ފައިސާ ޖަމާކޮށް އެފަދަ ވަޞީލަތެއް ތަނުގައި ޤާއިމު ކުރެވިދާނެއެވެ.
3. ކޮމްޕިއުޓަރލެބުގެ ޚިދުމަތް ހައްލުކުރުން
       ޓެކްނޮލޮޖީގެ ރޮގުން ކުރިއަށްދާ ޒަމާނުގައި ކޮންމެ ސްކޫލެއްގައިވެސް ކުދިންނަށް ޚާއްޞަކުރެވިފައިވާ ކޮމްޕިއުޓަރލެބު ހުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ދަރިވަރުންނަށް ޓެކްނޮލޮޖީގެ ތަފާތު ވަޞީލަތްތައް ދަސްކޮށްދެވޭނީ އޭރުންނެވެ. މި ޚިދުމަތް އެކަށީގެންވާގޮތުގައި ނުދެވެނީ ކޮމްޕިއުޓަރލެބުގައި ކޮމްޕިއުޓަރ ނެތުމުންނެވެ. އަދި ކޮމްޕިއުޓަރ ލެބުގައި އިންޓަރނެޓް ލިބެން ނެތުމުންނެވެ. މިކަން ހައްލުކުރުމަށްޓަކައި ކުރެވިދާނެ އެއްކަމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ދަންނަވައިގެން ކޮމްޕިއުޓަރތައް މަރާމާތު ކުރެވޭތޯ ބެލުމެވެ. ނުވަތަ މިނިސްޓްރީގެ ބަޖެޓުން ކޮމްޕިއުޓަރތަކެއް ލިބޭތޯ މަސައްކަތް ކުރުމެވެ. ހަމަ މިގޮތަށް އިންޓަރނެޓް ކުދިންނަށް ލިބޭތޯ ބެލުމެވެ. އޭރުން ކުދިން އަތުގައިވާ ތެބްލެޓަށް ވައިފައި ދީގެން މިކަން ހައްލު ކުރެވިދާނެއެވެ. އެގޮތުން ނުލިބިއްޖެނަމަ ޕީ.ޓީ.އޭ މެދުވެރިކޮށް ކޮމްޕިއުޓަރތަކެއް ގަނެވޭތޯ ބެލުމެވެ. މިކަން މިހެން ނުވެއްޖެނަމަ ކޮންމެވެސް ފަރާތެއްގެ އެހީ ލިބޭތޯ މަސައްކަތްކުރުމެވެ. މިސާލަކަށް ތަފާތު ކުންފުނިތައް، ކައިރީގައި ހުރި ރިސޯޓްތައް، ނުވަތަ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއްގެ އެހީތެރިކަން ހޯދުމެވެ.
4. ވީޑިއޯ ކުރުމާއި ފޮޓޯނެގުމުގެ ޚިދުމަތް ހައްލުކުރުން
         ކުދިންގެ ކިޔެވުމުގެ މަސައްކަތްތައް ފުރިހަމަ ކުރުމަށްޓަކައި ވީޑިއޯ، ކެމެރާކުރުން ވަރަށް މުހިއްމެވެ. މިކަންކުރެވޭނީ ތަފާތު ވަޞީލަތްތައް ލިބިގެންނެވެ. މިކަންތައް ހައްލު ކުރުމަށްޓަކައި މިނިސްޓްރީއޮފް އެޑިއުކޭޝަނުގައި ދެންނެވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެކަން ނުވެއްޖެނަމަ ޕީ.ޓީ.އޭގައި ދަންނަވައިގެން މަސައްކަތް ކުރާނީއެވެ. ނުވަތަ ކުދިންނަށް ދެވިފައިވާ ޓެބްލެޓުންވެސް މިކަން ކުރެވިދާނެއެވެ. އަދި މީގެއިތުރުން ކުދިންގޭގައި މައިންބަފައިންގެ ގެންގުޅޭ ފޯނު ބެލެނިވެރިންގެ އިޒުނައާއެކު ކުލާހަށްގެނެވިދާނެއެވެ. މިކަމުގައި ބެލެނިވެރިންގެ ޒިންމާ ވަރަށް ބޮޑުވާންޖެހޭނެއެވެ. އެއީ ކުދިންނަށް ފޯނާކުޅެން ދަސްކޮށްދިނުން، ވީޑިއޯ ކުރުން، ފޮޓޯނެގުން އެޑިޓްކުރުން ފަދަކަންކަމަކީ ކުދިން ދަސްކުރަންޖެހޭ މުހިއްމު ކަންތައްތަކެކެވެ.
5.      ކުލާސްރޫމްތަކުގައި މަލްޓިމީޑިއާ ޕްރޮޖެކްޓްގެ ޚިދުމަތް ހައްލުކުރުން
          ކުލާސްރޫމުގައި ތިބޭ ދަރިވަރުންނަށް އެންމެ ރަނގަޅަށް ފިލާވަޅު އަންގައިދެވޭނީ ކްލާސްރޫމުގައި މަލްޓިމީޑިއާ ޕްރޮޖެކްޓް ރަނގަޅަށް ހުރެގެންނެވެ. އެހެންކަމުން ކުލާސްތަކަށް މަލްޓިމީޑިއާ ޕްރޮޖެކްޓް ހޯދުމަށް ތަފާތު މަސައްކަތް ކުރެވިދާނެއެވެ. އެގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ދަންނަވައިގެން ޕްރޮޖެޓް ލިބޭތޯ ބެލުމަކީ މުހިއްމުކަމެކެވެ. މީގެ އިތުރުން ޕީ.ޓީ.އޭ ގެ ސަމާލުކަމަށް ގެނެސްގެން މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ. މީގެ އިތުރުން ބެލެނިވެރިން ފައިސާ ހޯދުމަށް ތަފާތު އިވެންޓްތައް ބާއްވާގެން ފައިސާ ހޯދުމަކީ ކުރެވިދާނެ ކަންތައްތަކެކެވެ. ނުވަތަ ކޮންމެ ކުލާހަކަށް ޓީވީއެއް ހޯދުމަކީ ޚަރަދުގެ ގޮތުން ކުޑަ ޚަރަދެއް ދާނެ ކަމެކެވެ. ވީމާ ދަންނަވަމެވެ. މިފަދަ ޚަރަދު ބޮޑު މައްސަލަތައްވަނީ އަޅުގަނޑުގެ ސްކޫލްގައި ހައްލު ހޯދަންޖެހިފައެވެ.
ނިންމުން
      މި ދިރާސީ މަޒުމޫނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވާނީ އުނގެނުމާއި އުނގަނައިދިނުމުގައި އައި.ސީ.ޓީ ބޭނުންކުރުމުގެ މައްޗަށެވެ. ޓެކްނޮލޮޖީއިން ލިއްބައިދޭ ފައިދާތަކުން މުޅި ދިރިއުޅުން ބައްޓަން ކޮށްދެއެވެ. ދިރިއުޅުމުގައި ދިމާވާ ކަންތައްތައް ހައްލު ކޮށްދިނުމުގައި ޓެކުނޮލޮޖީގެ ދައުރު ވަރަށްބޮޑެވެ. މި މަޒުމޫނުގައި އަލިއަޅުވާލާފައިވާ ޓެކްނޮލޮޖީގެ ބައިތަކުން ކުރާ ފައިދާތަކާއި ގެންލުންތައް ދެނެގަނެ އެކަންތައްތަކާއި ދޭތެރޭގައި ވިސްނާ ފިކުރުކޮށް ޢަމަލީ ސިފަ ގެނައުމަކީ ވަރަށް މުހިއްމުކަމެކެވެ.  ހަމައެފަދައިން އަޅުގަނޑު މަސައްކަތްކުރާ ސްކޫލްގައި ޓެކްނޮލޮޖީގެ ދާއިރާއިން ދިމާވާ މައްސަލަތައް ދެނެގަނެ، އެމައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތައްކޮށް ދަރިވަރުންނަށް އެންމެފައިދާހުރި ގޮތަކަށް ޢަމަލުކުރުމަކީ ދަރިވަރުން ކުރިއަށްދިއުމަށް ދައްކައިދޭ ރަނގަޅު މަގެއްކަމުގައި ވާނެކަން ކަށަވަރެވެ. 
         ޓެކްނޮލޮޖީއަކީ ޙަޔާތުގައި މުހިއްމު ދައުރެއް އަދާކުރާއެއްޗެކެވެ. އެހެންކަމުން ޓެކްނޮލޮޖީއަށް އަހުލުވެރިވެ، އެ ހެޔޮގޮތުގައި  ބޭނުންކުރުމަކީ މުޅި ދިރިއުޅުން އާރާސްތު ކޮށްދޭނެކަމެކެވެ. ޓެކްނޮލޮޖީއިން ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާ އެކަންތައްތަކުން އަރައިގަތުމަށް ބުއްދީގެ ބޭނުން ހެޔޮގޮތުގައި ކުރުމަށް ނަޞޭޙަތްތެރިވަމެވެ. ބުއްދިވެރިންނަކީ ދިމާވާ ކަންތައްތައް ހައްލުކޮށް، އަދި ދިމާވެދާނެ ކަންތައްތަކަށްވިސްނާ ކުރިއަށް ފިޔަވަޅު އަޅާ، އެއަށް ޢަމަލުކުރާ މީހުންނެވެ.  
            
ރިފަރެންސް